ކ. މާލެ
|
15 އޯގަސްޓް 2023 | އަންގާރަ 17:17
ސްޕެއިނާއި ސްވިޑްން ބައްދަލުކުރި މެޗުގެ ތެރެއިން
ސްޕެއިނާއި ސްވިޑްން ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓާރސް
އަންހެނުންގެ ވޯލްޑް ކަޕް
ވިމެންސް ވޯލްޑް ކަޕް: ސްވިޑްން ބަލިކޮށް، ސްޕެއިން ފުރަތަމަ ފަހަރަށް ފައިނަލަށް
ސްޕެއިން މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުން

ސްވިޑްން ބަލިކޮށް ސްޕެއިން ފުރަތަމަ ފަހަރަށް އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސްވިޑްންގެ މައްޗަށް ސްޕެއިންއިން ކުރިހޯދާފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. ސްޕެއިންގެ ފުރަތަމަ ލަނޑު، 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުމުރުން 19 އަހަރުގެ ސަލްމާ ޕަރަލުއެލޯއެވެ. ނަމަވެސް ސްވިޑްންއިން ވަނީ 88 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރެބެކާ ބްލޮމްކްވިސްޓްއެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން، ސްޕެއިންގެ ކެޕްޓަން އޮލްގާ ކާމޯނާ ކާމިޔާބުކުރި ލަނޑާއެކު އެޑެން ޕާކުގައި ސްޕެއިންގެ ސަޕޯޓަރުންގެ މެދުގައި އުފާވެރި މަންޒަރުތަކެއް ފެނުނެވެ.

މިއީ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ވިދިވިދިގެން ސްވިޑްން ބަލިވި ދެވަނަ ފަހަރެވެ. ސްޕެއިން ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކުރިއިރު، ސްވިޑްންއަކީ ތިން ފަހަރު ތިންވަނަ އަދި، އެއް ފަހަރު ރަނަރަޕްކަން ހޯދާފައިވާ ޓީމެކެވެ.

ފައިނަލުގައި ސްޕެއިން ކުޅެން ޖެހޭނީ އިންގްލެންޑާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ. ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހު ސިޑްނީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް