ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 22:21
ފުވައްމުލަކު ސިޓީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ
ފުވައްމުލަކު ސިޓީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާ
ފުވައްމުލަކުގެ އެއަރޕޯޓާއި ބަނދަރު ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
އެއަރޕޯޓް ބޮޑުކުރުމަށް ކުރިއަތް އޮތް ދައުރުގައި ދިރާސާ ކުރާނަން

ޏ. ފުވައްމުލަކުގެ އެއަރޕޯޓް ބޮޑުކުރުމަށް ކުރިއަތް އޮތް ދައުރުގައި ދިރާސާ ކުރައްވާ، އެންމެ ބޮޑު މަތިންދާ ބޯޓުތައް ޖެއްސޭނެ މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށުގައި ބަނދަރު ކުޑަ ކަމަށާއި ރަށުގެ ބަނދަރު ބޮޑު ކުރެވެން އޮތް ގޮތް ބައްލަވާ އެކަން ވެސް ކުރައްވާނެ ކަމަށެވެ. އަދި ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް ކުޑަކުދިންނަށް ޚާއްސަކޮށްގެން އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކަށް 2018 ވަނަ އަހަރު ވެސް ކެމްޕޭނަށް ވަޑައިގެންނެވި ކަމަށާއި އެފަހަރުގެ ރިޔާސީ އިންތިޚާބަށް ނިކުތްއިރު އެކުލަވާލި މެނިފެސްޓޯއަކީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް އެކުލަވާލި މެނިފެސްޓޯއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ރައްޔިތުން އެންމެ ފުރަތަމަ ވެސް ބޭނުންވި ކަމަކީ މަގުތައް ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ފެނާއި ނަރުދަމާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ދުވަހު ވެސް ވެރިކަމަށް ވަޑައިގެން ރައްޔިތުން ބޭނުންވި ކަންތައްތަކުގެ މަޝްރޫއުތައް ފެއްޓެވި ކަމަށެވެ. އަދި ސަރުކާރުގެ ޕްލޭނަކީ މަގުގެ ހުރިހާ މަޝްރޫއެއް ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ފުވައްމުލަކީ އެހެން ރަށްތަކާއި އަޅާބަލާއިރު ޚާއްސަ ދިރުމެއް އޮތް ރަށެއް ކަމަށެވެ. ރާއްޖެ މިދެކޭ ތަރައްޤީގައި ފުވައްމުލަކު ރައްޔިތުންގެ ހިއްސާ ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ސަރުކާރަކުން ވެސް ފުވައްމުލަކަށް މަޝްރޫއުތައް ހިންގުމަށް މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް ފަހަރަކު މަޝްރޫއެއް ފެށުމަށް އޭރުގެ ސަރުކާރުތަކުން މަސައްކަތް ކުރުމުން އެ މަޝްރޫއުތައް ނިންމުމަށް ލަސްތަކާއި ކުރިމަތިވި ކަމަށް ވިދާޅުވިއެވެ.

މި ދައުރުގައި ރަށުގައި ސަރުކާރުން ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށާއި ބައެއް ސަބަބުތަކާ ހެދި ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދެވިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަތް އޮތް ދައުރުގައި ސިންތެޓިކް ޓްރެކާއި ސްޓޭޑިއަމް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ބައެއް އޮފީސްތަކުގެ މަސައްކަތް ރަށަށް ބަދަލުކުރައްވާނެ ކަމަށެވެ. ރަށުގައި ކުރިއަށް ގެންދިޔުމަށް ޕްލޭންކޮށްފައި ހުރި މަޝްރޫއުތަކާއި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތައް ނިމޭއިރު ދައުލަތުގެ ބަޖެޓުން ބިލިއަނެއްހާ ރުފިޔާ ރަށުގެ ތަރައްޤީގެ މަޝްރޫއުތަކަށް އެކަނި ޚަރަދު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމަށް ހަމަޖެހުން ގެނެވޭނީ ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އެއީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތް ކަމަށާއި އެހެންވުމުން މިފަހަރު ވެސް ރިޔާސީ އިންތިޚާބަށް ނިކުންނެވީ ކޯލިޝަނަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ޙިޔާލުތަފާތުވާ މީހުންނަށް މި ސަރުކާރުން ޖާގަ ދޭނެ ކަމަށާއި ކުރިއަތް އޮތްތާނގައި ވެސް މަސައްކަތްޕުޅު ކުރައްވާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް