ކުށުގެ ރެކޯޑެއް އޮވެގެން ވަޒީފާ ނުލިބުމަކީ ބަދަލުކުރަން ޖެހޭ ސިޔާސަތެއްކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް އެފަދައިން ވިދާޅުވީ އޭނާގެ ބްލޮގްގައި ޝާއިއުކުރައްވާފައިވާ ލިޔުމެއްގައެވެ. ޝަމީމް ވިދާޅުވީ ކުށުގެ ރެކޯޑެއް އޮތުމުން ވަޒީފާ ނުލިބުމަކީ ހަމަނުޖެހޭ، އިޖްތިމާއީގޮތުން ގެއްލުންބޮޑު ސިޔާސަތެއް ކަމަށެވެ. އެގޮތުން ކުށުގެ މާހައުލުން ދުރުވާން މަސައްކަތްކުރާ މީހަކަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ، ރަނގަޅު ސަޕޯޓް ސިސްޓަމެއް އޮތުން ކަމަށް އޭނާ ވިދާޅުވިއެވެެ. އަޅާލާނެ ޢާއިލާއަކާއި ރަހުމަތްތެރިންނާއި، އަމިއްލަ ފައިމައްޗަށް ތެދުވާން އެހީތެރިވާނެ ވަޒީފާއެއް ނުވަތަ އާމްދަނީ ލިބޭނެ ގޮތެއް އޮތުން މުހިންމު ކަމަށް ޝަމީމް ވިދާޅުވިއެވެ.
މީހަކަށް، ވަޒީފާއަށް ވާދަކޮށްގެން، 'މެރިޓުން' ވަޒީފާ ލިބުމަކީ އަސާސީ ހައްގެއްކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ޝަމީމް ވިދާޅުވީ ސިވިލް ސަރިވސްގެ ވިޔަސް، އެނޫން ދައުލަތުގެ އިދާރާއެއްގެ ވިޔަސް، އެމީހަކާ ހަވާލުކުރެވޭ، އެމީހަކަށް އެ ވަޒީފާގެގޮތުން ލިބޭ މައުލޫމާތުގެ ނުރައްކާތެރިކަމުން، އެމީހާގެ ކުށުގެ ރެކޯޑަށް ބެލުމަށްފަހު، ވަކި ކަހަލަ ވަޒީފާތަކެއް، ވަކި ކަހަލަ ކުށުގެ ރެކޯޑެއް ނުވަތަ ތުހުމަތެއް އޮތް މީހަކަށް ނުދިނުމަކީ ރަނގަޅު ކަމެއް ކަަމަށެވެ. ނަމަވެސް، ކުދިކުދި ވައްކަން، ނުވަތަ އޭނާގެ ކުޑައިރު ދިމާވެފައި އޮތް، ލައިސަންސް ނުނަގައި ސައިކަލް ދުއްވުމުގެ މައްސަލައެއް އޮތަތީ، ދައުލަތުގެ އެއްވެސް ވަޒީފާއެއް ނުލިބޭގޮތް ވެއްޖެނަމަ، އެމީހަކު އިސްލާހުވާން އޮތް ފުރުސަތުން މަހުރޫމްވާ ކަަމަށް ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން ކުށުގެ މާހައުލުން ނުކުންނަން މަސައްކަތްކުރާ މީހުންގެ ތެރެއިން، އެހެން ދިމާއަކުން ސަޕޯޓެއް ނުލިބޭ މީހަކަށް، ވަޒީފާއަކީ، އޭނާގެ އަމިއްލަ ނަފުސުގެ އިތުބާރު ރުޖޫއަކޮށްދޭ ވަސީލަތް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އެފުރުސަތު ގާނޫނުން ފުޅާކޮށްދީފައި ވަނިކޮށް، ގަވާއިދަކުން އިތުރަށް ހަނިކުރުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެއީ އިޖްތިމާއީގޮތުން ކޮށްގެންވާނޭ ކަމެއްވެސް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.
ބައެއް ކަހަލަ ވަޒީފާތައް، ކުށުގެ ވެށިން ނުކުންނަން މަސައްކަތްކުރާ މީހަކަށް ނުދެވުނަސް، އެފަދަ މީހުންނަށް ދެވޭނެ ވަޒީފާތަކެއް ބަލައި، އެ ވަޒީފާތައް އެމީހުންނަށް ދިނުމަކީ، މުޖްތަމައުގެ ހައްގުގައިވެސް ކުރަންޖެހޭ ކަމެއް ކަަމަށް ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން މުޖްތަމައުގެ ނިޒާމުތައް އޮތް ގޮތުން، އެންމެ އަސާސީ ވަޒީފާގެ ފުރުސަތެއްވެސް ނުލިބޭކަމަށް ޝަމީމް ވިދާޅުވިއެވެ.