އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތްއިރު 1948ގައި ރާއްޖޭގެ ވެރިން އިސްވެ ތިއްބަވައިގެން އިނގިރޭސިންނާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެންނެވި ކަމަށާއި، ބަދަލުތަކާއެކު އެ އެއްބަސްވުން ނުވެވުނު ނަމަ ވަަރަށް ފަސޭހައިން ރާއްޖެ ސްރީލަންކާގެ ބައެއްގެ ގޮތުގައި ހަމަޖެހުމުގެ ފުރުސަތު އޮތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
1887 ވަނަ އަހަރު ރާއްޖެ އާއި އިނގިރޭސިންނާ އެކު އެކުލަވާލި ޕްރޮޓެކްޓްރޭޓް ނުވަތަ ސަލާމަތީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަންކަން ބެލެހެއްޓެވީ ކޮޅުނބުގައި ހުންނެވި އިނގިރޭސިންގެ ގަވަރުނަރުކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން، އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް އިރު ވެސް، ރާއްޖޭގެ ދިފާއީ އަދި ޚާރިޖީ ކަންތައްތައް އިނގިރޭސިން ބަލަހައްޓަމުން ދިޔަ ނަމަވެސް ރާއްޖޭގެ ދާހިލީ ކަންތައް ބެލެހެއްޓެވީ ވެރިކަމުގައި ހުންނެވި ބޭފުޅެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން، 1948ގައި ސިލޯނަށް މިނިވަންކަން ލިބުނު އިރު ރާއްޖެ އާއި ދޭތެރޭ ވަރަށް ގޯސްކޮށް ވެސް ކަންކަން ހިނގާފާނެ ކަމުގެ ހަނދާން މިއަދު އައުކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. 1947ގައި އިންޑިއާ އަށް މިނިވަންކަން ލިބުނު އިރު، 1948ގައި ސިލޯނަށް މިނިވަންކަން ލިބުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ 1948 ވަނަ އަހަރުގެ އެޕްރިލް މަހު އިނގިރޭސިންނާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލުގެނެސްފައި ވަނީ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ބެެއްލެވުމުގެ ދަށުން ކަމަށެވެ. އެކަން ކުރެއްވީ އޭރުގެ ވެރިންގެ ދުރުވިސްނުމާއި އެކުގައި ކަމަށާއި، މިނިވަން ދައުލަތެއްގެ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން ތިބެވުނީ އެ ނިންމެވުމުގެ ސަބަބުން ކަމަށް ވެސް ޝާހދިު ވިދާޅުވިއެވެ.
މުހައްމަދު އަމީން ވިދާޅުވެފައި އޮވޭ ތިމަން މަނިކުފާނަށް ޤައުމަށް ޚިދުމަތެއް ކުރެވިފައިވާ ނަމ، ކުރެއްވިފައިވާ ޚިދުމަތަކީ އެއޭ. 48 ވަނަ އަހަރުގެ އެގްރިމެންޓް އިނގިރޭސިންނާއި އެކު ކުރެއްވުމޭ. އެ އެގްރީމެންޓް އޭރު ނުކުރެވުނު ނަމަ އަޅުގަނޑުމެން ވަރަށް ފަސޭހައިން ސްރީލަންކާގެ ބައެއްގެ ގޮތުގައި އެ މިނިވަންކަމުގެ އެރޭންޖްމެންޓްގައި ދާން އޮތީ.މިނިސްޓަރު ޝާހިދު
ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ އޮތުމުގައި އޭރު އިންޑިއާގެ ޕްރައިމް މިނިސްޓަރު ނެހްރޫ ރާއްޖޭގެ ވެރިންނަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުތަކުގެ ދައުރު ޝާހިދު ފާހަގަކުރެއްވިއެވެ. އޭރު އިންޑިއާ ވެސް ބޭނުންވީ ރާއްޖެ ސްރީލަންކާގެ ބައެއްގެ ގޮތުގައި ނުވެ، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ކަމަށާއި އިނގިރޭސިންވެސް ބޭނުންވީ އެ ގޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ. މިނިވަންކަމުގެ ޢީދު އަންނަ އިރު ގައުމު މިނިވަންކަން މަތީ ދެމެހެއްތެވި ބޭބޭފުޅުންގެ ޒިކުރާ އާކުރަން ޖެހޭ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
އިތުރަށް ޝާހިދު ވިދާޅުވީ ރާއްޖެ އަކީ ބައިމަދު ޤައުމަކަށް ވީ ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގައި އޮތީ ވަރުގަދަ ވަތަނީ ރޫހެއް ކަމަށެވެ. އަދި ރާއްޖޭގެ ތާރީހަކީ ވަރަށް ގަދީމީ ތާރީހެއް ކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް އެއްވެސް ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ދިގު މުއްދަތަކަށް ރާއްޖެ އޮތްކަން އެއްވެސް ސިފައެއްގައި އެނގެން ނެތް ކަމަށެވެ. ރާއްޖެ އަބަދުވެސް އޮތީ އިސްތިޢުމާރީ ގޮތުން މިނިވަން ޤައުމެއްގެ ގޮތުގައި ކަމަށާއި އިނގިރޭސިން ރާއްޖޭގައި ތިބި އިރު ވެސް ރާއްޖެ އޮތީ އިނގިރޭސިންގެ ކޮލޮނީ އެއްގެ ގޮތުގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެ އަކީ އަބަދުވެސް ފަޚުރުވެރި ރޫހެއް އޮތް ވަތަނީ ތަނެއް ކަމަށާއި އެކަން ރާއްޖޭގެ ތާރީހުން އެނގޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.