ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށްވުރެ ވަކި ރަނގަޅު އެހެން ގޮތެއްވެސް ކުރިޔަށް އޮތް އިންތިޚާބުގައި ނެތްކަމަށް ރައީސް ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމު ވިދާޅުވެއްޖެއެވެ.
ތ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެއަތޮޅު ވަންދޫގައި ބޭއްވޭވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރަށްރަށް ތަރައްގީކުރަމުން ގެންދިޔުންކަމަށެވެ. އެހެންކަމުން ހަމައެކަނި ވަންދުއަށްވެސް މިސަރުކާރުގައި ޕީއެސްއައިޕީގެ ދަށުން 26 މިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫޢު ހިންގާފައިވާއިރު ކުރީ ސަރުކާރުގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫޢުގެ ޚަރަދު އެއް ލައްކައަށްވެސް ނާރާކަމަށެވެ.
އަސްލަމް ވިދާޅުވީ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރެވެގެން މިދަނީ މިސަރުކާރުގައި ކަމަށާއި މީގެ ކުރީ ސަރުކާރުތަކުން އެކަންކަން ކޮށްދީފައިނުވާކަމަށެވެ.
އެންމެ އަސާސީ ކަންކަމުގެ ގޮތުގައި ފެނާއި ނަރުދަމާ. 141 ރަށުގައި މިސަރުކާރުން އެކަންކުރަންޖެހޭ. މާނައަކީ މިކަންކަން އެރަށްރަށުގައި ނުކުރެވި މަދު ރަށެއްގައި ކޮންމެސް އެއް މިނެއްގައި މިކަން ކުރެވެނީ. އެއްވެސް ވަރަކަށް އެކަން ނުކުރެވޭ އެއް ރަށެއްވެސް ނޯންނާނެ މިހާރު. މިހުރިހާ މަޝްރޫއުތައް އެއްކޮށް ނިމްމާލެވުނީމާ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ލިބޭނީ ސާފު ބޯފެނާއި ކަންކަން ވާނީ ނިންމާފައި. ބަނދަރުތަކަށް ކުރެވޭ އިންވެސްޓްމަންޓް އެނގިވަޑައިގަނނަވާނެ. ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރާ މަސައްކަތް އެނގިވަޑައިގަންނަވާނެ. ބައެއް ރަށުރަށުގައި ބިން ހިއްކާ. 1578 ކްލާސްރޫމް ގާއިމުކޮށް އެނިންމަނީ. 85 ރަށުގެ ސްކޫލްގެ މަލްޓިޕާޕަސް ހޯލު އަޅައިދެނީ.މުހައްމަދު އަސްލަމު/ ރައީސް ޞާލިހުގެ ރަނިންގމޭޓް
އަސްލަމް ވިދާޅުވީ ސިޔާސީ މަސައްކަތަކީ ހަތުރުވެރިކަން އޮންނަންޖެހޭ ޒާތީކަމެއް އޭގައި އޮންނަންޖެހޭ ކަމެއް ނޫންކަމަށެވެ. ސިޔާސީ ކަންކަމުގައި ބައެއް މީހުން މަސައްކަތްކުރަނީ ރާއްޖެ ވަރަށް ބޮޑަށް ހަލަބޮލިކަމެއްގެ ތެރޭގައި ބާއްވަންކަމަށް އަސްލަމް ވިދާޅުވިއެވެ. ރާއްޖެ ހަލަބޮލިވުމުގެ ސަބަބުން އެކަމުގެ ގެއްލުންވަނީ އިގްތިޞާދަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
ވެރިކަން ބޭނުންވެގެން ކުރަންޖެހޭ ކަމަކީ ރަނގަޅު މެނިފެސްޓޯއެއް ދައްކާ މިހާރުގެ ސަރުކާރުން ކުރާ ކަންކަމަށްވުރެ ރަނގަޅަށް ކަންކަން ކުރާނެކަމަށް ރައްޔިތުންނަށް ހާމަކުރުންކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ހަގީގަތަކީ މިސަރުކާރުން ރައްޔިތުންނަށް ކޮށްދީފައިވާ ކަންކަމުގެ ސަބަބުން އެއަށްވުރެ ރަނގަޅު ކަންކަން ދެއްކެން ނެތްކަމަށެވެ.
ތިބޭފުޅުންގެ މެނިފެސްޓޯ ތިބޭފުޅުން ބެއްލެވުމަށްފަހު އެހެން މީހުންނަށް، ތާއީދުނުކުރާ ވާދަވެރިންނަށްވެސް އަންގާލަދީ. ހަގީގަތުގައި ވެރިކަން މިކުރަނީ އެންމެނަށްޓަކައި. އެންމެންގެ ކަމެއް މިއީ. އެންމެންގެ ބައިވެރިވުން އެކަން ބޭނުންވޭ. އެންމެންކައިރީގައި ބުނޭ މިއަށް ރީތިކޮށް މިއަށް ވޯޓުދޭށޭ. ނެތޭ އަސްލު މިނޫން ގޮތެއް. ނެތޭ މިނޫން ގޮތެއްވެސް ނެތޭ މިއަށްވުރެ ރަނގަޅު ގޮތެއްވެސް.މުހައްމަދު އަސްލަމު/ ރައީސް ޞާލިހުގެ ރަނިންގމޭޓް
އަސްލަމް ވިދާޅުވީ މިސަރުކާރުން ދެމުންދާ ޚިދުމަތްތައް ދިނުމަށްވެސް ދެވަނަ ދައުރެއް މިސަރުކާރަށް ބޭނުންވާކަމަށެވެ.
ވަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އަސްލަމް ވަނީ އެރަށުގެ ގިރާ ސަރަހައްދުވެސް ބައްލަވާލައްވާފައެވެ.