ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ބޭއްވި އެއިޓީން ތާޓީ ކްލެސިކް މުބާރާތުގައި ކުޅުނު ހުރިހައި މެޗެއް ކާމިޔާބުކޮށް، ވެމްކޯ އިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
ބުދަ ދުވަހުގެރޭ ވެމްކޯ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން އެމްއޭސީއެލް ބަލިކުރުމަށްފަހުއެވެ. މި ދެ ޓީމަކީވެސް ގުރޫޕު އޭ ގައި ހިމެނުނު ދެ ޓީމެވެ. ގުރޫޕު ސްޓޭޖުގައި ދެ ޓީމު ބައްދަލުކުރި މެޗު 3-1 ން ކާމިޔާބުކުރީ ވެމްކޯ އެވެ.
މެޗުގެ ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗު ފެށިގެން ހަތަރު މިނެޓުގެ ތެރޭގައި ވެމްކޯގެ ކެޕްޓަން ސަފިއްޔާ ރަފާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފައެވެ. އެޔަށްފަހު ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ވެމްކޯ އަށް ލީޑު ފުޅާކޮށްދިނީ ފާތިމަތު ލީސާ އެވެ. އަދި އޭގެ ދެ މިނެޓުފަހުން އާމިނަތު ފަޒްލާ ވަނީ ވެމްކޯގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
ވެމްކޯ އިން މުޅި މެޗުގައިވެސް ކުޅެފައިވަނީ އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް ވިސްނައިގެނެވެ. އެގޮތުން، އެމްއޭސީއެލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ފިރުޝާނާ ނަސީރު މާކް ކުރުމަށް ވެމްކޯގެ ކުޅުންތެރިއެއް އަބަދުވެސް އޭނާ ކައިރީގައި ބަހައްޓާފައި ހުރެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނޯ ރަފާ އެވެ. އޭނާ ވަނީ ފުރަތަމަ ލަނޑު ޖެހުމުގެ އިތުރުން، ގިނަ ޓީމުގެ އެޓޭކުތަކުގައި އެކިފަހަރު މަތިން ބައިވެރިވެފައެވެ. އަދި އެމްއޭސީއެލްގެ އެޓޭކުތައް ހުއްޓުވުމުގައިވެސް އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ރަފާ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ވެމްކޯގެ ކީޕަރު މަރިޔަމް ނާއިފާ އާއި ކެޕްޓަން ސަފިއްޔާ ރަފާގެ އިތުރުން އާމިނަތު ފަޒްލާ އާއި އެމްއޭސީއެލްގެ ފިރުޝާނާ ނަސީރު އާއި ޔޫތު މިނިސްޓްރީގެ އަރީޝާ ރިޒާ އެވެ. ނުވަ ލަނޑާއެކު، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެމްކޯގެ ފަޒްލާ އެވެ. ދެވަނައިގައި އަށް ލަނޑާއެކު ފަޒްލާއާ ވާދަކޮށްފައިވަނީ ފިރުޝާނާ އެވެ.
އެއިޓީން ތާޓީ ކްލެސިކް މުބާރާތުގައި ވާދަކޮށްފައިވަނީ ޖުމްލަ ހަތް ޓީމެވެ. ހުކުރު ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗެވެ. ފައިނަލުގައި ވާދަކުރާނީ ވެމްކޯ އާއި ރޯޑް ރެކްރިއޭޝަން ކްލަބް އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގައެވެ.