އޯގަސްޓް 31 ވީ ބުރާސްފަތި ދުވަހު ބައިނަލްއަޤުވާމީ މީޑިއާ ސިއްސުވާލި އެއް ޚަބަރަކަށް ވީ ދެކުނު އެފްރިކާގެ ޖޮހެނަސްބަރގްގެ އިމާރާތެއްގައި އަލިފާނުގެ ހާދިޘާއެއް ހިނގާ، ގިނަ ޢަދަދެއްގެ ބަޔަކު މަރުވި ޚަބަރެވެ. ބުރާސްފަތި ދުވަހުގެ އިރު ތިރިވަމުން ދިޔައިރު، ހާދިޘާގައި މަރުވި މީހުންގެ ޢަދަދު ވަނީ 70 އަށް ވުރެ މައްޗަށް އަރާފައެވެ. އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހާދިޘާއިން ސަލާމަތް ވި ބައެއް މީހުން މިހާރުވެސް ދަނީ އެމީހުންގެ ތަޖުރިބާތައް ބައިނަލްއަޤުވާމީ މީޑިއާއާއި ހިއްސާ ކުރަމުންނެވެ.
އާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުން ދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑުގެ ތެރެއިން ސަލާމަތްވި މަލާވީގެ ރައްޔިތެއް ކަމަށް ވާ، ޢުމަރު ފުއާދު ކިޔައިދިން ގޮތުގައި އޭނާގެ ދައްތަ ވަނީ ހާދިޘާގެ ތެރޭގައި ގެއްލިފައެވެ. ފުއާދުގެ ބޮޑުބޭބެ ދަރިއެއް، އިމާރާތުން ބޭރަށް އެއްލާލި ގޮތުގެ ވާހަކަވެސް އޭނާ ވަނީ މީޑިއާއާއި ހިއްސާކޮށްފައެވެ. އެ ކުއްޖާގެ ފުރާނަ ސަލާމަތްވި ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ކަށަވަރެއް ނުވެއެވެ.
ފުރަތަމަ ގެއްލުނީ އަހަރެންގެ ދައްތަ. އަހަރެންގެ 3 ދައްތަ މިހާރުވެސް ގެއްލިއްޖެ. އަހަރެންގެ ހުރިހާ މުދަލެއް ގެއްލިއްޖެ. ގޭތެރެއިން އެއްވެސް އެއްޗެއް ބޭރަކަށް ނުގެންނަން. އޭރު އުޅުނީ އެ ކާރިޘާގަނޑުގެ ތެރޭގަ، އަމިއްލަ ފުރާނަ ސަލާމަތް ކުރެވޭތޯވިއްޔާ. އަހަރެންގެ ދައްތަ އައީ އޭނާގެ ކުޑަކުޑަ އަހެން ދަރިފުޅުވެސް އިމާރާތުގަ ބައިންދާފަ. ދެން އަހަރެންގެ ފަހަރިއެއް، ކުޑަދޮރުގަ ޖަހާފަ، އެ ދަރިފުޅު ބޭރަށް އެއްލާލީ. އެއްވެ ތިބި މީހުންނާ ދިމާއަށް. އެ ދަރިފުޅު، ހޫނު ވައިގެ ތެރެއިން ވެއްޓެމުން ދަނިކޮށް އެމީހުން އެކުއްޖާ ހިފީ.ޢުމަރު ފުޢާދު؛ ޖޮހެނަސްބަރގްގެ ރަށްވެއްސެއް
މަންޒަރު ދުށް މީހުންގެ ވާހަކަތަކުންވެސް އެތައް ކަމެއް އެނގިގެން ދިޔައެވެ. މަންޒަރު ދުށް އެކަކު ކިޔައިދިން ގޮތުގައި އަލިފާނުގެ ހާދިޘާއެއްގެ ވަޤުތުގައި އިމާރާތުން ބޭރަށް ނުކުމެން އޮންނަ މަގު އޮތީ ބަންދުކޮށްފައެވެ. އިމާރާތުގެ ތެރޭގައި ބޯވަމުން ދިޔަ ދުންގަނޑު ޝިކާރައަކަށް ވެގެންވެސް މަރުވި މީހުންގެ ޢަދަދު މަދެއް ނޫނެވެ.
އަލިފާނުގެ ހާދިޘާއެއް ހިނގައިގެން އުޅޭއިރު ނުކުންނަން އޮންނަ އަސްލު މަގު އޮތީ ބަންދުކޮށްފަ... އެތާ ބައިވަރު މީހުން ތިބި. އެނގެއެއްނު، ވަރަށް ބައިވަރު މީހުން ތިބި. ދުންގަނޑު އޮތް. މީހުން ދިޔައީ ދުންގަނޑު ތެރޭ ހާސްވަމުން. ވަރަށް ގިނަ މީހުން މަރުވި ދުމުގެ އަސަރުކޮށްގެން. ގޭޓު ކައިރީގަ ވަރަށް ޕްރެޝަރު ބޮޑުކޮށް އޮތީ. އެހެންވެގެންވެސް ބަޔަކު މަރުވި. ބައެއް ގޭޓުތައްވެސް ހުރީ ބަންދުކޮށްފަ.ކެނީ ބޫޕޭ؛ މަންޒަރު ދުށް މީހެއް
ހާދިޘާ ހިނގި އިމާރާތުގައި ދިރިއުޅެމުން ދިޔަ ގިނަ މީހުންނަނީ ދެކުނު އެފްރިކާއަށް ހިޖުރަކޮށްގެން އުޅޭ މީހުންނެވެ. އެ އިމާރާތަކީ ދެކުނު އެފްރިކާގައި ކިޔާ ގޮތުން ނަމަ 'ހައިޖެކް' ކޮށްފައި ވާ އިމާރާތެކެވެ. މާނައަކީ، އެއީ ގެދޮރު ނެތް މީހުން ބޭނުން ކުރަމުން ދިޔަ އިމާރާތެއް ކަމެވެ. އޯގަސްޓް 31 ވަނަ ދުވަހުގެ ހާދިޘާއަކީ ދެކުނު އެފްރިކާގައި މިއަދު ދިރި ތިބި މީހުންގެ އެންމެ ދުރު ހަނދާނަށް ބަލާއިރުވެސް ހިނގި މިފަދަ އެންމެ ހިތްދަތި ހާދިޘާ ކަމަށް، މުނިސިޕަލް ގަވަމަންޓުން ވަނީ ބުނެފައެވެ.
5 ބުރީގެ އިމާރާތުގަ އަލިފާން ރޯވީ ވަރަށް ހެނދުނުގެ ވަޤުތެއްގަ. އަހަރަމެން އޭރު ފަށައިފިން އިމާރާތުން މީހުން ހުސްކުރަން. އަލިފާން ނިއްވުމުގެ މަސައްކަތްވެސް ކުރަމުން އަހަރަމެން ދިޔައީ އޭރު. ހާދިޘާގެ ޒާތަށް ބަލާއިރު، މަރުވި މީހުންނާއި ޒަޚަމްވީ މީހުންގެ ޢަދަދު އަދިވެސް އިތުރަށް މައްޗަށް ދާނެ ކަމަށް މި ބެލެވެނީ މިހާރު.ރޮބަރޓް މުލައުދްޒީ؛ ޖޮހެނަސްބަރގްގެ އޮފިޝަލެއް
އެ ހިތްދަތި ހާދިޘާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރު ވާ ގޮތެއް ނުވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ބަޔަކު ގަސްތުގައި ރޯކުރި އަލިފާނެކެވެ. މިއާއެކު ބުރާސްފަތި ދުވަހު ޤައުމާ މުޚާޠަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން، ދެކުނު އެފްރިކާގެ ރައީސް ސިރީލް ރާމަފޯޒާ ވަނީ، މިފަދަ އިތުރު ހާދިޘާތަކުން އާބާދީތަކާއި ކަމާއި ބެހޭ ފަރާތްތައް ސަލާމަތް ކުރުމަށް، ތަޙުޤީޤުތައް އެހީއަކަށް ވާނެ ކަމަށް ޢުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.