ކ. މާލެ
|
3 ސެޕްޓެންބަރ 2023 | އާދީއްތަ 07:09
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަނީ
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖޭގެ ދަރަނި މެނޭޖްކޮށް އިގްތިޞާދު ކުރިއެރުވުން
"ރިޒަރވްގައި ޑޮލަރު އެބަހުރި، އަމާޒަކީ 2026 އަންނައިރު 350-400 މިލިއަން ޑޮލަރަށް ސޮވަރިން ފަންޑު ބޮޑުކުރުން"
2026ގައި ޑައިރެކްޓް ޑިއުވާ އަދަދަކީ 800 މިލިއަން ޑޮލަރު
އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރު ފަސްކުރަން ވާހަކަދެކެވި އެ ޖާގަ ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި
ރައީސް ވަނީ ރިޒަރވްގައި ޑޮލަރު ނެތް ކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފައި

ރިޒަރވްގައި ޑޮލަރު އެބަހުރި ކަމަށާއި އަމާޒަކީ 2026 އަންނައިރު ސޮވަރިން ފަންޑުގައި ފައިސާހުރި މިންވަރު 350-400 މިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޒަރވްގައި، ބޮންޑުގައި ޑޮލަރު ނެތްކަމަށާއި ހުރީ ހަމައެކަނި ދިވެހި ފައިސާކަމަށް ދަނީ އަޑު ފެތުރެމުންނެވެ. ރިޔާސީ ބަހުސްގައި އިގްތިސާދީ ސިޔާސަތާމެދު ސުވާލު ދެންނެވިއިރު، އެކަމާއި ގުޅޭގޮތުންނާއި ދަރަނި މެނޭޖްކުރުމާއި ގުޅޭގޮތުން ވަނީ ސުވާލު ދަންނަވާފައެވެ. ރައީސް ވަނީ ރިޒަރވްގައި ޑޮލަރު ނެތް ކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފައެވެ. އަދި ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގައި މިހާރު 7 ބިލިއަން ރުފިޔާ އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިގްތިޞާދީ ސިޔާސަތުތަކާމެދު ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ އިތުރު ޓެކްސް އެއް ތައާރަފްކުރުމުގެ ވިސްނުންފުޅެއް އަދި ނުގެންގުޅުއްވާ ކަމަށެވެ.

ރިޔާސީ ބަހުސްގައި ރައީސް ވަނީ ދަރަނި މެނޭޖްކުރުމަށް ކުރައްވާނެ ކަންކަމުގެ ތަފްސީލު ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން 2026ގައި ޑައިރެކްޓް ޑިއުވާ އަދަދަކީ 800 މިލިއަން ޑޮލަރު ކަމަށާއި އޭގެ ތެރޭގައި އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރު ފަސްކުރަން ވާހަކަދެކެވި އެ ޖާގަ ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ކޮވިޑްގެ ތެރޭގައި ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކްގެ ތަފްސީލްވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެ ފައިސާގެ ތެރެއިން 250 މިލިއަން ޑޮލަރު ހޭދަކުރެއްވީ ކުރީގެ ސަރުކާރުން ނަގާފައިވާ ސަނީ ސައިޑް ބޮންޑަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދެން ހުރި ފައިސާ ހޭދަކުރެއްވީ ދައުލަތުގެ އެކި ޚަރަދުތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

2026ގައި ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ގެންގުޅުއްވާނެ ސިޔާސަތަށް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. އެ ފައިސާގެ ތެރެއިން ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރައްވާނެ ކަމަށާއި މާކެޓުން ފައިސާ ހޯދޭނެ ގޮތްތައް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދަރަނި ދައްކަން ބޭނުންވާ ފައިސާ ހުންނާނެ ކަމަށާއި ފައިސާ ދެއްކުމަށް ދައްޗެއް ނެތް ކަމަށެވެ. މީގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށާއި ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތަށް ލިބެނީ 22 މިލިއަން ރުފިޔާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަހަރު 34 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި 2026 ވަނަ އަަހަރު ދައުލަތަށް 46 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

- ކޮމެންޓް