މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރަން މެޑަލް ހޯދި ޤައުމީ އަންހެން އަދި ރިހި މެޑަލް ހޯދި ޤައުމީ ފިރިހެން ޓީމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ވިދާޅުވެއްޖެ އެވެ.
މުބާރާތުގައި އާދިއްތަ ދުވަހު ޤައުމީ އަންހެން ޓީޓީ ޓީމުން ވަނީ ރަން މެޑަލް ދިފާއު ކޮށްފަ އެވެ. އަންހެން ޓީޓީ ޓީމުން ރަން މެޑަލް ދިފާއު ކުރީ ފައިނަލްގައި މޮރިޝަސް ބަލިކުރުމަށްފަހު އެވެ. މޮރިޝަސްގެ މައްޗަށް ރާއްޖެ އިން މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. މިއީ މިއަހަރުގެ މުބާރާތުގައި ރާއްޖެ އަށް ރަން މެޑަލް ލިބުނު ފުރަތަމަ ކުޅިވަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އައިއޯއައިޖީގައި ވެސް އަންހެން ޓީޓީ ޓީމުން ވަނީ ރަން މެޑަލް ހޯދައިފަ އެވެ.
ޤައުމީ ފިރިހެން ޓީޓީ ޓީމު ވަނީ ފައިނަލްގައި ވާދަކޮށްފަ އެވެ. މުޅި މުބާރާތުގައިވެސް ފިރިހެން ޓީޓީ ޓީމުން ދައްކާފައި ވަނީ އާދަޔާ ޚިލާފު ހިތްވަރެކެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، އައު ހިތްވަރަކާއެކު ކުޅެ ގައުމީ ޓީމުން ވަނީ ޖެހިގެން އައި ދެ މެޗު ކާމިޔާބުކޮށް، ފައިނަލުން ޖާގަ ހޯދާފަ އެވެ. އެއީ ފުރަތަމަ ފަހަރަށް މޮރިޝަސް އަދި ކޮމޮރޮސް ކައިރިން މޮޅުވެގެނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ ފިރިހެން ޓީޓީ ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. ފައިނަލްގައި ފިރިހެން ޓީމު ބަލިވީ 3-2 ގެ ނަތީޖާ އަކުންނެވެ.
ހޯމަ ދުވަހު ރައީސް ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވަނީ ދެ ޓީމަށް ވެސް ހިތްވަރު ދެއްވައި، މަރުޙަބާ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރު ޙަޔާތުގައި ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެ އިން ރަން މެޑަލް ހޯދިއިރު، ރައީސް ޞާލިޙު ވަނީ ޓީމަށް ސަޕޯޓު ކުރެއްވުމަށް މޮރިޝަސް އަށް ވެސް ވަޑައިގެންފަ އެވެ.