ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 12:44
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެއެމްވީ
ޒަކާތު ފަންޑުން އެހީތެރިވުން
މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން 1395 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ: އިސްލާމިކް މިނިސްޓްރީ
ބޭސްފަރުވާއަށް ދިއުމަށް އެހީތެރިކަމަށް ބޭނުންވެގެން 1905 މީހުން ފޯމް ހުށަހަޅާފައިވޭ
އެހީތެރިކަން ދިނުމަށް ނިންމަނީ ޒަކާތު ކޮމެޓީން
ކޮމެޓީން އެ ނިންމުން ނިންމާތާ ހަފްތާއެއްގެ ތެރޭގައި ފައިސާ ޖަމާވާނެ

މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން 1395 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުރުޝިދު އަބްދުލްހަކީމް ވިދާޅުވީ، މިއަހަރު މިހާތަނަށް ބޭސްފަރުވާއަށް ދިއުމަށް އެހީތެރިކަމަށް ބޭނުންވެގެން 1905 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. ފޯމްތައް އެވެލުއޭޓް ކުރުމަށްފަހު އެމީހުންގެ ތެރެއިން 1396 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާ، 1395 މީހުންނަށް ފައިސާ ފޮނުވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެހީތެރިކަން ދިނުމަށް ނިންމަނީ ޒަކާތު ކޮމެޓީން ކަމަށާއި، އެ ކޮމެޓީން އެ ނިންމުން ނިންމާތާ ހަފްތާއެއްގެ ތެރޭގައި ފައިސާ ޖަމާވާނެ ކަމަށެވެ.

މުރުޝިދު ވިދާޅުވީ ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ، އެންސްޕާ އިން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް މާލީ ހާލަތްތަކަށް ބެލުމަށްފަހު ޒަކާތު ފަންޑުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެއީ ރާއްޖެއިން ބޭރުން ހޯދާ ފަރުވާއެއް ނަމަ، ފަރުވާގެ އިތުރުން އެހެނިހެން ކަންކަމަށް ފައިސާ ހަރަަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށާއި، ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދާ މީހުންނަށް ކަމަށެވެ.

މީގެ އިތުރުން މުރުޝިދު ވިދާޅުވީ ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުންދަނީ ހަމައެކަނި ބޭސްފަރުވާގެ ކަންކަމަށް އެކަނި ނޫން ކަމަށާއި، ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެއީ އެފަދަ ދަރިވަރުންނަށް ދިމާވާ ހާލަތަކާއި ގުޅިގެން ކޯސް ފީ ނުދެއްކޭ ހާލަތެއްގައި ކަމަށް މުރުޝިދު ވިދާޅުވިއެވެ.

އޭގެ އިތުރުން އަޅުގަނޑުމެން ތައުލީމު އުނގެނެމުންދާ ރާއްޖެއިން ރާއްޖެއިން ބޭރުން ވެސް ތައުލީމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން ދިމާވާ ކަމެއްގެ ސަބަބުން ތައުލީމު ކުރިއަށް ނުގެންދެވި ނުވަތަ ދައްކަން ޖެހޭ ކޯސް ފީ ނުދެއްކޭ ފަރާތްކަށާއި، އޭގެ އިތުރުން ހިލޭ ސާބަހަށް ޤުރުއާނާއި، ދީނީ ތައުލީމާއި ޤުރުއާން ތައުލީމާ މިފަދަ ކަންކަން ކުރިއަށް ގެންދާ ކްލާސްތައް ކުރިއަށް ގެންދާ ފަރާތްކަށް ދިމާވާ ދަތިތަކާއި ގުޅިގެން ވެސް އެފަރާތްތަކަށް ވެސް ފައިސާގެ އެހީތެރިކަން އަޅުގަނޑުމެން އެބަ ދެން.
ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުރުޝިދު އަބްދުލްހަކީމް

ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، މިއަހަރުގެ މެއި މަހުގެ ނިޔަލަށް ބޭސް ފަރުވާ އަށް އެކަނި ވެސް 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް އެހީދޭ އިތުރު ކަންކަމުގެ ތެރޭގައި ދީނީ ކަންކަމާއި، އިކޮނޮމިކް މިނިސްޓްރީ އާއި، އިސްލާމިކް މިިނިސްޓްރީން ގުޅިގެން ''ޒަކާތު ނަފާ'' ގެ ނަމުގައި ޒަކާތު ފަންޑު މެދުވެރިކޮށް ފަގީރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޚާއްސަ ޕްރޮގްރާމެއް ހިންގުން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް