ވަޒީފާތައް ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެ ސަރުކާރުގެ ވަޒީފާތައް އަދަކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސާލިޙުގެ "ބާރުވެރި އިގްތިސާދު"ގެ ސިޔާސަތުގައި ބުނެފިއެވެ.
އިންސާނީ ވަސީލަތް ފުޅާކޮށް ދެމެހެއްޓެނިވި ވަޒީފާގެ ބާޒާރެއް ގާއިމުކުރުމުގެ ގޮތުން ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ސިވިލް ސާރވިސް އާއި ދައުލަތުގެ އެންމެހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދައުލަތުގެ އައު ޕޭ ފްރޭމްވޯކް ފުރިހަމަކޮށް ތަންފީޒުކުރާނެ ކަމަށެވެ. ރާއްޖޭގެ ޕްރައިވެޓް ސެކްޓަރ ތަރައްގީކޮށް ދިވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ސަނަދު ނެތް ފަރާތްތަކުގެ ތަޖުރިބާ ބިނާކޮށް ސަނަދު ހޯދައިދޭ ނިޒާމު (ޓްރޭޑް ޓެސްޓިންގް) ފުޅާކޮށް، ހުނަރުވެރި ކުރުވުމުގެ (އަޕްސްކިލިންގް އަދި ރީ-ސްކިލިންގް) އިތުރު ފުރުސަތުތަކާއިއެކު "ސަޓިފައިޑް ޕްރޮފެޝަނަލްސް" ތައާރަފްކުރާނެ ކަމަށެވެ. އަދި ދިރިއުޅުމުގެ އެކި ހާލަތްތަކާ ގުޅިގެން ވަޒީފާ އަދާކުރުމަށް ބޭނުންވާ ފްލެކްސިބަލް އެރޭންޖްމަންޓްސް އެ ހާލަތްތަކާ އެކަށީގެންވާ ގޮތަކަށް ހަމަޖައްސާނެ ކަމަށާއި، މަސައްކަތްތެރިންނަށް އާޓިފިޝަލް އިންޓެލިޖެންސްގެ ޒަރިއްޔާއިން މަސައްކަތްތައް ލުއިފަސޭހަކުރުމަށް އަހުލުވެރިކުރުވާނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ނެޝެނަލް ސެންޓަރ ފޮރ ދަ އާޓްސް ގެ ދައުރު އިތުރަށް ފުޅާކޮށް ކްރިއޭޓިވް އިންޑަސްޓްރީ ތަރައްގީކުރުމާއި، އިންޓަލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސްގެ ނިޒާމު ހަރުދަނާކޮށް ކޮޕީރައިޓްސްއާ ބެހޭ ގާނޫނު ތަންފީޒުކުރަން ބޭނުންވާ ބަދަލުތައް ގެންނައުމަށް ނިންމާފައިވެއެވެ.
ފަންނުވެރިން އުފައްދާ، ކުރިއަރުވާ، އެ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ މަގު އެކި ދާއިރާތަކުން ފުޅާކުރާނެ ކަމަށާއި، ފަންނުވެރިކަމަށް ޚާއްސަ ހިލޭ އެހީ (ގްރާންޓް)، އިކުއިޓީ ފައިނޭންސް އަދި ލޯނު ސްކީމް ފުޅާކުރާނެ ކަމަށެވެ. އަދި ފަންނުވެރިންނަށް ބޭނުންވާ ސާމާނާއިއެކު ޕްރެކްޓިސް އަދި ވޯކިންގް ސްޕޭސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ ކަމަށެވެ.
މި ސިޔާސަތުގައި ފަންނުވެރިންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގެ ނަން މަޝްހޫރު ޕްލެޓްފޯމްތަކުގައި ޝޯކޭސް ކުރުމުގެ މަގު ފަހިކޮށްދޭނެ ކަމަށާއި، ފަންނުވެރިންނަން އާމްދަނީ ހޯދޭނެ މަގު އިތުރަށް ފުޅާ ކުރުމަށް ރޯޔަލްޓީ ލިބޭ އުސޫލުން ވިޔަފާރި ކުރެވޭނޭ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އާޓްސް އަދި އެންޓަރޓައިންމަންޓަށް ޚާއްސަ ކޮމްޕްލެކްސެއް މާލެ ސިޓީގައި ގާއިމުކުރާނެ ކަމަށާއި، އާބާދީ ބޮޑެތި ރަށްރަށާއި، ޑިމާންޑް ބޮޑު ރަށްރަށުގައި ކުދި މަލްޓިޕާޕަސްކޮށް ބޭނުންކުރެވޭ އޮޑިޓޯރިއަމްތައް ގާއިމުކުރާނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ.