ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 14:34
ގައުމީ ފިރިހެން ބެޑްމިންޓަން ޓީމު
ގައުމީ ފިރިހެން ބެޑްމިންޓަން ޓީމު
އެމްއޯސީ
އައިއޯއައިޖީ
ބެޑްމިންޓަން ފިރިހެން ޓީމަށްވެސް ރިހި މެޑަލް
 
އަންހެން ޓީމްވެސް ވަނީ ރިހި މެޑަލް ހޯދާފައި

އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީމްވެސް ރިހި މެޑަލް ހޯދައިފިއެވެ.

ރަން މެޑައްޔަށް އުއްމީދުކޮށްގެން ނުކުތް ފިރިހެން ޓީމް ފައިނަލްގައި ބަލިވީ މޮރިޝަސްއާ ވާދަކޮށް 3-0 ނެވެ. ފައިނަލް މެޗު މޮރިޝަސްއިން ކާމިޔާބުކުރީ ރާއްޖެއަށް ސެޓެއްވެސް ނުދީއެވެ.

ފުރަތަމަ ކުޅެން ނުކުތީ ހުސައިން ޒަޔާން ޝަހީދު ޒަކީއެވެ. ޒަޔާންއާ ވާދަކޮށް 21-10, 21-9 ން ސެޓް ގެންދިޔައީ ހޫލިއެން ޖީ.ޕައުލްއެވެ. ދެވަނަ ޓައިގައި އަހުމަދު ނިބާލްއާ ދެކޮޅަށް ނުކުމެ މޮރިޝަސްގެ އަލެގްޒަންޑްރެ ބޮންގޯޓް ސެޓްތައް ގެންދިޔައީ 21-13, 21-18 ނެވެ. ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދު ކުޅެން ނުކުތީ އާރު.ނުންޑާއާ ދެކޮޅަށެވެ. މޮރިޝަސް ކުޅުންތެރިޔާ ސެޓްތައް ގެންދިޔައީ 21-13, 21-13 ނެވެ.

ފައިނަލް މެޗަށްފަހު ޒަޔާން ބުނީ މެޗަށް ނުކުތީ މޮޅުވެ, ރަން މެޑަލް ހޯދަން ކަމަށާއި ނަމަވެސް ކާމިޔާބު ނުވީކަމަށެވެ.

ވަރަށް ބޮޑަށް ތައްޔާރުވެގެން އައީ, އެކަމަކު ވަރަށް ޑިސްއެޕޮއިންޓިން ދިޔަގޮތް. އެހެންނަމަވެސް އެންމެންވެސް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފި. ގްރޫޕް ސްޓޭޖް ހުރިހާ މެޗަކާއި, ސެމީފައިނަލް ގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. ދެން މިއަދު މިދިޔައީ އެންމެ ބޭނުންވާ ގޮތަކަށް ނޫން
ހުސެއިން ޒަޔާން ޝަހީދު ޒަކީ

ނިބާލް ބުނީ މުޅި ޓީމް އެކުގައި އެއް ރޫހެއްގައި މަސައްކަތްކޮށް ފައިނަލަށް ދިއުމުން ވަރަށްބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ. ރާއްޖޭގެ ތާރީޚުގައި ބެޑްމިންޓަން ފިރިހެން ޓީމް ދެވަނަ ފަހަރަށް ފައިނަލް ކުޅުމަކީ ހިތްހަމަ ޖެހުމެއް ނަމަވެސް ރަން މެޑަލް ނުލިބުމުން މާޔޫސްވާކަމަށެވެ.

ނިބާލްމެން ނިކުތީ ގޯލްޑް ހޯދަން. އެކަމަކު އެކަމެއް މިއަދު ނުވި. އެއީ މާޔޫސްކަމެއް. އެކަމަކު މެޗުން މިލިބުނު ފިލާވަޅުތަކުން ހޯމްވޯކް ހަދައިގެން ރަނގަޅު ކުރާނަން.
ނިބާލް އަހުމަދު

ބެޑްމިންޓަން ފިރިހެން ޓީމް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ދެ މެޗުންވެސް މޮޅުވެ, އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކޮށް ސެމީގައި ރީޔޫނިއަން ބަލިކޮށްގެންނެވެ. މުބާރާތުގައި ބަލިވީ ހަމައެކަނި ފައިނަލް މެޗުގައެވެ.

ޓީމް އިވެންޓްގައި ރާއްޖޭގެ އަންހެން ޓީމްވެސް ވަނީ ރިހި މެޑަލް ހޯދާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް