ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރިކަމުގެ ދެ ވަނަ މެޗުން ވެސް ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ޓީމު ބަލިވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން ދިވެހިރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އޭގެ ކުރިން ކުޅުނު ފުރަތަމަ މެޗުން ވެސް ރާއްޖެ ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ދެ ވަނަ މެޗުގައި ވެސް ރާއްޖެ އަށް އެކަށީގެންވާ ވަރުގެ ވާދައެއް ކޮށްލެވުނީ ފުރަތަމަ ސެޓުގަ އެވެ. ނަމަވެސް ލަންކާ އިން ވަނީ 25-21 އިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ސެޓާއި، ތިން ވަނަ ސެޓު ލަންކާ އިން ކާމިޔާބު ކުރީ ޕްރެޝަރެއް ނެތި އެވެ. ދެ ވަނަ ސެޓުގައި ލަންކާ އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 25-16 އިންނެވެ. އަދި ތިން ވަނަ ސެޓުގައި ކުރި ހޯދީ 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލަންކާގެ ލަސިންދު އެވެ.
ލަންކާއާ ދެކޮޅަށް ޤައުމީ ފިރިހެން ޓީމުން ކުޅޭ ފަހު މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ 20:30 ގައެވެ. އަންގާރަ ދުވަހުގެ ރޭ އޮންނާނީ އަންހެން ޓީމުގެ މެޗެވެ. މިއީ މި މަހުގެ ފަހުކޮޅު މަޑަގަސްކަރައިގައި ފެށުމަށް ހަމަޖެހައިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅެމުން އަންނަ މެޗުތަކެކެވެ. މި މެޗުތަކުގެ ކުރިން ޤައުމީ ޓީމުތައް ވަނީ ތައިލެންޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.