އަބަދުވެސް އަމާޒަކީ ރައްޔިތުން އެދޭގޮތަށް ކަންކަން ކޮށްދެއްވުން ކަމަށް އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ގދ. ހޯޑެއްދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުވި ވައުދުތައް އެދަނީ ފުދެމުން ނިމެމުން ކަމަށެވެ. އޭގެ ތެރޭގައި ހޯޑެއްދޫ ބަނދަރު ނިމިގެންދާއިރު އެއީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ބަނދަރަށް ވެގެންދާނެ ކަމަށާއި، ފެނާ ނަރުދަމާ ނިޒާމް އެދަނީ ފުރިހަމަވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރެއްގައި މަސައްކަތް ކުރާއިރު، ހޯނޑެއްދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދެއްވާނެ ކަމަށެވެ. ހޯޑެއްދޫއަކީ ވެށީގެ ގޮތުން ރީތި ހިތްފަސޭހަ ރަށެއް ކަމަށާއި، ލޯކަލް ޓުއަރިޒަމް ފެށުމަށް، އެ ސިނާއަތް ކުރިއެރުވުމަށްޓަކައި ސަރުކާރުންކޮށްދޭން ޖެހޭ ކަންކަން ދެވަނަ ދައުރެއްގައި ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއިރު ވި ވައުދުތައް ފުއްދަމުން ދިޔައީ ކޮވިޑުގެ އާލަމީ ބޮޑު ވަބާއާއި ކުރިމަތިލަމުން ކަމަށެވެ. އަދި ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާއެކު މުޅި ދުނިޔެއަށް ދަތިކަން ދިމާވި އިރު، އެ ދަތީގައި ސަރުކާރު ހިންގަމުން ގެންދިޔަ އިރުގައި ރައްޔިތުންނަށް އޭގެ ތަކުލީފް ނުޖެއްސުމަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ.
ކޮވިޑްގެ ތެރޭގައި އަދި ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ތެލުގެ އަގަށާއި ތަކެތީގެ އަގަށް އައި ބަދަލާއެކީގައި، ސަރުކާރުން ރައްޔިތުންނަށް އެ ތަހައްމަލު ކުރިމަތިވިޔަ ނުދީ މަސައްކަތްތަކެއް ކޮށްފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮވިޑްގެ އިންކަމް ސަޕޯޓުގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ. އެސްޑީއެފް ލޯންގެ ގޮތުގައި 16 މިލިއަން ރުފިޔާ އެޕްރޫވްކޮށް 15 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށާއި، ކަރަންޓް ސަބްސިޑީގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯޑެއްދޫ ރައްޔިތުންނަށް ދީފައިވާނެ ކަމަށެވެ. އަދި މިހުރިހާ ބުރައެއް އުފުލިީ ރައްޔިތުން ހަމަޖެހިގެން ދިރިއުޅުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.