އިޙުލާސްތެރިކަމާއި ތެދުވެރިކަމާމެދު ފުކެއްގެވެސް ޝައްކެއް އުފެދޭ ކަމެއް އޭނާގެ ކިބައިން ނުފެންނާނެ ކަމުގެ ޔަގީންކަން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހުގެ ރަނިންމޭޓު މުޙައްމަދު އަސްލަމް ދެއްވައިފިއެވެ.
ދ. ކުޑަހުވަދޫގައި ހޯމަ ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާންރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޞާލިހުއާ ރަހުމަތްތެރިކަން އޮންނަތާ 30 އަހަރުވެފައިވާ ކަމަށާއި އެ މުއްދަތުގެ ތެރެއިން ވޭތުވެދިޔަ 20 އަހަރު ތެރޭގައި ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި އޭނާއަށް އެންމެ ކަމުދާ ސިފަޔަކީ ކެތްތެރިކަމާއި މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއެކު ކަންކަމުގައި ގޮތް ނިންމުމުގެ ސިފަ ކަމަށާއި ރައީސް ޞާލިހުގެ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ އެ ލީޑަރޝިޕްކަމަށް ވިދާޅުވިއެވެ.
ރަނިންމޭޓުގެ ގޮތުގައި އަސްލަމްގެ ނަން އިއުލާނުކުރިފަހުން އާއްމުންނާ މުޙާތަބުކުރައްވާ ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ އުފާވެރި އަމާންރާއްޖޭގެ ވައުދުގައި ހިމެނޭ އުފާވެރި އާއިލާއަކީ ކޮންމެ ރައްޔިތަކަށް ބޭނުންވެފައިވާ މުހިންމު ކަމެއް ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް މި ސަރުކާރުން ގިނަ ކަންކަން ކޮށްދީފައިވާއިރު އެމަސައްކަތްތައް ނިންމުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނީ އެމަނިކުފާނަށް އެކަނިކަމާމެދު ޝައްކެއް ނެތް ކަަމަށް ވިދާޅުވިއެވެ. މެނިފެސްޓޯގައި ހިމެނޭ މިކަންކަމަށް އެކަނި ބަލައިލި ނަމަވެސް ރައީސަށް މިއަހަރުގެ އިންތިޚާބުގައި ވޯޓު ޙައްގުކަން އަސްލަމް ފާހަގަކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ ވައުދަކީ އަބަދުވެސް ވަމުން އަންނަ ވައުދެއް. ހަމައެކަނި ބޯހިޔާވަހަކިމަށް ބަލާލިކަމުގައި ވިޔަސް މި ސަރުކާރުން ކުރެވިފައިވާ މަސައްކަތްތައް އަދި އިތުރަށް މިއަދު އަޅުގަނޑުމެންނަށް ހާމަވެގެންދިޔަ އިތުރަށް ކުރާނެ ކަންކަމަށް ބެލި ކަމުގައިވިޔަސް، ގެދޮރު އަޅަން ބޭންކެއް މެދުވެރިކޮށް ކުޑަ އިންޓްރެސްޓުގައި އަދި އެ ދައްކާ ޑައުންޕޭމަންޓު ވެސް 10 ޕަސެންޓަށް ތިރިކޮށްފައި ލޯނު ދޭވާހަކަ އެއޮތީ އިއުލާންކޮށްފައި. އަޅުގަނޑަށް ޔަގީން މި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެއްވޭނެ ހަމައެކަނި ވެރިޔަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުކަން،އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު މުޙައްމަދު އަސްލަމް
އަސްލަމް އިތުރަށް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަށް ބޭފުޅަކު ވާދަކުރައްވާއިރު އެ ބޭފުޅުންގެ ތަޖުރިބާއާމެދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. އަދި އެ ބޭފުޅުންގެ ތެރެއިން ރައްޔިތުން ރައްޔިތުން ތަޖުރިބާކޮށްފައިވާ ވެރިޔަކީ ރައީސް ޞާލިހު ކަމަށާއި އެމަނިކުފާނު ވަނީ ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދެއްވައި، ނުވާނެ ކަމަށް ބުނި ކަންކަން ވެސް ކޮށްދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހުގެ ރަނިންމޭޓުގެ ގޮތުގައި އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ހަމަޖައްސަވައި މިހާރު ވަނީ ފޯމު ހުށަހަޅުއްވާފައެވެ. އަދި އެމަނިކުފާނުގެ ކެންޑިޑެސީ ވެސް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައެވެ.
މިއަހަރުގެ އިންތިޚާބުގައި ރައީސް ޞާލިހުގެ އިތުރުން ޕީއެންސީގެ ފަރާތުން ޑރ. މުހަައްމަދު މުއިއްޒު އާއި އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމު އާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބު އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހީމާއި އަމިއްލަ ގޮތުން އުމަރު ނަސީރު އާއި އަހުމަދު ފާރިސް މައުމޫން އަދި ހަސަން ޒަމީލު ވެސް ވަނީ ވާދަކުރެއްވުމަށް ހުށަހަޅުއްވާފައެވެ.