ދިވެހިރާއްޖެއިން ކިރްގިސްތާނަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމައިފިއެވެ.
އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީން ބުނީ, ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކުން ކިރްގިސްތާނަށް ދަތުރުކުރާނަމަ، އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ ކަމަށެވެ. މިނިސްޓްރީން ބުނީ މި ގޮތަށް ވިސާއާނުލައި ކިރްގިސްތާނަށް ދަތުރުކުރެވޭ ގޮތަށް ހެދީ 23 ސެޕްޓެމްބަރު 2022ގައި ކިރްގިސްތާނާ ރާއްޖެއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. މިއީ ޓޫރިސްޓް ވިސާއެކެވެ.
ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާ އޮން އެރައިވަލްކޮށް ދިނުމަށް ކިރްގިސްތާނު ސަރުކާރުން ނިންމި ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް ކިރްގިސްތާނަށް ޒިޔާރަތްކުރާނަމަ, ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ ތައުލީމް ހާސިލްކުރުމަށް ނުވަތަ ވިޔަފާރިކުރުމަށް ބޭނުންވާނަމަ ދިވެހިން ކިރްގިސްތާނަށް ދަތުރުކުރުމުގެ ކުރިން އެކަމަކާ ގުޅޭ ވިސާއެއް ނަގަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކިރްގިސްތާނަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުން ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާއި، ކިރްގިސްތާނުން ދިވެހިރާއްޖެއަށް ދޭ ޚާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށެވެ.
ދިވެހިރާއްޖެއިން ކިރްގިސްތާނަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމަައިފައިވާއިރު، 13 ޖުލައި 2023ގައި ދިވެހިރާއްޖެއިން މިސްރަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައިވެއެވެ. އަދި 07 އޯގަސްޓް 2023ގައި ސައޫދި އަރަބިއްޔާއިން ޓޫރިސްޓް ވިސާގެ ލުއި ދިން 8 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމަނާފައި ވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްވެ ހުންނަވައި ދަނީ ބޭރުގެ ދުނިޔޭގެ ގައުމުތަކާއި ވަރަށް ބޮޑަށް ގުޅުން ބަދަހިކުރައްވަމުންނެވެ. އަދި އެގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. ނަތީޖާއެއް ގޮތުން، ބޭރުގެ ގިނަ ގައުމުތަކަށް ދިވެހިންނަށް ދަތުރުކުރުމަށް ވަނީ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައެވެ.