ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 18:22
އިންގްލެންޑް ޓީމް އުފާފާޅުކުރަނީ
އިންގްލެންޑް ޓީމް އުފާފާޅުކުރަނީ
ރޮއިޓާސް
އަންހެނުންގެ ވޯލްޑް ކަޕް
ވިމެންސް ވޯލްޑް ކަޕް: އޮސްޓްރޭލިއާ ބަލިކޮށް، އިންގްލެންޑް ފައިނަލަށް
ސްޕެއިނާއި އިންގްލެންޑް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު

މިއަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އޮސްޓްރޭލިއާ ބަލިކޮށް، ފުރަތަމަ ފަހަރަށް އިންގްލެންޑް ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

ބުދަ ދުވަހު ސިޑްނީގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މިއާއެކު އިންގްލެންޑަށް ވަނީ، ދެ އަހަރު ތެރޭގައި ކުޅޭ ދެވަނަ ފައިނަލުން ޖާގަ ލިބިފައެވެ. އިންގްލެންޑުން ވަނީ މިދިޔަ އަހަރު ކުރިޔަށްދިޔަ ޔޫރޯ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ އެ ޓީމަށް ޔޫރޯ ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ އެލާ ޓޫންއެވެ. ދެވަނަ ހާފުގައި އޮސްޓްރޭލިއާގެ ސޭމް ކާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ސަބަބުން އިންގްލެންޑުގެ ލޯރެން ހެމްޕް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް އަލުން ލީޑު ހޯދައިދީފައެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އިންގްލެންޑަށް ލީޑު ފުޅާކޮށްދިނީ އެލެސިއާ ރޫސޯއެވެ.

ފުރަތަމަ ސެމީގައި 2-1ގެ ނަތީޖާއަކުން ސްވިޑްން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ސްޕެއިނެވެ. ސްޕެއިނާއި އިންގްލެންޑް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު ސިޑްނީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް