ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 18:16
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީ
ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުން
ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި
 
މި މަޝްރޫއަށް 32.33 މިލިއަން ރުފިޔާ ހޭދަވާނެ
 
އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު
 
މި މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ

ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ، ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫގެވެ.

1,609 މީހުންގެ އާބާދީއެއް އޮންނަ ހުޅުދުއްފާރަކީވެސް ރާއްޖޭގެ ގިނަ ރަށްރަށް ފަދައިން ރަށް ގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށަކެވެ. މި ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ރަށްގިރުމުގެ ސަބަބުން ރަށުގެ ރީތި މަލަމަތި ހަލާކުވެ، ރަށަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ މައްސަލައެވެ.

އެމްޓީސީސީން ބުނީ މިރަށުގެ ހުޅަނގު އައްސޭރިފަށުން ބޮޑު ސަރަހައްދެއް މިހާރުވެސް ގިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އެތައް ރުއްގަހެއް ވެއްޓިފައިވާކަމަށެވެ. އަތިރިމަތީގައި ހުންނަ ގެތަކަށް އުދަ އެރުމުގެ ހާދިސާތަކާވެސް ކުރިމަތިލާންޖެހޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު މި މައްސަލަތަކަށް ހައްލު ލިބި، ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރަށު ރައްޔިތުންނަށް މުސްތަގުބަލުގައި ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 473 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއ،ި 320 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 100 މީޓަރުގެ ސަރަހައްދެއްގައި ލޯ ކްރެސްޓެޑް ބޭރުތޮށި ލުމާއ،ި 20,500 ކިއުބިކް މީޓަރުގެ ގޮނޑުދޮށަށް ވެލިއެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 32.33 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އަދި އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
50%
0%
0%
0%
50%
ކޮމެންޓް