Advertisement
ކ. މާލެ
|
11 އޯގަސްޓް 2023 | ހުކުރު 12:51
މާރިޔާ އަހުމަދު ދީދީ
މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
އެމްޑީޕީ
މިހާރު ވެސް ޕީޕީއެމްގެ ގިނަ މީހުން ދަނީ އެމްޑީޕީއާ ގުޅެމުން: މާރިޔާ
ވަކި ބަޔެއް ދެކެ އެމްޑީޕީން ރުޅިއައިސްގެން ނޫޅޭ

މިހާރު ވެސް ޕީޕީއެމްގެ ގިނަ މީހުން އެމްޑީޕީއާ ގުޅެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންނަށް މަރުހަބާ ކިޔާ ބަޔެއް ކަމަށެވެ. އެމްޑީޕީން އެއްވެސް ރައްޔިތަކަށް ދުވަހަކު ވެސް ނޫނެކޭ ނުބުނާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް، އަދި ދެވަނަ ބުރެއްގައި އިންތިޚާބު ބާއްވަން ޖެހިއްޖެނަމަ، އެ ބުރުގައި ވެސް އެމްޑީޕީއާ ގުޅެން ބޭނުން ކޮންމެ މީހަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކޮންމެ ބަޔަކާއެކު ވެސް އެމްޑީޕީއަކީ ގުޅޭނެ ބަޔެއްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ ވަކި ބަޔެއް ދެކެ އެމްޑީޕީން ރުޅިއައިސްގެން ނޫޅޭ ކަމަށެވެ. އަދި ރައީސް ސާލިހަކީ އަބަދުވެސް ހުރިހާ އެންމެންނަށް މަރުހަބާ ވިދާޅުވާ ބޭފުޅެއް ކަމަށެވެ.

މާރިޔާ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ކެމްޕޭނުތަކަށް ރަށްތަކަށް ވަޑައިގަތުމުން ވެސް އެކި ރަށްތަކުގެ މީހުން އެމްޑީޕީއަށް ސޮއިކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އަދިވެސް އެންމެ ގިނަ މެމްބަރުން ތިބީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން ވަނީ ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ތިބި މެމްބަރުންގެ އަދަދު އަންގާރަ ދުވަހު އާއްމުކޮށްފައެވެ. އެ އަދަދުތަކުން ދައްކާ ގޮތުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި 58،035 މެމްބަރުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ފެބްރުއަރީ މަހާ ހަމައަށް އެ ޕާޓީގައި ރަޖިސްޓްރީ ކޮށްފައި ވަނީ 57،660 މެމްބަރުންނެވެ.

ޖޫން މަހުގެ ނިޔަލަށް އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ މެމްބަރުންގެ އަދަދު އިތުރުވެފައިވާއިރު އެ ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންތަކެއް ވެސް ވަނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޕާޓީން ވަކިވެފައެވެ. ނަމަވެސް ހަމަ އެ ދުވަސްކޮޅުގެ ތެރޭގައި ބައެއް ކައުންސިލްތަކުގެ މެމްބަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭހެން ގިނަ ބަޔަކު ވަނީ އެ ޕާޓީއާ ގުޅިފައެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައެވެ. އެ ޕާޓީގައި ޖޫން މަހުގެ ނިޔަލަށް 22،705 މެމްބަރުން ރަޖިސްޓްރީކޮށްފައިވާއިރު އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ތިބީ 3،139 މެމްބަރުންނެވެ.

މީގެ އިތުރުން ޖޫން މަހުގެ ނިޔަލަށް ޖުމްހޫރީ ޕާޓީގައި 22،705 މެމްބަރުން ތިބިއިރު އަދާލަތު ޕާޓީގައި 9،595 މެމްބަރުން، އެމްޑީއޭގައި 10،227 މެމްބަރުން، އެމްޓީޑީގައި 3،014 މެމްބަރުން އަދި އެމްއެންޕީގައި 9،729 މެމްބަރުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

އީސީން އާއްމުކޮށްފައިވާ އަދަދުތަކުން ދައްކާ ގޮތުގައި 3000 މެމްބަރުން ހަމަ ނުވާ ޕާޓީއަކަށް އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ ޕާޓީ އެމްއާރުއެމް އެވެ. އެ ޕާޓީގައި ރަޖިސްޓްރީ ކޮށްފައިވަނީ 2،892 މެމްބަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް