ފަލްސަފީ އަދި ސިޔާސީ ތަފާތުތައް ހުރިނަމަވެސް، އަދާލަތާއި އެމްޑީޕީން މަސައްކަތްކުރަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ސިޔާސަތު އޮތުމުން ކަމަށް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން އެފަދައިން ވިދާޅުވީ ރ. ދުވާފަރުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ އެމްޑީޕީއާއި އަދާލަތު ޕާޓީގެ މައިގަނޑު ސިޔާސަތަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށެވެ. ހުރިހާ ސިޔާސީ މީހުންވެސް ފެހި ގާނޫނު އަސާސީއަށްފަހު ދައްކަނީ އެވާހަކަ ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް ހެޔޮ ވެރިކަމުގެ އުސޫލުތައް ފުރަތަމަ ފަހަރަށް އާއްމުންނަށް ތިލަވާ ވަރަށް ވިދާޅުވެދެއްވި ބޭފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުކަމަށް އިމްރާން ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާން ވާނީ ވިސްނުންތެރިކަމާއެކު ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއްބުރުން ރައީސް ސާލިހު ހޮވާނެކަން، ހަމައެކަނި މަޑުއްވަރިއާއި ދުވާފަރުން ލިބުނު ތަރުހީބުންވެސް އެނގޭ ކަަމަށެވެ. އއ އަދި އދ ގެ ރަށްތަކުންވެސް ރައީސަށް އޮތް ތަރުހީބު ވަރަށް ސާފުކޮށް ފެނިވަޑައިގަތް ކަމަށް އިމްރާން ވިދާޅުވިއެވެ. ރަނގަޅު ވެރިންނަކީ އަދުލުވެރި ބައެއް ކަަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ރައީސް ސާލިހު އެއްބުރުން އިންތިޚާބު ކާމިޔާބުކުރަން ޖެހޭ ސަބަބު އާއްމުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އުމުރުން އެންމެ ކުޑަ ކުއްޖާގެ ސަލާމްކުރުމާއި އުމުރުން ދުވަސްވީ މީހުންގެ ފިރުމުންތަކުން އެނގެނީ އެމަނިކުފާނަށް އޮތް ލޯބި ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.