ރާއްޖެއިން ފަޅެއް، ރަށެއް ނޫނީ ސަރުކާރަށް ދައްކަން އޮތް ފައިސާ މަޢާފު ކުރުވަން އެދޭނެ އެއްވެސް ބޭފުޅެއް ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ނޫޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ނ. ކުޑަފަރީގައި އޮތް ބަނދަރު ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޯލިޝަންގެ ހިމެނޭ ލީޑަރުންނަކީ ފުދިގެން އުޅޭ ބަޔެއް ކަމަށެވެ. އަދި ސަރުކާރުގެ އޮތީ އެންމެ މަޤްސަދެއް ކަމަށާއި އެއީ ރައްޔިތުންނަށް ޙިދުމަތްކޮށް، ސަރުކާރުން ފެށި މަޝްރޫއުތައް ނިންމުން ކަމަށެވެ.
ރައީސްގެ ކޯލިޝަނަކީ ތަޖުރިބާ ލިބިފައިވާ ކޯލިޝަނެއް ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭ ކޯލިޝަން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސްގެ ރަނިންގމޭޓް އަސްލަމާއި ސިޔާމް އަކީ 20 އަހަރުގެ ސިޔާސީ ތަޖުރިބާ ލިބިފައިވާ ދެ ބޭފުޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް އަކީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި 30 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޙިޔާލު ތަފާތުވުން ތަކާއެކު ބައެއް ފަރާތުން ދުރުގައި ތިއްބެވިނަމަވެސް ރައީސް ވަނީ އެބޭފުޅުން އެމްޑީޕީއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.
ރައީސް ވިދާޅުވީ ކުޑަފަރިއަކީ އިޖުތިމާއި ރޫހު ގަދަ ރަށެއް ކަމަށާއި ހުރިހާ އެންމެން ގުޅިގެން ރަށުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ރަށެއް ކަމަށެވެ. އަދި ތިމާވެއްޓާއި ރައްޓެހި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ ރަށުގެ ކޮންމެ ރައްޔިތެއް އިސް ނަގައިގެން ކުރާ ކަމެއް ރައީސް ވިދާޅުވިއެވެ.
ވޭތުވެދިޔަ 5 އަހަރު ތައުލީމީ ދާއިރާއަށް ސަރުކާރުން ބޮޑު ބަދަލެއް ގެނެސްދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގައި ބޯހިޔާވަހިކަން ބޭނުންވާ ވަރަށް ގިނަ ރައްޔިތުން އެބަތިބި ކަމަށާއި ކުރިއަތް އޮތް ދައުރުގައި ނ. ކުޑަފަރީގައި ރޯ ހައުސް އަޅުއްވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޯހިޔަވާހިކަމަށް ލޯނު ބޭނުންވާ ފަރާތްތަކަށް 10 ޕަސަންޓް އިކުއިޓީގައި ލޯނު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރަށުގެ މަގުތައް ހަދައި، ސިއްހީ މަރުކަޒުން 16 ގަޑިއިރު ހިދުމަތް ދެވޭނެ ގޮތް ހައްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ބަނދަރަށް ގެންނަންޖެހޭ ބަދަލުތަކާއެކު ސަރފިންގ ޕޮއިންޓް ވެސް ހިމާޔަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.