ކ. މާލެ
|
4 އޯގަސްޓް 2023 | ހުކުރު 13:52
އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ޑިރެކްޓަރު އަލީ ޝަމީމް
އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ޑިރެކްޓަރު އަލީ ޝަމީމް
އިންތިޚާބީ ކޮރަޕްޝަން
"ނަޒާހަތްތެރި ވެރިއެއް ހޮވުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި، ވެރިޔަކު ހޮވުމުގައި ބަަލަންވީ ސިފަތަކަށް"
އޭސީސީން ވަނީ އިންތިޚާބާއި ދިމާކޮށް ޓިކްޓޮކް މުބާރާތެއް ފަށާފައި
ޝަމީމް ވިދާޅުވީ ނަޒާހަތްތެރި ކެނޑިޑޭޓެއް ޚިޔާރުކުރުމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް
އިންތިޚާބީ ޝަކުވާގެ ގޮތުގައި އޭސީސީ އަށް އެންމެ ގިނައިން ހުށަހެޅެނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވަކި ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ މައްސަލަ

ނަޒާހަތްތެރި ވެރިއެއް ހޮވުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި ވެރިޔަކު ހޮވުމުގައި ބަަލަންވީ ސިފަތަކަށް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ޑިރެކްޓަރު އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ޝަމީމް ވިދާޅުވީ ކެނޑިޑޭޓަކު ހޮވާއިރު ބަލަންވީ އެ ކެނޑިޑޭޓެއްގެ ސިފަތަކަށް ކަމަށާއި، އޭގެ ތެރޭގައި ނަޒާހަތްތެރިކަން އަށަގެންނެވުމަށް ކެނޑިޑޭޓަކު ކުރާ މަސައްކަތްތަކަށް ބެލިދާނެ ކަަމަށެވެ. އޭނާ ވިދާޅުވީ ނަޒާހަތްތެރި ކެނޑިޑޭޓެއް ޚިޔާރުކުރުމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. ރައްޔިތުންގެ މައްޗަށް ޤާނޫނު ތަންފީޒުކުރަން ވެރިޔަކު ހޮވަނީ ރާއްޖޭގެ ކަންކަން ރަނގަޅަށް ހިންގުމަށްޓަކައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ކެނޑިޑޭޓެއް ހޮވާއިރު ބަލަންވީ އެ މީހެއްގެ ސިފަތަކަށް ކަމަށާއި އެންމެ ގިނައިން ފައިސާ ދޭ މީހަކަށް ވޯޓުދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ކެނޑިޑޭޓުން މުސްތަގްބަލަށްޓަކާ ހުށަހަޅާ ކަންކަން ބެލުމާއި، އެ ކަންކަމަކީ ތަންފީޒުކުރެވޭނެތޯ ބެލުމަށް ފަހު ވޯޓުދިނުން މުހިންމު ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އިންތިޚާބީ ޝަކުވާގެ ގޮތުގައި އެ ކޮމިޝަނަށް އެންމެ ގިނައިން ހުށަހެޅެނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވަކި ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ މައްސަލަ ކަމަށެވެ. އަދި އިންތިޚާބުތަކާއި ދިމާކޮށް ހިނގާ ކޮރަޕްޝަންގެ އަމަލުތައް ގިނަވުމުން އެ ކޮމިޝަނަށް ހުށަހެޅޭ އެފަދަ މައްސަލަތައް ވެސް އިންތިޚާބުގެ ދުވަސްވަރު އިތުރުވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އިލެކްޝަނާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ބެލުމަކީ އޭސީސީގެ ޒިންމާއެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮރަޕްޝަންގެ ކުށްތައް އިންތިޚާބުތަކާއި ދިމާކޮށް ހިނގި ނަމަވެސް މާނަ ކުރާނީ އެއް ހަމައަކުން ކަމަށާއި، މައްސަލަތައް ބަލާނީ ވެސް އެއް ހަމައަކުން ކަމަށް އޭނާ ވިދާޅުވިއެވެ. ރަނގަޅު ވެރިއަކު އިޚުތިޔާރު ކުރުމަކީ ރައްޔިތުންނަށް ލިބޭ ބާރެއް ކަމަށާއި އެ ބާރު ބޭނުންކުރަންވާނީ ޒިންމާދާރުކަމާއި އެކުގައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭސީސީގެ ޑިރެކްޓަރު ފާތުމަތު އިބްނާ ވަނީ އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކެނޑިޑޭޓަކު ހޮވާއިރު އެ މީހެއްގެ ތައުލީމީ ޤާބިލްކަމާއި އެ މީހަކު ކުރިން އަމަލުކުރި ގޮތަށް ވެސް ބެލިދާނެ ކަަމަށް ވިދާޅުވެފައެވެ. އަދި އެ މީހެއްގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަކީ ކޮބާތޯ އާއި ކުރިން ކޮށްދިން ޚިދުމަތްތަކަަށް ބެލިދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބީ ޤާނޫނުގައި ރިޝްވަތުގެ ގޮތުގައި ހިމަނާއިވާ ކަންކަމަށް ބަލާލުމުން، އިންތިޚާބުގެ ޤާނޫނުގެ ފައިދާ ވަކިގޮތަކަށް ނެގުމަށްޓަކައި، ނުވަތަ ވަކި މީހަކަށް ފައިދާ ހޯދާދިނުމަށްޓަކައި، ނުވަތަ ވަކި ގޮތަކަށް ހައްގެއް ބޭނުން ކުރީތީ ހަދިޔާ އެއް ދިނުން ނުވަތަ ކަމެއް ކޮށްދިނުމަކީ ކޮރަޕްޝަންގެ އަމަލުތަކެވެ. އަދި އިންތިޚާބާއި ގުޅިގެން ތާއީދު ހޯދުމަށް ނުވަތ ނުފޫޒު ފޯރުވުމަށް ވަކި ފަރުދަތަކަށް ނުވަތަ ޖަމާއަތަކަށް އެއްޗެއް ނޫނީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ވެސް ރިޝްވަތުގެ އަމަލެކެވެ.

އޭސީސީން ވަނީ އިންތިޚާބާއި ދިމާކޮށް ޓިކްޓޮކް މުބާރާތެއް ފަށާފައެވެ. ޚާއްސަ އިނާމުތަކާއެކު ކުރިއަށްގެންދާ މި ހަރަކާތަކީ ހޭލުންތެރިކުރުމަށް ހިންގާ ހަރަކާތެކެވެ. އެގޮތުން ވޯޓު ނުވިއްކުމަށާއި، ވޯޓުލާން ދިއުމަށް ބާރު އެޅުމަށް މި ހަރަކާތުން އެހީތެރިވެދެއެވެ. އެއްވަނަ އަށް ދާ ފަރާތަކަށް 10،000 ދެވަނަ އިނާމަކަށް 7000 އަދި ތިން ވަނަ އިނާމަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް