ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 09:36
ސްޕޭންގެ ޑިފެންޑަރު އޮލްގާ ކަރްމޯނާ
ސްޕޭންގެ ޑިފެންޑަރު އޮލްގާ ކަރްމޯނާ
ފޮކްސް ނިއުސް
އަންހެން ވޯލްޑްކަޕް
ބައްޕަ މަރުވިކަން އެނގުނީ ޗެމްޕިއަންކަން ލިބުނު ފަހުން
ރަހުމަތްތެރިންނާއި އާއިލާއިން ނިންމީ ފައިނަލް މެޗު ނިމެންދެން އޮލްގާ އަށް އެކަން ސިއްރު ކުރުމަށް

ދުނިޔޭގެ ޗެމްޕިއަންކަން އިއްޔެ ހޯދި ސްޕޭންގެ ވާތުބެކް އޮލްގާ ކަރްމޯނާ އަށް އޭނާގެ ބައްޕަ ދެ ދުވަސްކުރިން މަރުވެއްޖެކަން އެނގުނީ ފައިނަލް މެޗަށް ފަހު ކަމަށް އޭނާ ބުނެފި އެވެ.

ފައިނަލް މެޗުގައި އިނގިރޭސިން އަތުން ސްޕޭން މޮޅުވި ހަމައެކަނި ލަނޑު ޖެހި ރެއާލް މެޑްރިޑްގެ ކުޅުންތެރިޔާ ބުނީ ބައްޕައަކީ އޭނާ އަށް އަބަދުވެސް ހިތްވަރުދޭ މީހެއް ކަމަށެވެ. އަދި އޭނާ ޔަގީންކޮށްގެން ހުރީ ބައްޕަ އޭނާ ތަށި ހޯދި މަންޒަރު ބަލާނެ ކަމަށް ކަމަށެވެ.

އޮލްގާގެ ބައްޕަ މަރުވީ ހުކުރު ދުވަހު އެވެ. ނަމަވެސް އޭނާގެ ރަހުމަތްތެރިންނާއި އާއިލާއިން ނިންމީ ފައިނަލް މެޗު ނިމެންދެން އޮލްގާ އަށް މިކަން ސިއްރު ކުރުމަށެވެ. އަދި އޭނާ އަށް ތަރުހީބުދިނުމަށް އާއިލާގެ ބައެއް މެމްބަރުން ފައިނަލް މެޗަށް އޮސްޓްރޭލިޔާ އަށް ވަނީ ގޮސްފަ އެވެ.

ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނާއި ރެއާލް މެޑްރިޑުންވަނީ މިކަމުގެ ހިތާމަފާޅުކޮށްފަ އެވެ. ފެޑަރޭޝަނުން ބުނީ އޮލްގާ އަށް އޭނާގެ ބައްޕަ ނިޔާވި ހަބަރުދިނީ ފައިނަލް މެޗަށް ފަހު ކަމަށާއި ކުޅުންތެރިޔާ އަށާއި ކުޅުންތެރިޔާގެ އާއިލާގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ. އަދި އޮލްގާ އަކީ ސްޕޭނުގެ ތާރީހުގައި މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

އޮލްގާ ވަނީ އިއްޔެގެ ފައިނަލް މެޗުގައި އޭނާގެ ރަހުމަތްތެރިއެއްގެ މަންމަ މަރުވެފައިވާތީވެ އެކަމުގެ ހިތާމަ ފާޅު ކުރުމުގެ ގޮތުން ޖާޒީ އުފުލާލައި ހާއްސަ މެސެޖެއްދީފަ އެވެ. މި ފަހަރުގެ ވޯލްޑްކަޕްގައި ސްޕޭން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުގައި ފުރަތަމަ 11ގައި އޮލްގާ ކުޅުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް