އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ސްޕޭން ކާމިޔާބުކުރުމުން ތަށި ދިނުމުގެ ރަސްމިއްޔާތުގައި ފޯވަޑް ޖިނީ ހާމޯސޯ އަށް ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް ބޮސްދެއްވުމަށްފަހު، މައާފަށް އެދިވަޑައިގެންފި އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި މުބާރާތް ބޭއްވި އޮސްޓްރޭލިޔާ ނިއުޒީލޭންޑްގެ އިސްވެރިންނާއެކު ސްޓޭޖްމަތީގައި ހުންނަވާ ރުބިއަލެސް ގެންދެވީ ސްޕޭން ކުޅުންތެރިންގެ ކަރުގައި ރަންމެޑަލް އަޅުވަން ސްޓޭޖަށް ވަޑައިގެން ކޮންމެ ކުޅުންތެރިޔަކާވެސް ވަކިވަކިން ބައްދައި، ސަލާމްކުރައްވާ އުފާ ފާޅުކުރައްވަމުންނެވެ.
ރުބިއަލެސް، ހާމޯސޯއަށް ބޮސްދެއްވި މައްސަލައާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ފޯވަޑް ހާމޯސޯ ރަސްމިއްޔާތަށްފަހު ބުނީ އޭނާ އެކަމާ ގަޔާނުވާ ކަމަށެވެ. މިކަމާ ފާޑުކިއުން އަމާޒުވުމުން ރުބިއަލެސް ފަހުން ވިދާޅުވީ އެއީ ތަށި ލިބުމުގެ އުފަލުގައި، އުފާފާޅު ކުރަމުންދިޔަ ވަގުތެއްގައި އެދުމެއްނެތި ކުރެވުނު ކަމެއް ކަމަށާއި ނަމަވެސް ހުރިހާ ގޮތަކުން ގޯހީ އޭނާ ކަމަށެވެ.
މި މައްސަލާގައި ސްޕޭން ފެޑަރޭޝަނުން ބަޔާންނެރެ މައާފަށް އެދެން ޖެހުނީ ސަރުކާރުގެ ވަޒީރުންނާއި ސޯޝަލް މީޑިއާގައި ރައީސް ރުބިއަލެސްއަށް ފާޑުކިއުންތައް އަމާޒުވުމުންނެވެ. އޭނާ އަށް ފާޑު ވިދާޅުވި އިސްވެރިންގެ ތެރޭގައި ސްޕޭންގެ ކުޅިވަރާ ބެހޭ ވަޒީރު މިކުއެލެސްޓާ އާއި އިކުއިޓީ މިނިސްޓަރު އައިރީން މޮންޓޭރޯ ހިމެނިވަޑައިގަންނަވައެވެ.
މިނިސްޓަރު މޮންޓޭރޯ ވިދާޅުވީ ރުބިއަލެސްގެ އަމަލުތައް އާދައިގެ ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި އެދުމެއްނެތި މިފަދަ އަމަލެއް ކުރުމަކީ ވެދާނެ ކަމެއް ކަމަށް ވެސް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.
ސްޕޭނުގެ ކުޅިވަރާ ބެހޭ ވަޒީރު މިކުއެލް ސްޕޭނުގެ ޕަބްލިކް ރޭޑިއޯގައި ވިދާޅުވީ ރުބިއަލެސްގެ އަމަލު ގަބޫލުނުކުރައްވާ ކަމަށެވެ.
ފުރަތަމަ ކަމަކަށް އޭނާ ޖެހޭ އެކަން ކުރި ސަބަބު ސާފުކޮށްދޭން އަދި އެކަމާ މައާފަށް އެދެން. އެއީ މިވަގުތު ކުރަންޖެހޭ ކަމެއްމިގުއެލް
ފާޑުކިއުން އަމާޒުވުމުން ރުބިއަލެސްގެ ދިފާއުގައި ސްޕޭން ފެޑަރޭޝަނުން ބުނީ އެއީ ކާމިޔާބީގެ އުފާފާޅު ކުރަމުންދިޔަ ވަގުތެއްފައި ވެދާނެ ކަމެއް ކަމަށާއި އެއީ ދެ ފަރާތުގެ ރުހުމުގައި ހިނގައިދިޔަ ކަމެއް ކަމަށެވެ.
ނަމަވެސް ރުބިއެލެސް އަށް ފާޑުކިޔާ ފަރާތްތަކުން ދަނީ އޭނާ އަމަލުތައް އިތުރަށް ހޯދައި ބަލައި ފާޑުކިޔަމުންނެވެ. މި ގޮތުން މެޗުގެ ފަހު ކަނށިގަނޑާއެކު ވީއައިޕީ އޭރިޔާގައި ހުންނަވާ ރުބިއަލެސްގެ އަމަލުތައްހުރި ވެސް އަހުލާގީ އިމުން ބޭރުގައި ކަމަށް ވެސް އެ ވީޑިއޯ ދިރާސާކުރުމަށްފަހު ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. އަދި އޭނާގެ އިސްތިއުފާ އަށް ވެސް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.
މިކަމާ ހިތްހަމަނުޖެހިގެން ރުބިއަލެސް ފަހުން ވިދާޅުވީ ވޯލްޑްކަޕް ފަދަ ބޮޑު މުބާރާތެއް ކާމިޔާބުވުމުން ދެ ރަހުމަތްތެރިން ސަބަބެއްނެތި ބޮސްދިނުމަކީ އެކަމުގެ މާނަ އޮޅުވާލަންޖެހޭ ކަމެއްނޫން ކަމަށާއި ކަންކަން ހަޖަމްކުރަން ދަސްކުރަންޖެހޭ ކަމަށެވެ.
އިންގްލޭންޑް 1-0އިން ބަލިކޮށް ސްޕޭނުގެ އަންހެން ޓީމު ވޯލްޑްކަޕް ކާމިޔާބުކުރިއިރު ކޯޗު ޖޯޖް ވިލްދާއާމެދު ވެސް ވަނީ ކުޅުންތެރިންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވިފަ އެވެ. އޭނާއާ ދެކޮޅަށް ކުޅުންތެރިން ޕެޓިޝަނެއް ވެސް މުބާރާތުގެ ކުރިން ހެދި އެވެ. ނަމަވެސް ސްޕޭނުގެ ފެޑަރޭޝަނުން ކޯޗު ދިފާއުކުރީ އެވެ. އަދި ކޯޗު މުބާރާތަށް ދިޔައީ އެ ޕެޓިޝަނުގައި ސޮއިކުރި 15 ކުޅުންތެރިންގެ ތެރެއިން 12 ކުޅުންތެރިން އުނިކޮށް ޓީމު އެކުލަވާލައިގެންނެވެ.