ރިޔާސީ އިންތިޚާބާ ދިމާކޮށް ވެރިކަމަށް ހޮވިވަޑައިގެންފިނަމަ ރައްޔިތުންނާއި ޤައުމަށް ކޮށްދެއްވާނެ ކަންތައްތައް ކޮންމެ ކެންޑިޑޭޓަކު ވެސް ހާމަކުރައްވައެވެ. ޤައުމާ ދޭތެރޭ އެ މީހެއްގެ އޮތް ތަސައްވުރެއް ރައްޔިތުންނަށް ވެސް އެނގި އިންތިޚާބުގައި ރަނގަޅު ނިންމުމެއް ނިންމޭނީ ވެސް އޭރުންނެވެ. ނަމަވެސް ހަމައެއް ލަމައެއްނެތި ބައެއް ކެންޑިޑޭޓުން ވައުދުވެވަޑައިގަންނަވާ މަންޒަރު ދަނީ ފެންނަމުންނެވެ. މި ކެންޑިޑޭޓުން ހޮވައިފިނަމަ ކުރިއަށް އޮތް ފަސް އަހަރު ދިވެހިން ތިބެންވީ އެއްވެސް މަސައްކަތެއް ނުކޮށް ގޭގައެވެ. ރައްޔިތުންގެ ހުރި ހުރިހާ ކަންބޮޑުވުމަކަށް އެ ފަސް އަހަރު ތެރޭގައި ހައްލު ލިބޭނެއެވެ.
ކެންޑިޑޭޓުންގެ ވައުދުތަކުގެ ތެރޭގައި ބަޖެޓުން މިލިއަނުން ޚަރަދުކޮށް ހަދާ ފްލެޓުތައް ބަހާލާނީ ހިލެއެވެ. ހުރިހާ ބާވަތެއްގެ ބޭސްފަރުވާއެއް، ދުނިޔޭގެ ކޮންމެ ޤައުމަކުން ވެސް ދިވެހިންނަށް ހިލޭ ކުރެވޭނެއެވެ. މިހާތަނަށް ރާއްޖޭގެ ބޭންކުތަކުން އާއްމުން ނަގާފައިވާ ހުރިހާ ލޯނެއް މައާފެވެ. ހުރިހާ ޖޫރިމަނާއެއް މައާފެވެ. މަސައްކަތް ނުކުރި ކަމުގައި ވިޔަސް ސަރުކާރު މުވައްޒަފުންނަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ. މިއީ ހައްތަހާވެސް މިއަހަރުގެ އިންތިޚާބުގައި އިވެމުން އަންނަ ތަފާތު ވައުދުތަކެވެ. މިކަންތައް ކުރެވޭނެ ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް މިކަން ކުރާނެ ގޮތެއްވެސް ރައްޔިތުންނަށް ހާމަކޮށްދޭން އެބަޖެހެއެވެ.
ވައުދެއް ވެވަޑައިގަންނަވަން ޖެހޭނީ އެ ވައުދެއް ފުއްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮވެގެންނެވެ. ރައްޔިތުންނާ ބައްދަލު ކުރާއިރު ރައްޔިތުން ބުނިހާ ކަމެއް ކޮށްދޭނެކަމަށް ބުނުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެ ރައްޔިތު މީހާގެ ވޯޓުގެ ބޭނުމުގައި ވައުދު މިވެވެނީ ކޮންކަމަކަށްތޯ ރަނގަޅަށް ވިސްނާނުލައެވެ. އަންނަ ހޮނިހިރު ދުވަހު ވޯޓު ހޯދަން "ތަރި ބާލާފައި ދޭން" ބައެއް ކެންޑިޑޭޓުން ވައުދު ވެއްޖެއޭ ބުނުމުން ހައިރާނެއް ނުވާނެއެވެ.
މިގޮތަށް ރައްޔިތުން ހިތް ރުއްސަން އެ ބުނާ ހުރިހާ ކަމެއް ކޮށްދޭނެކަމަށް ވައުދުވާއިރު އެ ހުރިހާ ކަމެއް ނުކުރެވޭނެކަން ވެސް ކެންޑިޑޭޓުންނަށް އެނގެއެވެ. ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ތަރައްގީގެ ބިޔަ މަޝްރޫއުތައް ބޭނުންވާނެއެވެ. ހިލޭ ހުރިހާ ޚިދުމަތެއް ވެސް ބޭނުންވާނެއެވެ. އެކަމަކު އެގޮތަށް ކަންކަން ކުރުމުން ޤައުމަށް ހުރި ގެއްލުމާއި ދައުލަތުގެ ބަޖެޓަށްވާނެ ބުރައާ ގުޅޭ މައުލޫމަތު ރައްޔިތުންނާ ހިއްސާ ކުރުމަކީ އަސްލު ލީޑަރެއްގެ ގައިގައި ހުންނަން ޖެހޭނެ ސިފައެކެވެ. ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ އެ ރައްޔިތުން ގާތުގައި ތެދުވެރިވުމެވެ.
ރައްޔިތުންނާ ހަމައަށް ވޯޓަށް އެދި މެނިފެސްޓޯއަކާއެކު ވަޑައިގަންނަވާއިރު އެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަކީ ކުރެވޭނެ ކަންކަން ހާމަކޮށްދެވޭނެ ވަރަށް ދިރާސާތައް ހެދިފައި ހުންނަން ޖެހޭނެއެވެ. އެ މެނިފެސްޓޯގައި ހިމެނޭ ކަންކަމަށް ބަޖެޓު ހަމަޖެހިގެންދާނެ ގޮތާއި ދައުލަތުން ކުރާ ޚަރަދުތައް ބޮޑުވާނަމަ އެބައި ފޫބެއްދުމަށް ދައުލަތަށް އާއްމުދަނީ ވަންނާނެ ގޮތްތައް ވެސް ސާފުކޮށް އެނގެން އޮންނަން ޖެހޭނެއެވެ.
މިހާ ފަސޭހައިން ބޮޑެތި ވައުދުތައް ވެވަޑައިގަންނަންވަން ގިނަ ކެންޑިޑޭޓުންނަށް ފަސޭހައިން ޕްލޭނެއް ނެތި މިއަހަރުގެ އިންތިޚާބުގައި ވާދަކުރައްވަން ނުކުންނެވުމުންނެވެ. ބައެއް ކެންޑިޑޭޓުންނަށް ވާދަކުރައްވާނެކަން ކަށަވަރުވީވެސް ފޯމު ހުށަހަޅަން ދެތިން ދުވަހަށް ވެފައި އޮއްވައެވެ. އެހެންކަމުން އެކަށީގެންވާ ސިޔާސަތުތަކެއް ކަނޑައަޅަން ވަގުތު ނުވީކަމަށް ވެސް ވެދާނެއެވެ.
ކެންޑިޑޭޓުން މިފަދަ ވައުދުތައް ވެވަޑައިގަންނަވާއިރު އެ ވައުދުތައް ފުއްދާނެ ގޮތާ ގުޅޭގޮތުން ސުވާލު އުފެއްދުމަކީ ރައްޔިތުންގެ ވެސް ޒިންމާއެކެވެ.