އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ޙަސަން ލުތުފީގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައި، އެ އަމުރު މިހާރު ވަނީ ލުތުފީއާ ޙަވާލުވެސް ކޮށްފައެވެ. އެގޮތުން އަމުރު ޙަވާލުކޮށްފައިވަނީ ލުތުފީ އައްޑޫގައި ހުންނަވަނިކޮށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލައަކީ އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާއި، އޭސީސީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވިއިރު އަމިއްލައަށް މަންފާ ލިބޭ ގޮތަށް ކުރައްވާފައިވާ ކަމަކާއި ގުޅޭ ތުހުމަތެކެވެ.
ފުލުހުން މީގެ ކުރިންވެސް ވަނީ ލުތުފީ އާއި ދެކޮޅަށް މަނީ ލޯންޑްރިންގ އާއި ގުޅޭ މައްސަލައެއް ބަލަމުންދާކަމަށް ބުނެފައެވެ.
ލުތުފީއާ ދެކޮޅަށް އޭރު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑްރިންގ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް، މަރުކަޒީ ބޭންކު، އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލުތުފީ އާއި ދެކޮޅަށް އޭރު ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގގެ މައްސަލައަކާއި ގުޅިގެން އެފްއައިޔޫއިން އޭސީސީއަށް ފޮނުވި ސިއްރު ސިޓީތަކެއް، ކޮމިޝަންގެ އެހެން މެންބަރުންނާއި ހިއްސާ ނުކުރައްވައި އެ ސިޓީތައް ފޮރުވި މައްސަލައެކެވެ.
މަޤާމުގެ ޒިންމާ އަދާ ނުކުރާ ކަމަށްބުނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ލުތުފީ މަޤާމުން ވަކި ކުރުމަށް ނިންމާފައިވަނިކޮށް އޭނާ ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 26 ގައި މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭރު އިސްތިއުފާ ދެއްވީވެސް މެލޭޝިއާގައި ހުންނަވައިގެންނެވެ. އަދި އޭރުން ފެށިގެން ލުތުފީ ދިރިއުޅުއްވަމުން ގެންދެވީ މެލޭޝިއާގައެވެ.
މެލޭޝިއާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު ލުތުފީ ރާއްޖެ ވަޑައިގެންފައިވަނީ އޯގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ.