މިއަހަރުގެ ފީފާ އަންހެން ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕެއިން ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކާ މެދު، މުޅި ޤައުމު ފަޚުރުވެރިވާ ކަމަށް އެ ޤައުމުގެ ވަގުތީ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ.
ސަންޗޭޒް މިފަދައިން ވިދާޅުވީ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމާ ބައްދަލުކޮށް، ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ކުޅުންތެރިން ކުރި މަސައްކަތާއި ދެއްކި ހިތްވަރަށް، އެ ޤައުމުގެ އެންމެހަހައި ރައްޔިތުންގެ ނަމުގައްޔާއި އޭނާގެ އަމިއްލަ ނަމުގައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށެވެ. ސަންޗޭޒް ވިދާޅުވީ އޭނާ އަށް ޤަބޫލުފުޅު ކުރެވޭ ގޮތުގައި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރެވުމުން އެކަމާ އެންމެން ވެސް ފަޚުވެރިވާނެ ކަމަށެވެ. ކުޅުންތެރިން ކުޅުމަށް ތައުރީފު ހައްގުކަމަށާއި ބޮޑެތި ޓީމުތަކާ ދެކޮޅަށް ދެއްކި ސާބިތުކަމަކީ ސްޕެއިންގެ ރައްޔިތުން ދާއިމަށް ޝުކުރު އަދާ ކުރާނެ ކަމެއް ކަމަށް ވެސް ސަންޗޭޒް ވިދާޅުވި އެވެ.
ސަންޗޭޒް ވިދާޅުވީ މީގެ ކުރިން 2000 ވަނަ އަހަރު، ސްޕެއިން އަކީ ދުނިޔޭގެ ޗެމްޕިއަނުން ކަމަށް އޭނާ ވިދާޅުވެފައި އޮންނާނެ ކަމަށެވެ. އޭގެ 23 އަހަރު ފަހުން، މިހާރު ސްޕެއިން އަކީ ދުނިޔޭގެ ޗެމްޕިއަނުންނޭ ފަޚުރުވެރިކަމާއެކު ބުނެވޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ބުނީ ތަށި ލިބިގެން އުފާ ފާޅުކުރުމުގެ ތެރޭގައި ބައެއް ކުޅުންތެރިން ރޭޑިއޯ އިންޓަވިއު މެދުވެރިކޮށް ދެއްކި ވާހަކަ ވެސް އަޑު އެއްސެވި ކަމަށެވެ. އެ ކުޅުންތެރިން ބުނު ބަހުރުވައިގައި ނުބުނި ނަމަވެސް، ސްޕެއިން އަކީ ދުނިޔޭގެ ޗެމްޕިއަނުން ކަމަށް ސަންޗޭޒް ތަކުރާރުކޮށް ވިދާޅުވި އެވެ.
މީގެ އިތުރުން ސަންޗޭޒް ވިދާޅުވީ ކުޅިވަރެއްގެ ގޮތުގައި އަންހެން ފުޓުބޯޅަ އަކީ އުޖާލާ މުސްތަޤުބަލެއް އޮތް ކުޅިވަރެއް ކަމަށެެވެ. ސަންޗޭޒް ވަނީ ސްޕެއިން ސަރުކާރުން ކުޅިވަރާ މެދު، ޚާއްސަކޮށް އަންހެން ފުޓުބޯޅައާ މެދު ގެންގުޅުއްވާ ބައެއް ސިޔާސަތުގެ ވާހަކަ ވެސް ހިއްސާކުރައްވައިފަ އެވެ. އަދި ވޯލްޑް ކަޕްގެ ތައްޓާއެކު، ސިޔާސަތުތައް ބަދަލުކޮށް، އެހެން ހަރުފަތަކަށް ދިޔުމަށް އަމާޒު ހިފަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުގެ ފަރާތުން ރޯޔަލް އޯޑާ އޮފް ސްޕޯޓްސް މެރިޓްގެ ރަން މެޑަލް އަރުވާނެ ކަމަށެވެ. މީގެ އިތުރުން ވެސް އެހެން ޚާއްސަ ހަދިޔާ ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރީ ފައިނަލްގައި އިންގްލެންޑުގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. ފައިނަލްގައި ސްޕެއިން މޮޅުކޮށްދިން ލަނޑު ޖެހީ ކަރްމޯނާ އެވެ.