ޔޫނިއަން އޮފް ޔޫރަޕިއަން ފުޓުބޯޅަ އެސޯސިއޭޝަން (ޔުއެފާ) އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފިއެވެ.
މިދިޔަ ސީޒަންގެ އެންމެ މޮޅު ޔުއެފާ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ސިޓީއާއެކު ޓްރެބަލް ކާމިޔާބުކުރި ދެ ކުޅުންތެރިން ކަމަށްވާ އާލިންގ ހާލަންޑާއި ކެވިން ޑި ބްރޭނާގެ އިތުރުން މިދިޔަ އަހަރު އާޖެންޓީނާ އާއެކު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އިންޓަ މިއާމީގެ ލިއޮނެލް މެސީ އެވެ.
މި އެވޯޑު ދޭންފެށިތާ 12 އަހަރު ވެފައިވާއިރު، މެސީ ވަނީ ދެފަހަރު މި އެވޯޑް ހާސިލްކޮށްފައެވެ. މެސީއަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިފައިވަނީ ބާސެލޯނާ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ދެ ސީޒަނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީއެވެ.
އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބުން އެންމެ ގާތީ މެންޗެސްޓަރ ސިޓީއަށް ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގުގެ އިތުރުން އެފްއޭ ކަޕު ކާމިޔާބުކޮށްދިން ޕެޕް ގާޑިއޯލާ އަށެވެ. އޭނާގެ އިތުރުން މި އެވޯޑަށް ވާދަކުރަނީ އިންޓަ މިލާން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިން ސިމޯން އިންޒާގީ އާއި އިޓާލިއަން ލީގު ކާމިޔާބުކުރުމަށް ނަޕޯލީ އަށް އިރުޝާދުދިން ލޫސިއާނޯ ސްޕަލެޓީ އެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އާއި ކޯޗުގެ އެވޯޑަށް ވާދަކުރާ މީހުން އިއުލާނުކުރާނީ ފީފާ ވިމެންސް ވޯލްޑް ކަޕުގެ ފައިނަލަށްފަހު އަންނަ ހަފްތާގައި ކަމަށް ޔުއެފާ އިންވަނީ ބުނެފައެވެ. އާދިއްތަ ދުވަހު އޮސްޓްރޭލިއާގައި ކުޅޭ ފައިނަލް މެޗުގައި ވާދަކުރާނީ ސްޕެއިން އާއި އިންގްލެންޑެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކިލިއަން އެމްބާޕޭ އަށް ލިބިފައިވަނީ ހަވަނަ އެވެ. އޭނާގެ ކުރިން ޖާގަ ލިބިފައިވަނީ ޗެމްޕިއަންސް ލީގު ފައިނަލުގައި ސިޓީއަށް ލަނޑު ޖަހައިދިން އިކާއީ ގުންޑޮގާން އާއި ރޮޑްރީ އެވެ. އިންޓަ މިލާންގެ މާސެލޯ ބްރޮޒޮވިޗް އަށް ވަނީ އަށްވަނަ ލިބިފައެވެ. ދާދި ފަހުން އޭނާ ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ.
ޔުއެފާގެ މޮޅު ކުޅުންތެރިޔާ އާއި މޮޅު ކޯޗުގެ އެވޯޑު ދިނުން އޮންނާނީ މި މަހު 31 ވަނަ ދުވަހު ކުރިޔަށްދާ ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ކުރިޔަށްދާނީ މޮނާކޯ ގައެވެ.