ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 09:03
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު
ރާއްޖެއެމްވީ
ބޯޑަރު ހުޅުވާލިތާ 3 އަހަރު
ބޯޑަރު ހުޅުވާލީ ހަރުދަނާ ފިޔަވަޅުތަކާއެކު، ކްރެޑިޓް އޮތީ ރައީސް ޞާލިޙަށް: ތޮއްޔިބު
އާންމު ރައްޔިތުން އޭރު އުޅެމުންދިޔަ ޙާލު ބައެއް ފަރާތްތަކުން ހަނދާން ނައްތާލާފައިވޭ
އޭރު ރައީސްގެ ބެއްލެވުމުގެ ދަށުން ވަރުގަދަ ކޮމިޓީއެއް އެކުލަވާލެވުނު
ބޯޑަރު ހުޅުވާލަން ނިންމެވީ ހަރުދަނާ ޤަވާއިދުތަކަކާއި އުސޫލުތަކެއްގެ ދަށުން

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ބޯޑަރު ހުޅުވާލީ ހަރުދަނާ ފިޔަވަޅުތަކާއެކު، ސީދާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ބެއްލެވުމުގެ ދަށުންކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބޯޑަރު ހުޅުވާލިތާ 3 އަހަރު ފުރުމާ ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ، އާންމު ރައްޔިތުން އޭރު އުޅެމުންދިޔަ ޙާލު ބައެއް ފަރާތްތަކުން ހަނދާން ނައްތާލާފައިވާ ކަމަށެވެ.

އޭރު މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، އެންމެ ފަހުން ރާއްޖޭގެ ބޯޑަރުވެސް ބަންދު ކުރަން ޖެހުނީ ކަމަށާއި، އޭރު ނިންމެވުންތައް ނިންމަވަން ހުންނެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ، އޭރު ރައީސްގެ ބެއްލެވުމުގެ ދަށުން ވަރުގަދަ ކޮމިޓީއެއް އެކުލަވާލެވުނު ކަމަށާއި، އެ ކޮމިޓީގައި ދެން އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނު ކަމަށެވެ.

މަޑުމަޑުން ގޮސް މުޅި ޤައުމު ބަންދުކުރީވެސް ވިސްނަވާފައި
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު

އެ ދަނޑިވަޅުގައިވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަވެފައި ހުރިތޯ ކަށަވަރު ކުރެއްވުމަށް ރައީސް މުހިންމު ފިޔަވަޅުތައް އަޅުއްވަމުން ގެންދެވިކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އެގޮތުގެ މަތިން އޭރު ފެސިލިޓީތައް ޤާއިމުކޮށް މަސައްކަތްތަކެއް ކުރެވުނުކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ލިސްޓު ނަންގަވައިގެން ކޮންމެ ރެެއަކު މަޝްވަރާ ކުރެއްވި، މިވެނި ރަށަކަށް (ކާޑުގެ ބާވަތްތައް) ލިބިއްޖެ ހެއްޔޭ
މްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު

އޭރު ކައިރި ހިސާބެއްގައިވެސް ބޯޑަރު ހުޅުވޭނެކަމުގެ އުއްމީދެއް ނެތް ކަމަށާއި، ނަމަވެސް އިންޑަސްޓްރީން ކުރި މަސައްކަތްތަކުގެ ތެރެއިން ގިނަ އެއާލައިންތަކާ ގުޅުންވެސް ބަދަހިކުރެވުނުކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

އެއަށްފަހު، ބޯޑަރު ހުޅުވާލުމުގެ ކުރިން ރިސޯޓުތަކާއި ގެސްޓުހައުސްތައް ތައްޔާރު ކުރުމަށް ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާކޮށް ފިޔަަވަޅުތައް އަޅުއްވަން ތައްޔާރުވިކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ބޯޑަރު ހުޅުވާލަން ނިންމެވީ ހަރުދަނާ ޤަވާއިދުތަކަކާއި އުސޫލުތަކެއްގެ ދަށުންކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ، އެ ކަންކަން ކުރިއަށްދިޔައީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ހުޅުވާލިތާ މާ ގިނަ ދުވަހެއްނުވެ، ރާއްޖެއަށް ބޭރުގެ ހުއްދަތައްވެސް ލިބެންފެށިކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ، އެފަދަ ޙައްސާސް ދަނޑިވަޅެއްގައި، އެކި ދިމާލުން އައި ތަފާތު އެކި ހުށައެޅުންތަކާއެކުވެސް، ބޯޑަރު ހުޅުވާލެއްވުމުގެ ފަހު ނިންމެވުން ނިންމެވީ ރައީސް ކަމަށާއި، އެކަމުގެ ކްރެޑިޓް އެހެން ފަރާތަކަށް ނެގޭކަށް ނެތް ކަމަށެވެ.

ކޮވިޑުގައި އެޅުނު ނުކިއްސަރު ފިޔަވަޅުތަކުގެ ނަތީޖާ މިއަދު އެތައް ޤައުމަކުން ފެންނަމުންދާއިރު، ދިވެހިންގެ ޙާލަތު އެއަށްވުރެ އެތައް ގުނައަކަށް ރަނގަޅުކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް