ކ. މާލެ
|
3 ސެޕްޓެންބަރ 2023 | އާދީއްތަ 08:00
މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކެޕްޓަން ސޮން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކެޕްޓަން ސޮން އުފާ ފާޅުކުރަނީ
ރޮއިޓާރސް
އިނގިރޭސި ޕްރިމިއާ ލީގު
ބާންލީ ބަލިކޮށް ޓޮޓެންހަމް ދެ ވަނަ އަށް
މޮޅާއެކު ޓޮޓެންހަމް ދެ ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޓޮޓެންހަމް ދެ ވަނަ އަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބާންލީގެ ޓާފް މޫރްގައި ކުޅުނު މެޗު ޓޮޓެންހަމް އިން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބާންލީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ލައިލް ފޯސްޓާ އެވެ. ނަމަވެސް 16 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ކެޕްޓަން ސޮން ހެއުން މިން ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމުން ވަނީ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ޖެހީ ކްރިސްޓިއަން ރޮމޭރޯ އެވެ. ދެ ވަނަ ހަފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ޖެހީ ޖޭމްސް މެޑިސަން އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑާއި، ފަސް ވަނަ ލަނޑު ޖެހީ ކެޕްޓަން ސޮން އެވެ. އެއާއެކު އޭނާ ވަނީ މެޗުގައި ހެޓްރިކް ހަމަކޮށްފަ އެވެ. ބާންލީގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޖޯޝް ބްރައުންހިލް އެވެ.

މޮޅާއެކު ޓޮޓެންހަމް ދެ ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާއެކު އެވެ. އެއް ވަނައިގައި އޮތް ސިޓީ އަށް ހަތަރު މެޗުން ލިބެނީ 12 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް 10 ޕޮއިންޓު ލިބޭއިރު، ޓޮޓެންހަމް ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. ލީގުގައި ދެން ޓޮޓެންހަމަށް އޮންނާނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. ޓޮޓެންހަމް އަތުން ބަލިވި ބާންލީ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގަ އެވެ.

- ކޮމެންޓް