ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 22:08
ނިޒާެރު ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ނިޒާެރު ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ހައްޔަރުކުރުން
އިބްރާހީމް މުހައްމަދު ދީދީ ހައްޔަރުކުރުމަށް ކޯޓް އަމުރުވަނީ ނަގާފައި:ނިޒާރު
އަބްދުﷲ މަސީހު ސަލާމަތެއް ނުވާނެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ ހައްޔަރުކުރުމަށް ކޯޓް އަމުރު ނަގާފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވެފައިވަނީ އިބްރާހީމް މުހައްމަދު ދީދީ ހައްޔަރުކުރުމަށް ކޯޓް އަމުރު ނަގާފައިވާކަމަށް، އިބްރާހީމް މުހައްމަދު ދީދީ ނިޒާރުއާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

ނިޒާރު އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައިވެސް ވިދާޅުވެފައިވަނީ ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ދީދީ ހައްޔަރުކުރުމަށް ކޯޓް އަމުރު ނަގާފައިވާކަމަށާއި ރައްޔިތުން މަޖްލީހުގެ ރައީސް އަބްދުﷲ މަސީހު ސަލާމަތެއް ނުވާނެކަމަށެވެ.

އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓްރެރިޒަމް ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އަޑުއެހުންވަނީ ކެންސަލްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ އަނބުރާ ގެންދިއުމަށްފަހު، އަލުން އެ ދައުވާ އުފުލީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަބްދުﷲ ގާޒީ އެކަހެރި ކުރިއިރު އިބްރާހީމް ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުކަމުގެ މަޤާމުގައެވެ.

އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް 2015 ވަނަ އަހަރު ކުރި ޓެރަރިޒަމުގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައި ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން 2015 ވަނަ އަހަރުގެ ޖޫން 25 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ދެން ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް އަންގާފައެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން އިބްރާހިމް ދީދީގެ މައްޗަށް އަލުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ޕީޖީ އޮފީހުގެ ފަރާތުން މައްސަލައެއްގައި މުރާޖައާ ކުރުމަށް ނުވަތަ ދިރާސާކުރުމަށް ނޫން ގޮތަކަށް މައްސަލަ އަނބުރާ ގެންގޮސްފި ނަމަ އެ މައްސަލައެއްގައި ދެން އަލުން ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި މީހެއްގެ މައްޗަށް ދައުވާ ކުރެވޭ މައްސަލައެއްގައި ދައުވާ ނުކުރާނެކަން އެމީހަކަށް ޕީޖީ އޮފީހުން އަންގާފައި ވާނަމަވެސް އެފަދަ މައްސަލައެއްގައިވެސް ދައުވާ ނުކުރެވޭނެކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. ހައިކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ 2012 ވަނަ އަހަރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރިކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން ފަސް ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވެއެވެ. އެގޮތުން އިބްރާހިމް ދީދީއާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ކާނަލް (ރޓޑ) މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ އުފުލި އެވެ.

- ކޮމެންޓް