ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކ. ތުލުސްދޫއަށް ވަޑައިގަންނަވާއިރު ފުލުހުންނަށް ރަށުގެ އެއްވެސް ސަރަހައްދެއް ބަންދުކޮށް ކޯޑަން ކުރެވޭނީ ކައުންސިލުން ހުއްދަ ލިބިގެން ކަމަށް އެ ކައުންސިލުން ކަނޑައަޅާފައިވާއިރު މައްސޫލިއްޔަތުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރާނެކަމަށް ފުލުހުން ބުނެފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކ. ތުލުސްދޫއަށް ވަޑައިގަންނަވާއިރު ފުލުހުންނަށް ރަށުގެ އެއްވެސް ސަރަހައްދެއް ބަންދުކޮށް ކޯޑަން ކުރެވޭނީ ކައުންސިލުން ހުއްދަ ލިބިގެން ކަމަށް އެ ކައުންސިލުން ކަނޑައަޅައި ވަނީ ޤަރާރެއް ނެރެފައެވެ.
ތުލުސްދޫ ކައުންސިލްގެ ފަސް މެންބަރުން ސޮއިކުރައްވާފައިވާ މި ގަރާރުގައި ބުނެފައިވަނީ އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ދާއިރު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ އެ ބާރު ކަނޑުވާލާ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ރައްޔިތުންނާއި ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާތީ އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ލާމަރުކަޒީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެ ރަށެއްގެ އަމަންއަމާންކަން ބެލެހެއްޓުމާއި ރަށުގެ މަސްލަހަތު ހިޔާމަތްކޮށް ރައްކާތެރިކުރުމަކީ ކައުންސިލްތަކުން ކުރުން ލާޒިމުކުރުވާ ކަމެއް ކަމަށް މި ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ތުލުސްދޫ ކައުންސިލްގެ ގަރާރުގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުން ލިބޭ ބާރުގެ ދަށުން ރަށުގެ އެއްވެސް ސަރަހައްދެއް ފުލުހުންނަށް ބަންދުކުރެވޭނީ އެ ކައުންސިލުގެ ހުއްދަ ލިބިގެން ކަމަށެވެ. މި ގަރާރުގައި ވަނީ ރައީސް ޔާމީން މިނިވަންކޮށް މިނިވަން ވާދަވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް ގޮވާލާފައެވެ. ތުލުސްދޫ ކައުންސިލްގައި ތިބި ފަސް ކައުންސިލަރުންގެ ތެރެއިން ހަތަރު ކައުންސިލަރުންނަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސަށް ނިސްބަތްވާ ކައުންސިލަރުންނެވެ. އަނެއް ކައުންސިލަރަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނުހިމެނޭ ކައުންސިލަރެކެވެ.
މި ޤަރާރާއި ގުޅިގެން ފުލުހުންނާއި ރާއްޖެއެމްވީން ސުވާލުކުރުމުން ފުލުހުން ބުނީ ފުލުހުންގެ މަސްއޫލިއްޔަތުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށެވެ. އަދި ފުލުހުން ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރާނެ ކަމަށާއި ކައުންސިލްގެ އެއްބާރުލުން ނުލިބޭނެ ކަމަށް ޤަބޫލެއްނުކުރާ ކަމަށެވެ. މީގެއިތުރުން ލާމަރުކަޒީ ޤާނޫނުގައި ވެސް ބުނަނީ ފުލުހުން އެދޭކަންކަމަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 70 ވަނަ މާއްދާގައިވާގޮތުން އިދާރީ ދާއިރާތަކާއި ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމުގެ ތެރޭގައި ކައުންސިލްތަކުގެ އެހީއަށް އެދިއްޖެނަމަ ކައުންސިލްތަކަށް ވުވުނު މިންވަރަކުން އެފަދަ ކަންކަމުގައި ފުލުހުންނަށް އެހީތެރިވެދޭން ޖެހޭނެއެވެ. އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ވާޖިބުތައް އަދާކުރުމުގައި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ދޭންވާނެއެވެ.