މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާ، ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލު ނުވާން ނިންމައިފި އެވެ.
މެގުއާ ހޯދުމަށް ވެސްޓް ހޭމުން ކުރި މަސައްކަތުގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އެކުލަބާއެކު އެއްބަސްވުމަކަށް ވެސް އާދެވިފަ އެވެ. އެއީ މެގުއާ ހޯދުމަށް ދެ ފަހަރެއްގެ މަތިން ބިޑު ކުރުމަށްފަހު އެވެ، މެގުއާ ހޯދުމަށް ވެސްޓް ހޭމުން އެންމެ ފުރަތަމަ ކުރި ބިޑު ޔުނައިޓެޑުން ވަނީ ރިޖެކްޓުކޮށްފަ އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ވެސްޓް ހޭމުން ފޮނުވި 30 މިލިއަން ޕައުންޑުގެ ބިޑަށް ޔުނައިޓެޑުން އެއްބަސްވި ކަމަށް ރިޕޯޓުތައް ބުނެފައިވެ އެވެ. އޭގެ ފަހުން ވެސްޓް ހޭމުން ވަނީ މެގުއާ އާއެކު މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. މެގުއާ ޔުނައިޓެޑު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ގަދަވީ އައު ސީޒަނާއެކު، އޭނާ އަތުން ކެޕްޓަން ބޭންޑު އަތުލުމަށް ކޯޗު އެރިކް ޓެން ހާގް ނިންމުމާއެކު އެވެ. މެގުއާގެ ބަދަލުގައި ޓެން ހާގް ކެޕްޓަންކަން ދިނީ ބްރޫނޫ ފެނާންޑޭސް އަށެވެ.
މެގުއާގެ ވަރަށް އަރިސް ފަރާތަކާ ހަވާލާދީ އިނގިރޭސި މީޑިއާ ތަކުގައި ބުނެފަައިވާ ގޮތުން، ވެސްޓް ހޭމަށް ބަދަލުވާން މެގުއާ ބޭނުމެއް ނުވެ އެވެ. ވެސްޓް ހޭމުން މެގުއާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅުމުން މެގުއާ އެކަމަށް އިހުތިރާމް ކުރާ ކަމަށާއި، ނަމަވެސް އެ ކުލަބާއެކު އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވިފައި ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޔުނައިޓެޑަކީ މެގުއާ ވަރަށް ލޯބިވާ ކުލަބެއް ކަމަށާއި، އޭނާ ބޭނުންވަނީ އެ ކުލަބުގައި މަޑު ކުރުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީޑިއާތަކުގައި ބުނެފައިވާ ގޮތުން މެގުއާ ހުރީ ޔުނައިޓެޑުގައި އޭނާ އަށް އަދިވެސް އެންމެ ރަނގަޅު ވަގުތުގައި ފުރުސަތު ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްގަ އެވެ.
ލެއިސްޓަރ ސިޓީ ދޫކޮށް އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެފަހަރު ޔުނައިޓެޑުން އޭނާގެ ސޮއި ހޯދީ ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގަ އެވެ. ޔުނައިޓެޑާއެކު އޭރު މެގުއާ ސޮއި ކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ އޭނާ ދޫކޮށްލަން ޔުނައިޓެޑުން އެއްބަސްވީއިރު، މެގުއާގެ ފަރާތުން މިހާތަނަށް ޔުނައިޓެޑުގައި ފެނުނީ ވެސް ދަށް ކުޅުމެކެވެ.
ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން 175 މެޗުގައި މެގުއާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ކަރަބޯ ކަޕެއް ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑުގެ ކޯޗުކަމާ އެރިކް ޓެން ހާގް ހަވާލުވި ފަހުން މެގުއާ އަށް ފުރަތަމަ 11 އިން ފުރުސަތު ދެނީ މަދު މެޗުތަކެއްގަ އެވެ.