ކ. މާލެ
|
3 އޯގަސްޓް 2023 | ބުރާސްފަތި 07:24
ބާސެލޯނާ އަށް އެކުގައި ކުޅުނު މެސީ އާއި ސުއަރޭޒް
ބާސެލޯނާ އަށް އެކުގައި ކުޅުނު މެސީ އާއި ސުއަރޭޒް
ޓްވިޓަރ
އިންޓަ މިއާމީ
މިއާމީ އިން ސުއަރޭޒް ހޯދުމާ ދިމާލަށް، ބާރު އަޅަނީ މެސީ!
ސުއަރޭޒް ބުނީ ކެރިއަރު ނިންމާލުމަށް އެމެރިކާ ލީގުގައި ކުޅުމުގެ ވާހަކަ މީގެ ކުރިން ވެސް ދައްކާފައިވާނެ ކަމަށް

ބްރެޒިލްގެ ގްރެމިއޯ އަށް ކުޅެމުން އަންނަ އުރުގުއޭގެ ލުއިސް ސުއަރޭޒް ހޯދުމުގެ މަސައްކަތް އެމެރިކާގެ އިންޓަ މިއާމީ އިން ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުގަައި ބުނެފައިވާ ގޮތުން މިއާމީން އަންނަނީ އެކަމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ކުލަބުން އެ މަސައްކަތް ކުރަނީ ދާދި ފަހުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް އެ ޓީމަށް ބަދަލުވި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ވެސް އެދުމުގެ މަތިން ކަމަށް ވަނީ ބުނެފަ އެވެ. މެސީ އާއި ސުއަރޭޒް އަކީ މީގެ ކުރިން ސްޕެއިންގެ ބާސެލޯނާ އަށް އެކުގައި ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އެ ދުވަސްވަރުން ފެށިގެން ވެސް މެސީ އާއި ސުއަރޭޒްއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ސުއަރޭޒް މިއާމީ އަށް ބަަދަލުވުމަކީ ގާތް ކަމެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެކަމާ ގުޅިގެން ދާދި ފަހުން ސުއަރޭޒް ވަނީ ބްރެޒިލްގެ މީޑިއާއެއްްގައި ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާ ބުނީ ކެރިއަރު ނިންމާލުމަށް އެމެރިކާ ލީގުގައި ކުޅުމުގެ ވާހަކަ މީގެ ކުރިން ވެސް ދައްކާފައިވާނެ ކަމަށެވެ. އަދި މިހާރު މެސީ ހުރީ އެމެރިކާ ލީގުގައި ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ސުއަރޭޒް އެ ލީގަށް ބަދަލުވާނެތޯ ނުވަތަ ނޫންތޯ ބުނަން އަވަސް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ސަބަބަކީ މިހާރުގެ ކުލަބާއެކު އެއްބަސްވުމެއް ހަދާފައި އޮތުމެވެ. ނަމަވެސް އެ ކުލަބާ ވެސް ދުރަށް ޖެހިލަން ޖެހޭ ވަގުތު ވަރަށް ކައިރީގައި އޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސުއަރޭޒްއާ ގުޅޭ ގޮތުން މީގެ ކުރިން މިއާމީގެ ޖޯޖް މާޝް ވިދާޅުވީ ކޮންމެ ބައެއް ވެސް މަސައްކަތް ކުރާނީ އެ ޓީމެއް ވަރުގަދަ ކުރުމަށް ކަމަށެވެ. ނަމަވެސް ރަސްމީ ގޮތުން އެކަމުގައި ވަކި އެއްޗެއް ވިދާޅުވާން މާޝް ވަނީ އޭރު ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ސުއަރޭޒް އަކީ އެހެން ކުލަބެއްގެ އެއްބަސްވުމުގައި ހުރި ކުޅުންތެރިޔަކަށް ވުމުން އެކަމާ އޭނާ ވާހަކަ ދެއްކުމަކީ އެންމެ އިންސާފުވެރި ގޮތަށް ނުވެދާނެ ކަމަށެވެ.

މެސީ މިއާމީ އަށް ބަދަލުވި ފަހުން އެ ކުލަބުން ވަނީ ކުރިން މެސީއާއެކު ބާސެލޯނާ އަށް ކުޅުނު ދެ ކުޅުންތެރިން ގެނެސްފަ އެވެ. އެއީ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ އެވެ. މިއާމީ އަށް ބަދަލުވުމުގެ ކުރިން މި ތިން ކުޅުންތެރިން އެކުގައި ބާސެލޯނާގައި ބައްދަލުކޮށް، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް