ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ހޯދުމަށް ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުން މަސައްކަތް ފަށައިފި އެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް ރާމޯސް ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރި ދެ އަހަރުގެ އެއްބަސްވުން މިދިޔަ ސީޒަންގެ ނިޔަލަށް ހަމަވުމާއެކު، އޭނާ ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އޭގެ ފަހުން މިހާތަނަށް ރާމޯސް ހުރީ އެއްވެސް ކުލަބާ ނުގުޅި އެވެ. ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ބައެއް ކުލަބުތަކުން ވަނީ ކޮށްފަ އެވެ. އެގޮތުން ރާމޯސް ހޯދުމުގެ މަސައްކަތް ކުރި އެއް ކުލަބަކީ ތުރުކީގެ ބެސިކްޓާސް އެވެ. އެ ކުލަބުން އައީ ރާމޯސްއާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ. މަޝްވަރާތަކަށްފަހު އެ ކުލަބަށް ބަދަލުވާން ރާމޯސް އަނގަ ބަހުން އެއްބަސްވި ކަމަށް އޭރު ރިޕޯޓުތައް ވެސް ބުންޏެވެ. ނަމަވެސް، ފަހުން ބެސިކްޓާސް އިން ވަނީ އެ ކުލަބުން ރާމޯސް ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލައިފަ އެވެ. ރާމޯސް ހޯދުމުގެ މަސައްކަތް އެ ކުލަބަށް ހުއްޓާލަން ޖެހުނީ މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާ އެކު އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ރާމޯސް ހޯދުމަށް އަލް އިއްތިހާދުން ބޭނުންވެ އެވެ. އެކުލަބުން މިހާރު ވަނީ ރާމޯސް އަށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެއީ ދެ އަހަރު ދުވަހުގެ ހުށަހެޅުމެކެވެ. މުސާރައިގެ ގޮތުގައި ވެސް އެ ކުލަބުން ރާމޯސް އަށް ބޮޑު އަދަދެއް ދޭނެ ކަމަށް ވަނީ ބުނެފަ އެެވެ. އެހެންކަމުން އަލް އިއްތިހާދުން މިހާރު އިންތިޒާރު ކުރަމުން އަންނަނީ ރާމޯސްގެ ނިންމުމަކަށެވެ. އަލް އިއްތިހާދުން ރާމޯސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ސައުދީ ލީގުގެ ކުލަބުތަކުން، މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ލީގުގެ ކުލަބިތަކަށް ގެންނަމުން އަންނަ ވަގުތެއްގަ އެވެ.
އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ސެވިއްޔާ އެތުލެޓިކޯ އިންނެވެ. އެއަށްފަހު ދެން އޭނާ ބަދަލުވީ ސެވިއްޔާ އަށެވެ. ސެވިއްޔާގައި އެއް އަހަރު ހޭދަ ކުރުމަށްފަހު އޭނާ ރެއާލް މެޑްރިޑާ ގުޅުނީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުލަބާއެކު ހޭދަ ކުރި 16 ސީޒަންގެ ތެރޭގައި ރާމޯސް ވަނީ ރެއާލަށް 671 މެޗު ކުޅެދީ 101 ލަނޑު ޖަހައިފަ އެވެ. ރެއާލާއެކު އޭނާ ވަނީ 22 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ރާމޯސް ވަނީ 2005 އިން 2021 އަށް ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ޤައުމީ ޓީމަށް ކުޅެދިން 180 މެޗުގައި އޭނާ ވަނީ 33 ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ ފީފާ ވޯލްޑް ކަޕް އަދި ޔުއެފާ ޔޫރޯ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.