އެމްޑީޕީން ރައްޔިތުންނަށް ކުރާ ޚިދުމަތުގެ ފިކުރަށް ބަދަލެއް ނާންނަކަމަށާއި އަންނަ ކަމަށް ވާނަމަ އަންނަނީ އިތުރަށް ފުރިހަމަކަން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު މެލޭޝިއާގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ ފަހުގެ ތާރީޚުގައި ސިޔާސީ ގޮތުން ރާއްޖެ އަށް ބޮޑު ބަަދަލެއް ގެނެސްދިނީ އެމްޑީޕީން ކަމަށެވެ. އިސްލާހީ މަސައްކަތުގައި އެމްޑީޕީން ކުރި މަސައްކަތްތައް އަދިވެސް ކުރެވޭތޯ ބަލާ ކަމަށް އަސްލަމް ވިދާޅުވިއެވެ. ދުޅަހެޔޮ ތައުލީމީ ޖީލެއް ބިނާކޮށް، ގައުމަށް ޚިދުމަތްކުރުމަށް އެމްޑީޕީން މަސައްކަތްކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ރަށްރަށަށް ދިއުމުން މި ސަރުކާރުން ކޮށްފައިވާ އިންވެސްޓްމެންޓްތައް ފެންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ. 141 ރަށުގައި ފެނާއި ނަރުދަމާ ގައިމުކުރީ މި ސަރުކާރުން ކަމަށައި 135 ރަށުގައި ރަނގަޅު ފެންވަރުގެ ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދޭން ފެށީވެސް މި ސަރުކާރުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި 121 ރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުން ފަދަ ކަންކަން މި ސަރުކާރުން ކޮށްދީފައިވާ ކަަމަށް އަސްލަމް ވިދާޅުވިއެވެ.
ކޮންމެ ތާކު ތިއްބަސް ދިވެހިންނަކީ ގައުމު ދެކެ ލޯބިވާ ބައެއް ކަމަށާއި ކޮންމެ ތާބު ތިއްބަސް ގައުމު ބިނާކުރުމުގައި ބަސްބުނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ގައުމުގެ މުސްތަގްބަލް ބިނާކުރާނެ ގިނަ އަަދަދެއްގެ ދިވެހި ކުދިން މެލޭޝިއާގައި ވެސް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. ހުރިހާ ބޭފުޅުންވެސް އެމްޑީޕީގެ މެނިފެސްޓޯ ބައްލަވާލެއްވުމަށް އަސްލަމް އެދިވަޑައިގެންނެވިއެވެ. އެމްޑީޕީ އަބަދުވެސް އިންތިޚާބުތަކަށް ނުކުންނަނީ ފުރިހަމަ މެނިފެސްޓޯއަކާއި އެކުގައި ކަމަށާއި އެ މެނިފެސްޓޯގައިވާ ކަންކަން ކުރަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.