ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 16:52
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް މީގެކުރިން ޓިކެޓް ޢެރުވިއިރު
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް މީގެކުރިން ޓިކެޓް ޢެރުވިއިރު
ޕީޕީއެމް
ރިޔާސީ އިންތިޚާބު ބޮއިކޮޓްނުކުރުން
ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ރައީސް ޔާމީނަށް ލަފާ އެރުވުމަށް ސެނެޓުން ނިންމައިފި
 
ރައީސް ޔާމީން މިނިވަން ކުރެވެން އަންނަނީ ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ކަމަށް ފެނޭ

ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށް، ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލަފާއެރުވުމަށް ޕްރޮގްރެސިވް ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ޔާމީން ދެއްވި ލަފަޔަށް މަޝްވަރާ ކުރުމަށްފަހު، އެމަނިކުފާނު މިނިވަން ކުރެވެން އަންނަނީ ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ކަމަށް ފެންނާތީ، އެގޮތަށް ރައީސް ޔާމީނަށް ލަފާ އެރުވުމަށް ސެނެޓުން ނިންމާފައިވާކަމަށެވެ. އަދި ރައީސް ޔާމީނުގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ސެނެޓުން އިއްތިފާގުވެފައި ވާކަމަށް ވެސް ވަނީ ބުނެފައެވެ.

ޔާމީނަށް ވާދަނުކުރެއްވިދާނެ ހާލަތަކަށް ބަލައި، ޕީއެންސީގެ ސެނެޓުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ. އަދި، އެ މަނިކުފާނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ވާދަކުރައްވަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޓިކެޓު ދޭން އެ ޕާޓީގެ ސެނެޓުން ވަނީ ނިންމާފައެވެ.

އެކަމަކު، ޕީޕީއެމުން ފަހުން ބުނެފައިވަނީ އެ ޕާޓީން ކެންޑިޑޭޓަކު ނެރެން ބޭނުންވާ ކަމަށެވެ. އަދި، ޔާމީން ނެތް ހާލަތެއްގައި މުއިއްޒަށް ތާއީދުކުރަން އެ ޕާޓީން ނުނިންމާ ކަމަށެވެ.

ރިޔާސީ އިންތިޚާބު ބޮއިކޮޓްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެދިވަޑައިގެންނެވުމުން އެކަމާ ބަހުސްކުރަން ޕީޕީއެމްގެ އޮފީހުގައި އެ ޕާޓީގެ ސެނެޓުން އާދިއްތަ ދުވަހު މެންދުރު ބޭއްވި ބައްދަލުވުން ހޫނުވެ، ހަމަނުޖެހުމަކަށް ބަދަލުވެ، އަމަން ގާއިމް ކުރަން ފުލުހުންވެސް ވަނީ ނިކުމެފައެވެ. މިކަމާ ގުޅިގެން ފުލުހުން ވެސް ބުނީ ސެނެޓްގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް އެތަނަށް އިތުރު ބަޔަކު ވަދެފައިވާ މައްސަލަ ޕީޕީއެމުން ހުށަހެޅި ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ބައްދަލުވުން ހޫނުވީ ޔާމީނުގެ ހުށަހެޅުއްވުމާމެދު ބަހުސް ނުކޮށް ވޯޓަށް އަހަން ޔާމީނުގެ ސަޕޯޓަރުން އެދުމުން، އެކަމާ ބައެއް ސެނެޓަރުން ދެކޮޅު ހެދުމުންނެވެ. ބައެއް ސެނެޓަރުން އެދުނީ އިންތިޚާބު ބޮއިކޮޓްކުރުމާމެދު ވޯޓަށް އެހުމުގެ ކުރިން އެކަމާ ބަހުސްކުރާށެވެ.

ރިޔާސީ އިންތިޚާބު ބޮއިކް ނުކުރުމަށް ރައީސް ޔާމީނަށް ލަފާއެރުވުމަށް ސެނެޓުން ނިންމާފައިވާއިރު، ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީގެ ސެނެޓްގެ މެމްބަރުންގެ މެދުގައި ބޭއްވި އިންތިޚާބު, މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކާމިޔާބު ކުރައްވާފައެވެ.

ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ނިންމީ، އެމަނިކުފާނަކީ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމުން، ޝަރުތުހަމަނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
20%
0%
0%
0%
0%
80%
ކޮމެންޓް