ކ. މާލެ
|
18 އޯގަސްޓް 2023 | ހުކުރު 13:34
ރޮޒައިނާ އާދަމް
ރޮޒައިނާ އާދަމް
ރާއްޖޭގެ ސިޔާށީ މަސްރަހު
"މަގުތަކަށް ނުކުމެ މުޒާހަރާ ކުރާނެ ހާލަތެއް ނެތް، އިދިކޮޅު އެއްވުމަށް ގިނަ ދުވަހު ދަނީ 25 މީހުން"
ރޮޒައިނާ ވިދާޅުވީ ކުރީ ސަރުކާރާއި ދެކޮޅަށް އޭރު އާއްމުން އަޑު އުފުލީ އަނިޔާވެރިކަން އިންތިހާ އަށް ގޮސްގެން ކަމަށް
އޭނާ ވަނީ ރައީސް ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައި
ގައުމު އާރާސްތުކުރެވުނީ ރައީސްގެ ދުރު ވިސްނުންފުޅުގެ ސަބަބުން ކަމަށް ރޮޒައިނާ ވިދާޅުވި

މިއަދު އިދިކޮޅުން އެއްވާން ގޮވާލުމުން އާއްމުކޮށް ދަނީ 25 ވަރަކަށް މީހުންކަމަށާއި މިއަދު މަގުތަކަށް ނުކުންނަން ބޭނުންވާ ފަދަ ހާލަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަަވަމުންނެވެ. ރޮޒައިނާ ވިދާޅުވީ ކުރީ ސަރުކާރާއި ދެކޮޅަށް އޭރު އާއްމުން އަޑު އުފުލީ އަނިޔާވެރިކަން އިންތިހާ އަށް ގޮސް، ރައްޔިތުންގެ އާއްމު ދިރިއުޅުމަށް އަސަރުކުރުމުން ކަމަށެވެ. ނަމަވެސް މިއަދު އެފަދަ ހާލަތެއް ނެތް ކަމަށާއި އާއްމުން ތިބީ އެއަށް ވުރެ އުފަލުން، ހަމަޖެހިގެން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ އިތުރަށް ވިދާޅުވީ މިއަދު ސިޔާސީ ހާލަތު ވެސް ރަނގަޅު ކަމަށެވެ. އަދި ސިޔާސީ މަސްރަހު ހޫނުވެ ސިޔާސީ ބޭނުމަށް މިސަރުކާރުން އެއްވެސް މީހަކު ޖަލަށް ލާފައި ނުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަށް ކޮވިޑްގެ ސަބަބުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވީ ކަމަށެވެ. އެގޮތުން ހަ ވަރަކަށް މަސް ދުވަސް ރާއްޖެ އަށް އެއްވެސް ވަރަކަށް އާމްދަނީ އެއް ނުލިބި އޮންނަން ޖެހުމަކީ ކުޑަ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ ހާލަތުން އަރައިގަނެ ގައުމު އާރާސްތުކުރެވުނީ ރައީސްގެ ދުރު ވިސްނުންފުޅުގެ ސަބަބުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އެއްވެސް ކަމެއް އުނިނުވާގޮތަށް ކަންކަން ބަލަހައްޓަވާ ދެއްވާ، ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި މެދުނުކެނޑި ފޯރުކޮށްދެއްވީ ވަރަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރައްވައިގެން ކަަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ ވާހަކަފުޅުގައި ވަނީ ރައީސް ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތުގައި ތަފާތުކުރުމެއް ނެތި ފޯރުކޮށްދެއްވުމުގެ ވިސްނުން ގެންގުޅުއްވި ހަމައެކަނި ވެރިއަކީ ވެސް ރައީސް ޞާލިހުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށްރަށަށް ޒިޔާރަތް ކުރާ އިރު އެ ރަށްރަށުގެ ހުރި ތަރައްޤީގެ މަޝްރޫޢުތައް ގިނަކަމާއި މި ސަރުކާރަކީ އެ ރަށްތަަކަށް އެންމެ އިސްކަމެއް ދިން ސަރުކާރުކަން ރައްޔިތުން ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް