ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 17:50
ސްޕޭން ކުޅުންތެރިން ތައްޓާއެކު
ސްޕޭން ކުޅުންތެރިން ތައްޓާއެކު
ފީފާ
އަންހެނުންގެ ވޯލްޑްކަޕް
ދުނިޔޭގެ އަންހެން ޗެމްޕިއަންކަން ސްޕޭނަށް
މިއީ ސްޕޭން ވޯލްޑްކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރު

އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕޭން ހޯދައިފިއެވެ.

ފުރަތަމަ ފަހަރަށް ސްޕޭނުން މި ތަށި ހޯދީ ފައިނަލްގައި މިއަދު އިންގްލޭންޑް 1-0ން ބަލިކޮށްގެންނެވެ. އޮސްޓްރޭލިޔާއާއި ނިއުޒީލޭންޑްގައި މީގެ މަހެއްހާ ދުވަސް ކުރިން ފެށި މި މުބާރާތުގެ ފައިނަލް މެޗުގެ ހަމައެކަނި ގޯލު ޖެހީ 29 ވަނަ މިނިޓްގައި ކަރްމޯނާއެވެ. ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ ނަތީޖާ ހަމަހަމަކުރަން އިނގިރޭސިން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް، މެޗުގެ ލީޑް ފުޅާކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސްޕޭނަށެވެ. ނަމަވެސް ހާމޯސޯ ޖެހި ޕެނަލްޓީ އިނގިރޭސި ކީޕަރު ދިފާއުކުރީއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ ފައިނަލް މެޗުގައިވެސް މޮޅަށް ކުޅުނު އިނގިރޭސި ކީޕަރު މޭރީ އާޕްސްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މުބާރާތުގައި ތިން ގޯލު ޖެހި ސްޕޭންގެ އައިޓާނާ ބޮންމާޓީއެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ސްޕޭންގެ ފޯވަޑް ސަލްމާ ޕަރަޔޭލޫއެވެ.

މިފަހަރުގެ ވޯލްޑްކަޕަކީ 32 ގައުމު ވާދަކުރާ ގޮތަށް ހަމަޖައްސައި، ފީފާއިން ބޭއްވި ފުރަތަމަ މުބާރާތެވެ. އަދި މި ފަހަރުގެ މުބާރާތުގައި ދޭ އިނާމު ފައިސާގެ އަދަދުވެސް ފީފާއިން ވަނީ ވަރަށް ބޮޑުކޮށްފައެވެ. އަދި ކުރިއަށް އޮތް މުބާރާތުން ފެށިގެން ފިރިހެނުންގެ ވޯލްޑްކަޕާ އެއް އަދަދަކަށް އިނާމު ފައިސާ ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގެ ތިންވަނަ ހޯދީ އޮސްޓްރޭލިޔާ ބަލިކޮށް ސްވިޑްންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް