ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 19:41
ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާ
ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާ
ރޮއިޓާސް
ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރުގެ ހުކުމް ކުރުކުރުން
ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރުގެ 8 އަހަރުގެ ހުކުމް 1 އަހަރަށް އެގައުމުގެ ރަސްގެފާނު ކުރުކޮށްދެއްވައިފި
މިކަން އިއުލާނުކޮށްފައި ވަނީ އެގައުމުގެ ޝާހީ ގެޒެޓްގައި ހުކުރު ދުވަހު
ޝިނަވަތުރާގެ ހުކުމް، އެގައުމުގެ ރަސްގެފާނު ކުރުކޮށްދެއްވާފައި މިވަނީ ހުކުމް މައާފުކޮށްދެއްވުން އެދި އޭނާ ރައީސަށް ހުށަހެޅުއްވިތާ އެއް ދުވަސް ފަހުން
ޝިނަވަތުރާގެ ޖަލު ހުކުމް ރަސްގެފާނު ކުރު ކޮށްދެއްވާފައިވާކަން އިއުލާނުކޮށް، ޝާހީ ގެޒެޓުގައި ވަނީ ޝިނަވަތުރާ އަކީ އެގައުމަށާއި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ އަދި ތަހުތައް ވަފާތެރި

ތައިލަންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާގެ އަށް އަހަރުގެ ޖަލު ހުކުމް، އެގައުމުގެ ރަސްގެފާނު، އެއް އަހަރަށް ކުރުކޮށްދެއްވައިފިއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ އެގައުމުގެ ޝާހީ ގެޒެޓްގައި ހުކުރު ދުވަހުއެވެ.

ޝިނަވަތުރާގެ ހުކުމް، އެގައުމުގެ ރަސްގެފާނު ކުރުކޮށްދެއްވާފައި މިވަނީ ހުކުމް މައާފުކޮށްދެއްވުން އެދި އޭނާ ރައީސަށް ހުށަހެޅުއްވިތާ އެއް ދުވަސް ފަހުންނެވެ.

2006 ވަނަ އަހަރު، އެގައުމުގެ އަސްކަރިއްޔާއިން ޝިނަވަތުރާގެ ވެރިކަން ވައްޓާލުމާއެކު އޭނާ ވަނީ ޖަލު ހުކުމުން ސަލާމަތްވުމަށް ގައުމުން ބޭރަށް ވަޑައިގަންނަވާފައެވެ. 15 އަހަރަށްވުރެ ގިނަ ދުވަހު ގައުމުން ބޭރުގައި ދިރިއުޅުއްވުމަށްފަހު ޝިނަވަތުރާ އަނބުރާ ތައިލަންޑަށް ވަޑައިގަންނަވާފައި ވަނީ މިދިޔަ ހަފުތާއެވެ. އެއާއެކު އޭނާއަށް ވަނީ އަށް އަހަރުގެ ޖަލުހުކުމެއް ކޮށްފައެވެ.

ޕްރައިވެޓް ޖެޓްގައި ޝިނަވަތުރާ ތައިލޭންޑަށް ވަޑައިގަތުމާއެކު އޭނާ ވަނީ ހުކުމް ތަންފީޒުކުރަން ޖަލަށް ގެންދެވިފައެވެ. އަދި އޭނާ ޖަލުގައި ހޭދަކުރެއްވި ފުރަތަމަ ރޭ، އޭނާ ވަނީ ލޭ މައްޗަށްގޮސް، މެއިގައި ރިއްސާތީ ފުލުހުންގެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޝިނަވަތުރާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ވެރިކަމުގައި ހުންނެވިއިރު، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައި އަމިއްލަ ފައިދާއަށް މަސައްކަތް ކުރައްވާފައިވާކަމުގެ ކުށް ސާބިތުވެއެވެ.

ޝިނަވަތުރާގެ ޖަލު ހުކުމް ރަސްގެފާނު ކުރު ކޮށްދެއްވާފައިވާކަން އިއުލާނުކޮށް، ޝާހީ ގެޒެޓުގައި ވަނީ ޝިނަވަތުރާ އަކީ އެގައުމަށާއި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ އަދި ތަހުތައް ވަފާތެރި ބޭފުޅެއް ކަަމަށް ބުނެފައެވެ. އަދި އޭނާ ވަނީ އޭނާގެ ކުށްތަކަށް އިއުތިރާފުވެ އެކަމަށް މައާފަށް އެދި ވަޑައިގެންފައި ކަމަށާއި އޭނާ އުމުރުން ދުވަސްވެ، ބަލިހާލު ގޯސްވަމުން ދާތީ އޭނާއަށް ސިއްހީ މާހިރުންގެ އެހީތެރިކަން މުހިންމުކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

15 އަހަރު ދުވަހު ގައުމުން ބޭރުގައި ހުންނެވި ނަމަވެސް ޝިނަވަތުރާ އަކީ އަދިވެސް އެގައުމުގައި ނުފޫޒުގަދަ ސިޔާސީ ޝަހްސެކެވެ. އޭނާއަށް ވަފާތެރި ސިޔާސީ ޕާޓީތަކުން ދަނީ 2001 ވަނަ އަހަރުން ފެށިގެން އަދި އަދަށްވެސް ގައުމުގެ ހުރިހާ އިންތިހާބެއް ކާމިޔާބުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް