Advertisement
ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 15:00
ފަލަސުރުހީ ޕްރޮގްރާމްގައި އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މި ސަރުކާރުގެ އިޖްތިމާއީ ސިޔާސަތު
މި ސަރުކާރުގެ އިޖްތިމާއީ ސިޔާސަތު އޮތީ މުސްތަގުބަލަށް ފައިދާވާ ގޮތަށް: ޑރ. މުސްތަފާ
ތައުލީމީ ދާއިރާއަށް މިސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭ
ހިލޭ ޑިގްރީ ޕްރޮގްރާމް، ސްކޮލަރޝިޕް އަދި ލުއި ލޯނުގެ ގިނަ ފުރުސަތުތައް ވަނީ ފަހިކޮށްދީފައި

މިސަރުކާރުގެ އިޖްތިމާއީ ސިޔާސަތު އޮތީގެ މީގެ 15 އަހަރާއި 20 އަހަރަށް ވެސް ފައިދާވާ ގޮތަށް ކަމަށް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ.މުސްތަފާ ވިދާޅުވީ އިޖްތިމާއީ ސިޔާސަތަކީ ކުރިއެރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންސާނީ ހައްގުތައް ކަށަވަރުމާއި، އިންސާނަކަށްވީތީ ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާކަން ޑރ.މުސްތަފާ ފާހަގަކުރެއްވިއެވެ.

Advertisement

ތައުލީމީ ދާއިރާއަށް އިޝާރާތް ކުރައްވައި ޑރ.މުސްތަފާ ވިދާޅުވީ އިންސާނުން ކުރިއެރުވުމަށް އެންމެ ބޮޑަށް ބޭނުންވާނީ ތައުލީމު ކަމަށާއި، ތައުލީމީ ދާއިރާއަށް މިސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. މިސަރުކާރުން މި ދާއިރާއަށް ކުރި މަސައްކަތްތަކާއި ގާތަށް ވެސް އެހެން ސަރުކާރެއްގައި މަސައްކަތް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ.މުސްތަފާ ވިދާޅުވީ ދުރު މުސްތަގުބަލަށް ވިސްނުމަށްފަހު، މިސަރުކާރުން ތައުލީމީ ދާއިރާއަށް ވަރަށް ބޮޑު ހޭދައެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވާ ސްކޮލަރޝިޕް އަދި ލުއި ލޯނުގެ ފުރުސަތު ޑރ.މުސްތަފާ ފާހަގަކުރެއްވިއެވެ.

ހިލޭ ޕްރޮގްރާމް އެހެންވީމަ ލޯނަކާ ނުލައި ސްކޫލު ނިމުމުން ކިޔެވުމުގެ ފުރުސަތު އެބައޮތް ޑިގްރީއާ ހަމައަށް. އެއީ ވަރަށް މަދު ގައުމެއްގައި ލިބޭ ފުރުސަތެއް. އެއީ ވަރަށް ދުރު މުސްތަގުބަލެއްގަށް ވިސްނާފައި ކުރާ ކަމެއް. 7070 ވަރަކަށް އެގޮތަށް ކިޔަވާ ނިމިއްޖެ. ވަރަށް ގިނަ ކުދިން މިކަހަލަ ފުރުސަތެއް ނެތް ނަމަ ކިޔެވުމުން މަހުރޫމްވާނެ ކުދިން. އެއީ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓެއް. މިހާރު 5 އަހަރު ވެރިކަމުގައި. މިފަސް އަހަރަކަށް އެކަނި ވިސްނާނަމަ 20 އަހަރާއި ވިސްނާފައި ކުރާ އިންވެސްޓެއް. ތައުލީމަށް އިންވެސްޓު ކުރުން އެއީ މުސްތަގުބަލަށް އިންވެސްޓު ކުރުން. މިސަރުކާރުގެ އިޖްތިމާއީ ސިޔާސަތު ހަމައެކަނި މިވަގުތަކަށް ނޫން. މިހާރަކަށް ނޫން، މީގެ 10 އަހަރަށް 12 އަހަރަށް ފަހަށް ވެސް މިއޮތީ މީގެ ފައިދާ ވާ ގޮތަށް.
އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ

ޑރ.މުސްތަފާ ވިދާޅުވީ ސޯޝަލް ޕޮލިސީގެ ދަށުން އާއްމު ސްކޫލުގެ ތައުލީމު ކުރިއެރުވުމަށް ވެސް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ސްކޫލު ތައުލީމުގައި ކުދިން މޮޅުކުރަން ކުދިން އަހުލާގީ ފެންވަރު ރަނގަޅުކުރަން ކުދިންގެ ކަންކަމަށް ޝައުގު އުފައްދަން ވެސް އެންމެ މުހިންމު ދުވަސްވަރަކީ އެކުއްޖާގެ ޕްރައިމަރީ/ ސެކަންޑްރީ ތައުލީމު. އެހެންވީމަ މިތައުލީމު ވީހާ ވެސް ރަނގަޅު ގޮތަކަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ އިޖްތިމާއީ ސިޔާސަތުގައި ވަރަށް ބޮޑު ސިޔާސަތެއް. އެގޮތުން މިހާރު މިދަނީ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަމުން.
އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ

ޑރ.މުސްތަފާ ވިދާޅުވީ މިސަރުކާރުން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބުއްދުވެރި، އުފެއްދުންތެރި ޖީލެއް ބިނާކުރެވިގެންދާނެ ކަމަށެވެ. އަދި މުސްތަގުބަލަށް ކުރެވޭ މިއީ ވަރަށް ބޮޑު އިންވެސްޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް