މޯލްޑިވްސް ޕޯސްޓަށް ޕްރައިވެޓް ސެކްޓަރާ ވާދަކުރަން ޖެހިފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އީ-ޓުކުރީގެ މޯބައިލް އެޕްލިކޭޝަން ތައާރަފުކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ވިދާޅުވީ ޕްރައިވެޓް ސެކްޓަރާ ވާދަކުރެވޭނެ އުސޫލަކަށް ކަންތައްތައް ބައްޓަން ކުރަމުންދާއިރު ޕީސީބީގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އާދަމް މިފަދައިން ވިދާޅުވެފައިވާއިރު ޕްރައިވެޓް ސެކްޓަރުގައި ވެސް ޕޯސްޓް ޚިދުމަތްދޭ ގިނަ ފަރާތްތައް ތިބެއެވެ. އަދި އެކި ގޮތްގޮތުން މިދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި މީހުންގެ ނިސްބަތް އިތުރުކަން ފާހަގަކޮށްލެވެއެވެ.
އާދަމް ވިދާޅުވީ ޤާނޫނަށް އައިސްފައި ހުރި ބަދަލުތަކާއެކު ފައިސާގެ ޓްރާންސްކެޝަންސް ކުރިއަށް ގެންދިޔުމަށް މިވަގުތު ދަތިކަމެއް ހުރި ކަމަށާއި އެކަމުގައި ގޮންޖެހުން ހުރި ކަމަށެވެ. އެކަންތައްތައް ހައްލުކުރުމަށް ކަމާއިބެހޭ ވުޒާރާތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހި ގޮތްތަކެއް އެކަމުގައި ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް ވެސް އާދަމް ވިދާޅުވިއެވެ.
25 ވަރަކަށް އަހަރު ޕޯސްޓަށް ޚިދުމަތްކުރި މުވައްޒަފުން ގިނަކަން ފާހަގަކުރައްވާ އާދަމް ވިދާޅުވީ އޭގެ ތެރޭގައި ވެސް ގިނައީ އަންހެން މުވައްޒަފުން ކަމަށެވެ. އެގޮތުން 19 ވަރަކަށް އަންހެން މުވައްޒަފުން ޚިދުމަތުގައި ދެމިތިބި ކަމަށް ވިދާޅުވިއެވެ. އަދި މުވައްޒަފުންނަށް ކަންތައްތައް ރަނގަޅުކޮށްދިނުމަށް ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ދުނިޔޭގެ ކުރިއަރާފައި އޮތް 6 ޤައުމުގެ ތެރޭގައި 172 ޤައުމާ ވާދަކޮށް އީއެމްއެސް އިން ގޯލްޑް މެޑަލް ހޯދާފައިވާކަން ފާހަގަކުރައްވާ އާދަމް ވިދާޅުވީ އެ ލެވަލްގައި ދެމިތިބޭނެ ކަމަށެވެ. ދާއިރާ ކުރިއަރުވާ ތަފާތު ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ކަމަށް ވެސް އާދަމް ވިދާޅުވިއެވެ.