ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު ދައުލަތުގެ ވަސީލަތާއި މީހުން އެއްވެސް ހާލެއްގައި ކެމްޕެއިން އަށް ބޭނުންކޮށްފައި ނުވާނެ ކަމަށް ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ އެފަދައިން ވިދާޅުވީ ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ރައީސްގެ ކެމްޕެއިން ހަރަކާތްތައް ކުރާ ކަމަށާއި އެކަމާއި މެދު އެމްޑީޕީ ޖަވާބުދާރީވާން ޖެހޭ ކަމަށް އިދިކޮޅުފަރާތްތަކުން ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން މާރިޔާ ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ވާނަމަ އެ ޝަކުވާތައް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅުއްވައިގެން ބެއްލެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ކަމަށް ޖާގަވެސް ދެއްވާނެ ކަަމަށް މާރިޔާ ވިދާޅުވިއެވެ. ރައީސް ޞާލިހު އާއި ކެމްޕެއިން ޓީމުގެ ވެސް ވިސްނުމަކީ އެއްވެސް ވަރަކަށް ދައުލަތުގެ އެއްވެސް ވަސީލަތެއްގެ ބޭނުން ނުކޮށް ކެމްޕެއިން ކުރުން ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އަދި ކެމްޕެއިންގެ ފަރާތުން ހުރިހާ އެންމެންނަށް ވެސް އެކަން އެގޮތަށް އަންގަވާފައިވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން މެނުވީ ދައުލަތުގެ ވަސީލަތްތައް ބޭނުންނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެކި ފަރާތްތަކުން ކުރިއަށް ގެންދާއިރު، ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބާއި ބެހޭ އާއްމު ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަށް ރިޔާއަތްކޮށް ދައުލަތުގެ ވަސީލަތް ކެމްޕޭނުގެ އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.