ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 23:04
ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ރުބިއަލެސް (ކ) ސްޕޭންގެ ކުޅުންތެރިންނާ ސަލާމްކުރަނީ
ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ރުބިއަލެސް (ކ) ސްޕޭންގެ ކުޅުންތެރިންނާ ސަލާމްކުރަނީ
ގޫގުލް
އަންހެނުންގެ ވޯލްޑްކަޕް
އަޚުލާގީ އިމުން ބޭރުުވުމުން، ސްޕޭން އެފްއޭގެ ރައީސާ ދެކޮޅަށް ފީފާއިން ފިޔަވަޅު އަޅަނީ
ފީފާއިން ބުނަނީ އެޖަމާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއާ ރުބިއަލެސް ޚިލާފުވެއްޖެ ކަމަށް

އަންހެނުންގެ ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް އެ ގައުމުގެ ކުޅުންތެރިއެއް ކަމަށްވާ ޖިނީ ހާމޯސޯއަށް ބޮސްދިން މައްސަލަ ތަހުގީގުކުރަން ފީފާއިން ނިންމައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނީ ރުބިއަލެސްގެ ހިންގި އަމަލަކީ ފީފާގެ ގަވާއިދުގެ 13 ވަނަ މާއްދާއާ ޚިލާފު އަމަލެއް ކަމަށެވެ. އަދި ރުބިއަލެސްއަށް ކުރަނީ އެ މާއްދާގެ އަޚުލާގީ އަދި ނަޒާހަތްތެރިކަމަށް އަރައިގަތުމުގެ އަމަލެއް ކުރިކަމުގެ މައްސަލައާއި ފުޓްބޯޅައިގެ އިސް އޮފިޝަލަކު އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު އަމަލެއް ކުރިކަމުގެ މައްސަލައެވެ.

މި މައްސަލަ ބޮޑުވުމުން ރުބިއަލެސް ފަހުން މައާފަށް އެދިފައެވެ. އެކަމަކު ސްޕޭން ސަރުކާރުން ވަނީ މައާފަށް އެދުމުން އަދި ނުފުދޭ ކަމަށާއި މިއީ އިތުރަށް ތަހުގީގުކުރަންޖެހޭ މައްސަލައެއް ކަމަށް ބުނެފައެވެ.

ރުބިއަލެސްއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އޭނާ ގޯސް އަމަލެއް ކުރީ ފީފާގެ ރައީސާއި ސްޕޭނުގެ ރާނީއާއި އޭނާގެ ދަރިކަނބަލުން ސްޓޭޖްގައި ތިއްބައި ކަމަށެވެ.

ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ރުބިއަލެސް (ކ) ސްޕޭންގެ ކުޅުންތެރިންނާ ސަލާމްކުރާއިރު ސްޕޭނުގެ ރާނީއާއި ދަރިކަނބަލުން ސްޓޭޖުގައި - ގޫގުލް

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސްޓޭޖްމަތީގައި ހުރެ ރުބިއަލެސް ގެންދިޔައީ، ސްޕޭން ކުޅުންތެރިންގެ ކަރުގައި ރަންމެޑަލް އަޅުވަން ސްޓޭޖަށް އަރައި ކޮންމެ ކުޅުންތެރިޔަކާވެސް ވަކިވަކިން ބައްދައި ސަލާމްކޮށް އުފާ ފާޅުކުރަމުންނެވެ.

ރުބިއަލެސް، ހާމޯސޯއަށް ބޮސްދިން މައްސަލައާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ފޯވަޑް ހާމޯސޯ ރަސްމިއްޔާތަށްފަހު ބުނީ، އޭނާ އެކަމާ ގަޔާނުވާ ކަމަށެވެ. މިކަމާ ފާޑުކިއުން އަމާޒުވުމުން ރުބިއަލެސް ފަހުން ބުނީ އެއީ ތަށި ލިބުމުގެ އުފަލުގައި، އުފާ ފާޅުކުރަމުންދިޔަ ވަގުތެއްގައި އެދުމެއްނެތި ކުރެވުނު ކަމެއް ކަމަށާއި، ނަމަވެސް ހުރިހާ ގޮތަކުން ގޯހީ އޭނާ ކަމަށެވެ.

މި މައްސަލާގައި ސްޕޭން ފެޑަރޭޝަނުން ބަޔާންނެރެ، މައާފަށް އެދެން ޖެހުނީ ސަރުކާރުގެ ވަޒީރުންނާއި ސޯޝަލް މީޑިއާގައި ރައީސް ރުބިއަލެސްއަށް ފާޑުކިއުންތައް އަމާޒުވުމުންނެވެ. އޭނާއަށް ފާޑު ވިދާޅުވި އިސްވެރިންގެ ތެރޭގައި ސްޕޭންގެ ކުޅިވަރާބެހޭ ވަޒީރު މިކުއެލެސްޓާއާއި އިކުއިޓީ މިނިސްޓަރު އައިރީން މޮންޓޭރޯ ހިމެނިވަޑައިގަންނަވައެވެ.

ފާޑުކިއުން އަމާޒުވުމުން ރުބިއަލެސްގެ ދިފާއުގައި ސްޕޭން ފެޑަރޭޝަނުން ބުނީ އެއީ ކާމިޔާބީގެ އުފާ ފާޅުކުރަމުންދިޔަ ވަގުތެއްފައި ވެދާނެ ކަމެއް ކަމަށާއި އެއީ ދެ ފަރާތުގެ ރުހުމުގައި ހިނގައިދިޔަ ކަމެއް ކަމަށެވެ.

ނަމަވެސް ރުބިއެލެސްއަށް ފާޑުކިޔާ ފަރާތްތަކުން ދަނީ އޭނާ އަމަލުތައް އިތުރަށް ހޯދައި ބަލައި ފާޑުކިޔަމުންނެވެ. މި ގޮތުން މެޗުގެ ފަހު ކަށިގަނޑާއެކު ވީއައިޕީ އޭރިޔާގައި ހުރިއިރު ރުބިއަލެސްގެ އަމަލުތައް ހުރީވެސް އަޚުލާގީ އިމުން ބޭރުގައި ކަމަށް އެ ވީޑިއޯ ދިރާސާކުރުމަށްފަހު ސްޕޭނުގެ ނޫސްތަކުން ބުނެއެވެ. އަދި އޭނާގެ އިސްތިއުފާއަށް ވެސް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

މިކަމާ ހިތްހަމަނުޖެހިގެން ރުބިއަލެސް ފަހުން ބުނީ ވޯލްޑްކަޕް ފަދަ ބޮޑު މުބާރާތެއް ކާމިޔާބުވުމުން ދެ ރަހުމަތްތެރިން ސަބަބެއްނެތި ބޮސްދިނުމަކީ އެކަމުގެ މާނަ އޮޅުވާލަންޖެހޭ ކަމެއް ނޫން ކަމަށާއި، ކަންކަން ހަޖަމްކުރަން ދަސްކުރަންޖެހޭ ކަމަށެވެ.

އިންގްލޭންޑް 1-0ން ބަލިކޮށް ސްޕޭނުގެ އަންހެން ޓީމު ވޯލްޑްކަޕް ކާމިޔާބުކުރިއިރު ކޯޗު ޖޯޖް ވިލްދާއާމެދު ވެސް ވަނީ ކުޅުންތެރިންނަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވިފައެވެ. އޭނާއާ ދެކޮޅަށް ކުޅުންތެރިން ޕެޓިޝަނެއްވެސް މުބާރާތުގެ ކުރިން ހެދިއެވެ. ނަމަވެސް ސްޕޭނުގެ ފެޑަރޭޝަނުން ކޯޗު ދިފާއުކުރީއެވެ. އަދި ކޯޗު މުބާރާތަށް ދިޔައީ އެ ޕެޓިޝަނުގައި ސޮއިކުރި 15 ކުޅުންތެރިންގެ ތެރެއިން 12 ކުޅުންތެރިން އުނިކޮށް ޓީމު އެކުލަވާލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް