ކ. މާލެ
|
6 ސެޕްޓެންބަރ 2023 | ބުދަ 20:43
ޕާކިސްތާނުގައި ކަރަންޓުގެ އަގު އުފުލުން
ޕާކިސްތާނުގައި ކަރަންޓުގެ އަގު އުފުލުން
މުސާރަ އޮތްގޮތަށް ކަރަންޓު ބިލަށް؟
ޕާކިސްތާނުގެ އާންމު ގޭބިސީއަކަށް ލިބޭ ޖުމުލަ އާމްދަނީގެ 50 ޕަސެންޓް މިހާރު ޚަރަދުކުރަމުން ދަނީ ކަރަންޓު ބިލުތައް ޚަލާސް ކުރުމަށް

ޕާކިސްތާނުގެ ކަރާޗީގެ ބާޒާރުމަތީގައި ހުރި ފަހީމު މުހައްމަދު ނައީމަކީ ދިރިއުޅުމަށްޓަކައި ރަންރިހީގެ މަސައްކަތްކުރާ މީހެކެވެ. ބާޒާރުމަތީގައި ހުރިއިރުވެސް އޭނާގެ މޫނު މަތިން ފެންނަމުން ދިޔައީ ހާސްކަމާއި، ނުތަނަވަސްކަމާއި ރުޅިވެރިކަމުގެ އަސަރެވެ. އޭރު ފަހީމުގެ އަތުގައި އޮތް ކަރަންޓު ބިލެއް އޮތެވެ. އޭގައި އޮތް ޖުމުލަ އަދަދަކީ، ފަހީމަށް މަހެއްގެ މައްޗަށް ލިބޭ ޖުމުލަ އާމްދަނީއާ ދާދި އެއްވަރުގެ އަދަދެކެވެ.

މިއީ އުމުރުން 47 އަހަރުގެ ފަހީމުގެ ހާލަތެވެ. ފަހީމުފަދަ އެތައް ސަތޭކަ ބަޔަކު، ޕާކިސްތާނުގެ އެކި ހިސާބުތަކުގައި މިއަދު އެބަތިއްބެވެ. އޯގަސްޓް މަހުގެ ކަރަންޓު ބިލު، ކުއްލި ގޮތަކަށް ބޮޑުވެގެން މުޒާހަރާ ކުރަމުން ދާ އެތައް ބަޔަކު އެބައުޅެއެވެ. ކުއްލި ގޮތަކަށް ބިލު ބޮޑުވެގެން އުޅެނީ ޓެރިފާއި ޓެކްސް ބޮޑުވުމުގެ ސަބަބުންނެވެ. މި ދަނޑިވަޅަކީ، ބައިނަލްއަގިވާމީ މާލީ އިދާރާ (އައިއެމްއެފް) މެދުވެރިކޮށް ޕާކިސްތާނުން 3 ބިލިއަން ޑޮލަރުގެ ލޯނެއް ކަށަވަރުކޮށް، އިންތިހާ އިންފްލޭޝަނާ ކުއްލި ގޮތަކަށް ކުރިމަތިލާފައިވާ ދަނޑިވަޅެކެވެ. ރައްޔިތުންގެ ޝަކުވާތައްވެސް އޭގެ އެންމެ އިންތިހާއެވެ.

ފަހީމުގެ އޯގަސްޓް މަހުގެ ކަރަންޓު ބިލަށް އަރާފައި އޮތީ 24532 ރުޕީޒްއެވެ. އެއީ ގާތްގަނޑަކަށް 79.99 އެމެރިކާ ޑޮލަރެވެ. މަހެއްގެ މައްޗަށް ޢާމްދަނީގެ ގޮތުގައި ފަހީމަށް ގެއަށް ގެންދަން ލިބެނީ 30000 ރުޕީޒް ނުވަތަ 97.82 ޑޮލަރެވެ. ފަހީމު ބުނިގޮތުން ވިއްޔާ މީގެ ކުރިން އޭނާގެ ކަރަންޓު ބިލަށް އަރަނީ 17000 ރުޕީޒް ނުވަތަ 55.43 ވަރަކަށް ޑޮލަރެވެ. ޖުލައި މަހުގެ ބިލުވެސް އެހާކަންހާވަރެވެ. މިދިޔަ އަހަރުގެ މި ދުވަސްވަރު، ފަހީމުގެ ކަރަންޓު ބިލަށް އަރާފައި އޮތީ އެންމެ 9000 ރުޕީޒް ނުވަތަ 29.35 ޑޮލަރެވެ.

އަހަރެމެން މިތާ މި ތިބީ އަހަރެމެންގެ ހައްގުތަކަށް ޑިމާންޑްކުރަން. ކަރަންޓު ބިލާ ހެދި މުޒާހަރާ ކުރަން. އެމީހުން އޮތީ ބިލުތައް ފިސާރި ބޮޑުކޮށްލާފަ. ފަގީރުން ކިހިނެއް އެ ފައިސާ ދައްކާނީ. މި ލިބެނީ 25000، 30000 ޕާކިސްތާން ރުޕީޒް. ބިލަށް މި އަރަނީ 24000 ރުޕީޒް. އަހަރެން ކިހިނެއް އެ ފައިސާ ދައްކާނީ؟ އެހެންވެ މިތަނަށް މުޒާހަރާ ކުރަން އައިސް މިއުޅެނީ.
ފަހީމު މުހައްމަދު ނައީމު؛ ޕާކިސްތާނު ރައްޔިތެއް

ޕާކިސްތާނުގެ ދުވަހު ނޫހެއް ކަމަށްވާ ޑޯންއާ ހަވާލާދީ ރޮއިޓާޒްއިން ރިޕޯޓުކޮށްފައި ވާގޮތުގައި، ޕާކިސްތާނުގެ އާންމު ގޭބިސީއަކަށް ލިބޭ ޖުމުލަ އާމްދަނީގެ 50 ޕަސެންޓް މިހާރު ޚަރަދުކުރަމުން ދަނީ ކަރަންޓު ބިލުތައް ޚަލާސް ކުރުމަށެވެ. މީގެ 4 ވަރަކަށް އަހަރު ދުވަސް ކުރިއަށް ބަލާއިރު، އެ ނިސްބަތް އުޅުނީ 15 ޕަސެންޓާ 20 ޕަސެންޓާ ދެމެދު މިންވަރެއްގައެވެ.

ޕާކިސްތާނުގެ އެތައް ރައްޔިތުންނެއް މިހާރު ވަނީ މަގުތަކަށް ނުކުމެފައެވެ. އަޑު އުފުލަމުން ދަނީ ސަރުކާރާ ދެކޮޅަށެވެ. ޑިމާންޑް ކުރަމުން ދަނީ ދާދި ފަހުން ކަރަންޓުގެ ޚިދުމަތުން ބޮޑުކުރި ޓެރިފްއާއި ޓެކުހުގެ މިންވަރު އުވާލުމެވެ.

އަހަރެމެން މިތަނަށް މިއައީ ކެތްތެރިކަން ކޮޅުންލީމަ. ކަރަންޓު ބިލަށްވެސް ޓެކްސް ލާފަ މިއޮތީ. ހަކަތައަށް ހިނގާ ޚަރަދަށް އެޖަސްޓްކޮށްފަ ކަމަށް ބުނެ. އެކަހަލަ މިކަހަލަ ކަންކަމާއި ހެދި ފަގީރުންނަށް މިހާރު ދިރިއުޅުން ބަރުދާސްތު ކުރެވޭކަށް ނެތް. މީހުން އެބަ އަމިއްލައަށް މަރުވެސްވޭ. އަހަރެމެން މަސައްކަތް ކުރަމުން މިދަނީ ވެރިންނަށް އިންޒާރެއް ދެވޭތޯ. އެމީހުންނާ ދެކޮޅަށް ރައްޔިތުންގެ އަޣުލަބިއްޔަތު ނުކުތުމުގެ ކުރިން، މިކަމަށް ހައްލު ހޯދަން ގޮވާލަނީ މި. ސަރުކާރާ ދެކޮޅަށް ރައްޔިތުން ބަޣާވާތް ކުރުމުގެ ކުރިން މިކަންކަން ހައްލު ކުރަން މި އިންޒާރު ދެނީ.
މުހައްމަދު ވާލީ މުސްތަފާއީ؛ ޕާކިސްތާނު ރައްޔިތެއް

ފަހީމުގެ އަންހެނުން، ޝަގުފްތާ ނާޒް ބުނިގޮތުގައި އެ އާއިލާއިން ބޭނުންކުރަމުން ދަނީ ހަމައެކަނި 2 ބޮތްކާއި ސީލިންގ ފަންކާއެކެވެ. އެވެސް މި ދުވަސްވަރު ބޭނުންކުރަނީ ވަރަށް މަދުން ކަމަށާއި، ނަމަވެސް މަހަކަށްވުރެ މަހެއް، ކަރަންޓު ބިލު ދަނީ ބޮޑުވަމުން ކަމަށް ޝަގުފްތާ ބުންޏެވެ.

އަހަރެމެން ބޭނުންކުރާ ހަމައެކަނި އެއްޗަކީ ފަންކާއަކާ 2 ބޮކި. އެކަތި ސިޓިންގ ރޫމްގަ، އަނެކަތި ބަދިގޭގަ. ދުވާލު ގަޑީގަ އެއްވެސް ވަރަކަށް ބޮކި ނުދިއްލާ އުޅެވޭތޯ އަހަރެމެން ބަލަނީ. ފަންކާއަށް ބަލާއިރު، އެވެސް ބޭނުން ކުރަނީ ހާލަކުން ފަހަރަކު. ދަރިންކޮޅު ސްކޫލުގަ އުޅޭއިރު، ނޫނީ ބޭރު ތެރޭގަ ކުޅެން އުޅޭއިރު ވީ ވަރަކުން ފަންކާގަނޑުވެސް ނުޖަހާ ވޭތޯ އަހަރެމެން ބަލަނީ. މިވަރަށް ބަލައިގެން އުޅޭ އިރުވެސް، ކަރަންޓު ބިލު ހާދަހާއޭ ބޮޑީ.
ޝަގުފްތާ ނާޒް؛ ފަހީމުގެ އަންހެނުން

ފަހީމާއި ޝަގުފްތާގެ 15 އަހަރުގެ އަންހެން ދަރިފުޅު މިހާރު ފިކުރުކުރަމުން ދަނީ އޭނާގެ ތައުލީމީ ހަޔާތަށް ވެދާނެ ގޮތަކާ މެދުގައެވެ. ސްކޫލުގެ ފީތައް ދެއްކުމަށް ބައްޕަ ނުކުޅެދި، ސްކޫލުން ވަކިވާން ޖެހިދާނެކަމުގެ ބިރު، އެ މައުސޫމު ހިތް ނުތަނަވަސް ކުރުވައެވެ.

އެއްޗެހީގެ އަގުތައް ވަރަށް ބޮޑުވެއްޖެ. ބައްޕަ އަބަދުހެން ހުންނަނީ ހާސްވެ، މާޔޫސްވެފަ. ބިލުތައް އެހާ ބޮޑު. ބައްޕަ ބުނާގޮތުން، އަހަރެންގެ ކިޔެވުމުގެ ޚަރަދުތައްވެސް ފުއްދާލެވޭނެ ފަދައެއް ނެތް ދެނެއް. ކިޔެވުން ހުއްޓާލަން ޖެހިދާނެތީ އަހަރެން ވަރަށް ކަންބޮޑުވޭ މިހާރު އެބަ.
ފަހީމުގެ ދަރިފުޅު

ތަފާސް ހިސާބުތަކަށް ބަލާއިރު ޕާކިސްތާނުގެ އިންފްލޭޝަން ރޭޓް އޯގަސްޓް މަހުވެސް އުޅުނީ 27.4 ޕަސެންޓަށްވުރެ މަތީގައެވެ. އައިއެމްއެފުން ޕާކިސްތާނަށް ކަށަވަރުކޮށްދިން ލޯނާ ގުޅިގެން ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަ ކުރަން ޖެހިފައި އޮތުމާއެކު، އިންފްލޭޝަން ރޭޓް ދަށްކުރުމަށްޓަކައި ކުރެވޭނެ މާ ބޮޑު ކަމެއްވެސް މިއަދަކު ނެތެވެ.

ފަހީމު މަސައްކަތްކުރަނީ ވީރާނާ ވެފައިވާ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކުޑަކުޑަ ކޮޓަރިގަނޑެއްގެ ތެރޭގައެވެ. ރަންރިހީގެ މަސައްކަތުގައި އޭނާއަށް އަތްގާތްކޮށްދޭ މީހަކުވެސް އުޅެއެވެ.

ކުރިން، އަހަރެމެން ގޭ މަގަށް އަލިވާ ގޮތަށް، އަހަރެމެން ގޭ ކުރިމަތީގަ ހުންނާނެ ބޮތްކެއް. އެކަމަކު އަވަށުގެ އެހެން މީހުން ގޮތަށް، އަހަރެމެންވެސް މިހާރު އެ ބޮކި ނަގައިފިން. އެހެންވެ، ރޭގަނޑު ގަޑީގަ މުޅި ހިސާބުގަނޑު އޮންނާނީ ކަނު އަނދިރިކަމުގެ ތެރޭގަ. ރޭގަނޑު 10 ޖަހާލާއިރު އަނދިރިކަމުން ހީވާނީ ފަތިހު 3 ޖަހާއިރުހެން. އެހެންވެ، ވަގުންގެ ކަންތައްވެސް ވަރަށް ބޮޑުވޭ އެބަ އަހަރެމެންގެ އަވަށްގަނޑުގަ. އެކަމަކު، އަހަރެމެންނަށް ވަކި ކޮން ކަމެއް ކުރެވެން އޮތީ؟ އަހަރެމެންގެ މަގުތައް ދިއްލާފަ ބާއްވަންވީތަ؟ ނޫނީ ކަރަންޓަށް ހިނގާ ޚަރަދު ސަލާމަތްކުރަން ވީތަ؟
ބިލާލް ސަރުވާރު؛ ފަހީމުގެ އަވައްޓެރިއެއް

މީގެ ކުރިން 8 ގަޑިއިރު މަސައްކަތް ކުރިނަމަވެސް، މިހާރު މަސައްކަތްކުރަން ލިބެނީ އޭގެ ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ވަރުގެ ކޮޅެކެވެ. ކަރަންޓު ކެނޑުމުގެ މައްސަލައާހެދިއެވެ. އެވަރުންވެސް، އެ ވޯކްޝޮޕްގެ ކަރަންޓު ބިލު ވަނީ ދެ ގުނަ ބޮޑުވެފައެވެ.

އިގްތިސާދު ހެޔޮ ފާލަކަށް އެޅުވުމަށްޓަކައި މިއަދު ޕާކިސްތާނަށް ކުޅެންޖެހިފައި ވަނީ ދޭތިން އެކައްޗަށެވެ. ސޮވެރިން ދަރަނިތައް ޚަލާސް ނުކުރެވި ގައުމު ބަނގުރޫޓުވެދާނެ ކަމުގެ ބިރަށް ވިސްނައި، އައިއެމްއެފުން ޕާކިސްތާނަށް 3 ބިލިއަން ޑޮލަރުގެ ލޯނު ހަމަޖައްސައިދޭން ނިންމީ ޖުލައި މަހުގެ ތެރޭގައެވެ.

ލޯނުގެ ކަންކަން ހަމަޖައްސައިދިނުމާއެކު ޕާކިސްތާނަށް ތަންފީޒުކުރަންޖެހޭ އިސްލާހީ ބަދަލުތަކެއްވެސް އެބަހުއްޓެވެ. އެގޮތުން އެ ގައުމަށް މުދާ އިމްޕޯޓްކުރުމަށް އޮތް ހުރަސްތަކަށް ލުއިދިނުމާއި، ސަބްސިޑީޒް އުވާލުންފަދަ ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މިކަންކަމާހެދި ޕާކިސްތާނުގެ ބާޒާރުގައި މިހާރުވެސް ތަކެތީގެ އަގުތައް އުފުލެމުން ދަނީ އޭގެ އެންމެ އިންތިހާއަށެވެ. ހަމަ މިއާއެކު، އިންޓަރެސްޓް ރޭޓްވެސް ދަނީ އުފުލެމުންނެވެ. ޕާކިސްތާނު ފައިސާގެ އަގުވެސް ވަނީ، ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. އޯގަސްޓް މަހުގެ ތެރޭގައި ޕާކިސްތާން ރުޕީޒްގެ އަގު ވަނީ 6.2 ޕަސެންޓް ދަށަށް ގޮސްފައެވެ.

- ކޮމެންޓް
7 ސެޕްޓެންބަރ 2023 | ބުރާސްފަތި 10:00
ޙަލަތު
ބ.ގޮއިދޫ މީހުންވެސް ލިބޭ އާމްދަނީގެ ބޮޑު ބައެއް ޚަރަދު ކުރަނީ ކަރަންޓުބިލަށް