ކްލަބް މޯލްޑިވްސް ކްލެސިކްގެ ފައިނަލުން ޑީޖޭއޭއާއި ކްލަބް 220 ޖާގަ ހޯދައިފިއެވެ.
ކްލެސިކް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ. ފުރަތަމަ ސެމީގައި ވާދަކުރީ ޓީމް ޑީޖޭއޭއާއި ޓްރާންސްޕޯޓް ރެކްރިއޭޝަން ކުލަބެވެ. ޑީޖޭއޭ ވަނީ ފަސޭހަ ކަމާއެކު 8-1ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. ފައިނަލުގެ ދެވަނަ ޖާގަ ކްލަބް 220 ހޯދީ ދެވަނަ ސެމީގައި ޕެނަލްޓީ ޖަހައިގެން، 5-3ގެ ނަތީޖާއަކުން ޚާރިޖީ ބަލިކުރުމަށްފަހުއެވެ.
ޑީޖޭއޭއާއި ޓްރާންސްޕޯޓް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1ން އެއްވަރުވެގެންނެވެ. ޑީޖޭއޭގެ އަބްދުﷲ ރިމާހު އެ ޓީމަށް ކުރި ހޯދައިދިންއިރު، ޓްރާންސްފޯޓަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ މޫނިސްއެވެ. ނަމަވެސް ދެވަނަ ހާފުގައި ޑީޖޭއޭއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ހަތް ލަނޑު ޖަހާފައެވެ. މުހައްމަދު އަޖުވަދު ސަލާހުއާއި އިބްރާހީމް ނައީމް އެއް ލަނޑު ޖަހާފައިވާއިރު، ސައުދުﷲ އަހުމަދު ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު ގުރެއިޝް ވަނީ ހެޓްރިކް ހަދާފައެވެ.
ކްލަބް 220 އާއި ޚާރިޖީ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1ން އެއްވަރުވެފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޚާރިޖީއަށް ކުރިހޯދައިދިނީ މުހައްމަދު ހޫދު އަހުމަދެވެ. ނަމަވެސް މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އަހުމަދު ސާމިހު ވަނީ ކްލަބް 220އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ކްލަބް 220ން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. ޚާރިޖީގެ ޕެނަލްޓީތައް ކާމިޔާބުކުރެވުނީ އަހުމަދު ޝިފާއުއާއި އަލީ ޒާހިރަށެވެ. މުހައްމަދު ނާސިދު އަހުމަދު ނަސީމާއި މުހައްމަދު ހޫދު އަހުމަދަށް ޕެނަލްޓީ ވައްދާލެވޭގޮތެއް ނުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް 220 ސަލާމަތްކޮށްދިން އަހުމަދު ސާމިހުއެވެ.
ކްލަބް މޯލްޑިވްސް ކްލެސިކްގެ ފައިނަލުގައި ޑީޖޭއޭއާއި ކްލަބް 220 ވާދަކުރާއިރު، 18/30 ކްލެސިކްގެ ފައިނަލުގައި ވާދަކުރާނީ އެމްއޭސީއެލްއާއި ވެމްކޯއެވެ. އަދި 18/30ގެ ފައިނަލުގައި ވާދަކުރާނީ ފެނަކައާއި ޕޮލިސް ކުލަބެވެ. ކްލަބް މޯލްޑިވްސް ކްލެސިކްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ރެއެވެ.