ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި އަސާސީ ޚިދުމަތްތަކަކީ ކޮންމެ ދިވެއްސެއްގެ ޙައްޤެއްކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ކަށަވަރުކޮށްދެއްވައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ބ ތުޅާދޫގައި ކުރިޔަށްދިޔަ "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހިސާނު ވިދާޅުވީ މީގެކުރިން ރަށްރަށުގެ ތަރައްޤީއާ ގުޅިގެން ސުވާލުކުރުމުން އަބަދުވެސް އަންނާނީ އުޒުރުތަކާއި ބަހަނާކަމަށެވެ. ޖަވާބު ނިމޭއިރު އަބަދުވެސް އަންނާނީ ރަށުގެ ސައިޒާއި އާބާދީގެ ވާހަކަކަމަށް ހިސާން ވިދާޅުވިއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހަށްފަހު ރައްޔިތުންނަށް ޙަޤީޤީ މާނައިގައި ތަރައްޤީ އިޙުސާސްކުރެވެން ފަށައިފިކަމަށާއި ލޮލަށް އެ ތަރައްޤީ ފެންނަން ފަށައިފިކަމަށް ހިސާން ވިދާޅުވިއެވެ.
އާބާދީއާއި ރަށުގެ ސައިޒަށް ބަލާ ރަށް އެކަހެރި ނުކުރާނެކަން ތުޅާދޫ ދާއިރާގެ ރަށްތަކަށް ބަލާލުމުން އެނގޭކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
އާބާދީ އާއި ރަށުގެ ސައިޒަށް ބަލާ ރަށް އެކަހެރި ނުކޮށް މިދާއިރާގެ ފުޅަދޫ އާއި ފެހެންދޫގެ ބަނދަރު ހައްދަވައިދެއްވާ އެ ދެ ރަށުގެ ފެނާއި ނަރުދަމާ މަސައްކަތް ވަނީ ފައްޓަވާފައި. ގޮއިދޫގެ ފެނާއި ނަރުދަމާ ނިމިއްޖެ. މިރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢޫ ނިމި އަޅުގަނޑުމެން މިއަދު މިތިބީ އެފަސްގަނޑުގައި. މާކުރިން ފަށާފައި އޮތް 50 ހައުސިންގ ޔުނިޓް ސަރުކާރުން ނިންމާދެއްވާ އަދި އިތުރު 100 ހައުސިންގ ޔުނިޓް މިސަރުކާރުން އަޅުއްވައި ނިންމަވާ ދެއްވައިފި. ބޮޑު ބޯޅަ ދަނޑު އެއޮތީ ކުޅެން ތައްޔާރުވެފައި. ބަނދަރުގެ މައްސަލަ ހައްލުކުރަން މިއަދު ކޮންޓްރެކްޓާއެކު ސޮއިކުރުވިއްޖެ. އެމަސައްކަތް އެދަނީ ފަށަން. މުޅި ތުޅާދޫގެ އިންތިޒާރު އެކަމަކަށް އޮތް އެއަރޕޯޓް މިއަންނަނީ ނިމުމަކަށް. މާލަސްތަކެއްނުވެ އެމަސައްކަތް އަމަލީ ގޮތުން ފެށި ތުޅާދޫގެ އެއަރޕޯޓް ނިމިގެންދާނެ.ހިސާން ހުސައިން/ ތުޅާދޫ ދާއިރާގެ މެންބަރު
ހިސާން ވިދާޅުވީ މީގެ ފަސް އަހަރު ފަހުން ތިބެންވީ ހިސާބު މިއަދު ވޯޓުން ނިންމަންޖެހޭއިރު ޤާނޫނު އަސާސީ އަށް އަމަލުކުރަން ފެށިފަހުން ސިޔާސީ ގޮތުން އެންމެ ހަމަޖެހުން އައިސްފައިވަނީ މި ފަސް އަހަރުކަމަށެވެ. ބޭނުންވާ ތަރައްޤީ ގެނެވޭނީ ސިޔާސީ ހަމަޖެހުން އޮވެގެން ކަމަށާއި އެހެން ނޫނީ އެ މަސައްކަތްތަކަށް ލަސްތައް އަންނާނެކަމަށް ހިސާން ވިދާޅުވިއެވެ.