ހޮނިހިރު ދުވަހު ފެށި ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި ވެމްކޯ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
ގްރޫޕް ބީގައި ވެމްކޯ މެޗު ކާމިޔާބުކުރީ ޓީމް ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އާއި ވާދަކޮށް 3-2 ނެވެ. މެޗުގައި ވެމްކޯގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ޝިޔާހުއެވެ. ދެވަނަ ލަނޑު ޖެހީ އަލީ ރެޒާ ޝެއިކުލާރެވެ. ތިންވަނަ ލަނޑު ޖެހީ މުސައްނިފު މުހައްމަދެވެ. އެފްއެސްއެމްގެ ދެ ލަނޑު ޖެހީ މުޙައްމަދު ތޯހިރުއާއި މުހައްމަދު ޝާންއެވެ. އެފްއެސްއެމް އިން ދެ ލަނޑު ޖެހީ ވެމްކޯއިން ތިން ލަނޑު ޖެހި ފަހުންނެވެ.
މިގްރޫޕްގައި އުރީދޫއާއި ކްލަބް އާރުއޯއެލް ވާދަކުރި މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. އާރުއޯއެލްގެ ދެ ލަނޑު ޖެހީ ހުސައިން ފަޔާޒުއާއި އައިހަމް ސައީދުއެވެ. އުރީދުގެ ދެ ލަނޑު ޖެހީ މުހައްމަދު އަނަސްއާއި ހުސައިން ޝަރީފެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހުސައިން ޝަރީފެވެ.
ގްރޫޕް އޭގެ ފުރަތަމަ ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މޯލްޑިވިއަންއާ ސްޓެލްކޯ ކްލަބް ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގައި ހަމްދާން އަބުދުއްސައްތާރު ލަނޑު ޖަހާ މޯލްޑިވިއަންއަށް ކުރިހޯދައިދީފައި ވަނިކޮށް, ސްޓެލްކޯއިން އެއްވަރުކުރީ ފަހު މިނިޓްގައެވެ. އެއީ އަލީ މާއިސްގެ ލަނޑުންނެވެ. މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ މުހައްމަދު ސިޔާޒުއެވެ.
މިގްރޫޕްގައި ޓީމް އެމްޓީސީސީއާއި ބަރޮސް މޯލްޑިވްސް ވާދަކުރި މެޗުވެސް އެއްވަރުވީ 1-1 ނެވެ. އެމްޓީސީސީން ލީޑް ނެގީ އަލީ ނާފިއުގެ ލަނޑުންނެވެ. ބަރޮސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ސަފްވާން އަދުނާނެވެ.
ކްލަބް މޯލްޑިވްސް ކްލެސިކްގެ ފުރަތަމަ ދެ މެޗުގެ ތެރެއިން ގްރޫޕް އޭގެ ފުރަތަމަ މެޗު ކާމިޔާބުކުރީ އޭސީސީ ރެކްރިއޭޝަން ކްލަބެވެ. އެއީ ޓްރޭޑް ކްލަބާ ވާދަކޮށް 2-1 ނެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ހުޅުމާލެ ހޮސްޕިޓަލާއި, ހޯމް ފޯ ޕީޕަލް ވިތް ސެޕްޝަލް ނީޑްސް (އެޗްޕީއެސްއެން) ވާދަކޮށް ނިމުނީ 1-1 ން އްވަރުވެގެންނެވެ.