ރާއްޖޭގެ އެއްމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ, ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް އިންސްޓޯލްކޮށް ނިންމައި، މިއަދު އެ ޕްލާންޓްގެ ޕްރީކަމިޝަންގެ މަސައްކަތް ފަށައިފިއެވެ.
މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައި، އެއިން 1.5 މެގަވޮޓުގެ ކަރަންޓް އުފެއްދޭގޮތަށް ޑިޒައިންކޮށް، އިންސްޓޯލްކޮށްފައިވާ ޕްލާންޓެކެވެ.
ޖުމްލަ 20.5 މިލިއަންޑޮލަރު ޚަރަދުކޮށްގެން، ކޮރެއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ޑިޒައިންކޮށް އިންސްޓޯލްކުރި މި ޕްލާންޓްގައި އިންސިނެރޭޓަރަކާއި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ސްޓީމް ޓާރބައިންއެއްގެ އިތުރުން, މިއިން ކުނި އަންދައިގެން އަރާ ދުން ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ވަނީ ބޭނުންކޮށްފައެވެ. އެހެންކަމުން މިޕްލާންޓް ފަރުމާކޮށް އިންސްޓޯލްކޮށްފައި ވަނީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ގެއްލުން ނުވާނެ ގޮތަށެވެ.
މިޕްލާންޓަކީ ދެކުނު ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގައި ބެހެއްޓިފައިވާ ޕްލާންޓެއްކަމުން، މި ޕްލާންޓްގެ ޕްރީ ކަމިޝަން ފެށުމަށްޓަކައި ކޮންޓްރެކްޓަރާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް، މިފެސިލިޓީ ވަނީ އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާ ހަވާލުކުރެވިފައެވެ. އެގޮތުން ޕްރީކަމިޝަންކުރުމާއި ކަމިޝަންކޮށް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގައި ކޮންޓްރެކްޓަރާއެކު މިއަދުން ފެށިގެން ވެމްކޯ ހަރަކާތްތެރިވާނެއެވެ.
މި ޕްލާންޓް އެއްކޮށް ކަމިޝަންކޮށް ނިމެންވާއިރަށް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވެމްކޯއިން މިހާރުވެސްވަނީ އެކަމާ ގުޅޭ ތައްޔާރީތައް ވާންފަށާފައެވެ. އެގޮތުން މި ޕްލާންޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމާއި މިތަނަށް ބޭނުންވާ ކުނި ގެނައުމަށް ބޭނުންކުރާނެ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އެ ކުންފުނިންވަނީ ފަށާފައެވެ. މިފެސިލިޓީ އޮޕަރޭޝަނަށް އަންނައިރު އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅުގެ ރަށްތަކުންނާއި ރިސޯޓްތަކުގެ ކުނި މިތަނަށް ގެނެސް ޕްރޮސެސްކުރެވޭނެ ކަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން މައުލޫމާތު ދެއެވެ.
އަދި މިތަނަށް ގެންނަ ކުނި ޕްރޮސެސްކުރުމަށްޓަކައި، ބަންދުކުރެވިފައިވާ ބަންކަރެއްވަނީ ގާއިމުކޮށްފައެވެ. އެހެންކަމުން މިތަނުގައި ހިނގާ އެއްވެސް ކަމެއް ބޭރަށް ނުފެންނާނެހެން ތަން ހުންނާނީ ބަންދުކުރެވިފައެވެ.
މި ޕްލާންޓްގެ ޕްރީކަމިޝަން ފެށުމަށްޓަކައި ވެމްކޯއާ މި ތަން ހަވާލުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވަނީ މި މަރުކަޒުގައި ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުއެވެ.
މި ރަސްމިއްޔާތުގައި މިފެސިލިޓީ ވެމްކޯއާ ހަވާލުކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާއެވެ. މި ރަސްމިއްޔާތުގައި، އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އަދި ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.