އުތުރު ތިލަފަޅަކީ ރާއްޖޭގެ މިލްކެއް ކަމަށާއި އިންޑިއާ ސިފައިން އެތާކު ނުތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަހުސްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި މެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ސިފައިން މިލިޓަރީ ނުވަތަ އަސްކަރީ މަސައްކަތެއް ކުރަން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. ގައުމުތަކުގެ ސިފައިން ރާއްޖޭގައި އައިސް ތިބެނީ އަސްކަރީ ބޭނުމަށް ނޫން ކަމަށާއި އެމީހުން ތިބެނީ އެކިކަހަލަ ތަމްރީނުތަކަށް ކަަމަށް ވެސް ވިދާޅުވިއެވެ.
އެ ވިދާޅުވީ އޭގެ މައުލޫމާތު އަޅުގަނޑުމެން މަޖިލީހަށް ހާމަކުރި ވާހަކަ. އެ އެގްރީމެންޓުގައި މައްސަލަ އެއް އޮތް ނަމަ އެކަމެއް ހާމަކުރައްވަން ޖެހޭނެ. އެ ދުވަހަކުވެސް ހާމަ އެއް ނުކުރައްވާ. އެއިން އެއްވެސް އެގްރީމެންޓެއްގައި ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުއޮންނާނެ. އުތުރުތިލަފަޅަކީ ރާއްޖޭގެ މިލްކެއް. އިންޑިއާގެ ހިލޭ އެހީގައި ހަދާދޭ ތަނެއް. އެތާކު ބޭރުގެ ސިފައިންނެއް، އިންޑިއާ ސިފައިންނެއް، އެއްވެސް ގައުމެއްގެ ސިފައިންނެއް ނުތިބޭނެ.ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
އުތުރު ތިލަފަޅު އެއްބަސްވުމުގެ މައުލޫމާތުތައް މަޖިލީހާއި ވެސް ހިއްސާކުރައްވާފައިވާ ކަމަށާއި އެ އެއްބަސްވުމުގައި މައްސަލައެއް ހުރިކަމަށްވާނަމަ އޭރުވެސް އެކަން ހާމަކުރަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް އެގްރީމެންޓެއްގައި ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ނުއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.